މި ސަރުކާރުން އެކުލަވާލާ ގާނޫނުގެ ދަށުން އެންމެ ފުރަތަމަ ބޯހިޔާވަހިކަން ލިބިގެންދާނީ ދިރާސާކޮށްގެން އެކުލަވާލާ ދަފްތަރުގެ ތަރުތީބަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ވިދާޅުވެއްޖެއެވެ.
ބޯހިޔާވަހިކަމުގެ ބިލަށް ވާހަކަދައްކަވަމުން ރިފާއު ވިދާޅުވީ، މީގެ އަހަރެއްހާ ދުވަސް ކުރިން މަޖިލީހުގެ އިންތިހާބަށް ކެމްޕެއިން ކުރަމުންދިޔައިރު އެންމެ ގިނައިން މާލެ ސަަރަހައްދުގެ ރައްޔިތުން އެންމެ ގިނައިން ސުވާލު ކުރަމުންދިޔަ އެއްކަމަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ގެނައުމަށް ކަނޑައެޅިފައިވާ ހައްލުތައްކަމަށެވެ. އެހެންކަމުން ރައީސް ޑރ މުހައްމަދު މުއިއްޒު އެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް އެދިވަޑައިގަންނަވާކަމުގެ އިތުރުން ފަސް އަހަރުގެ ދައުރު ނިމޭއިރު އެ ދަތިކަން ހައްލުވެގެންދާން އެދިވަޑައިގަންނަވާކަންވެސް ހިއްސާކުރައްވާފައިވާނެކަމަށެވެ.
ރިފާއު ވިދާޅުވީ، އެ ހައްލު ގެނެސްދިނުމަށްޓަކައި ޕީއެންސީން ކުރާނެ އެންމެ މުހިންމު އެއް މަސައްކަތަކީ ގާނޫނެއް ފަރުމާކޮށް އެ ގާނޫނުގެ ތެރެއިން އިންސާފާއި ހަމަހަމަކަން އަދި ހައްގު ކަށަވަރުކޮށްދިނުންކަމަށް ވިދާޅުވިކަމަށެވެ. އަދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ގާނޫނު މަޖިލީހަށް ގެނެވިފައިވާކަމަށާއި ހިމެނޭ މުހިންމު ކަންކަމަށް ބަލާއިރު އެންމެ ފުރަތަމަ ބޯހިޔާވަހިކަމަށް ބޭނުންވާ މީހުނަކީ ކޮބައިކަން ރަސްމީގޮތެއްގައި ދެނެގަތުމުގެ މަސައްކަތްތައް ކުރަންޖެހޭކަން ފެނިގެންދާކަމަށް މައުލޫމާތު ދެއްވިއެވެ.
މެމްބަރު ވިދާޅުވީ، ގާނޫނު ތަސްދީގުކުރާތާ 6 މަސް ދުވަހުގެ ތެރޭގައި ބޭނުން ޖެހިފައިވާ މީހުން ދެނެގަތުމުގެ ގޮތުން ސާވޭއެއް ހަދަންޖެހޭކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާކަމަށެވެ. ރިފާއު ވިދާޅުވީ، އެމްޑީޕީގެ މެމްބަރުންނަށް މި ބިލު ފެނުމުން ވަރަށް އުނދަގޫވާނެކަަމަށާއި އެޕާޓީން ގެންގުޅެފައިވަނީ ޕާޓީގެ ދަފްތަރުގައި ތިބި ބަޔަކަށް ބޯހިޔާވަހިކަން ދިނުމުގެ ވިސްނުންކަމަށެވެ.
ނަމަވެސް ރައީސް ޑރ މުއިއްޒު ރާއްޖޭގެ ކޮންމެ ރައްޔިތަކީވެސް ހަމަހަމަ ރައްޔިތަކަށް ވުމަށް އެދިވަޑައިގަންނަވާކަމަށާއި މި ސަރުކާރުގައި އެންމެ ފުރަތަމަ ބޯހިޔާވަހިކަން ލިބިގެންދާނީ ގާނޫނުގެ ދަށުން ހެދޭ ދަފްތަރުގެ ތަރުތީބަށް ރިއާޔަތްކޮށްގެންކަމަށް ފާހަގަކުރެއްވިއެވެ.
ރިފާއު ވިދާޅުވީ، ޕާޓީގެ މައުލޫމާތުތަކެއް ހިއްސާކުރަން ގާނޫނުގައި ނެތްކަމަށާއި އެހެންކަމުން ވަކި ޕާޓީއަކަށް ނިސްބަތްވެގެން ޕޮއިންޓުތަކެއް ލިބިގެން ނުދާނެކަމަށެވެ. މެމްބަރު ވިދާޅުވީ، އެމްޑީޕީގެ ދައުރުގައި އޭގެ ކުރިން ޕީޕީއެމްގެ ސަރުކާރުން ހެދި ފްލެޓް ލިސްޓު ގަޑުބަޑުކޮށްގެން 7000 ފްލެޓު ބަހާލި މަންޒަރު ފެނުނުކަމަށެވެ. އެހެންކަމުން އެ ޕާޓީއަށް މި ބިލު ފެނުމުން އުނދަގޫވާނެކަމަށާއި ސަބަބަކީ އަނެއްކާވެސް ހަދާ ލިސްޓެއް ފުރުސަތު ލިބިއްޖެ ހާލަތެއްގައި ބަދަލުކުރުމުގެ ވިސްނުން ގެންގުޅުންކަމަށް ވިދާޅުވިއެވެ.

