ޤާނޫނުއަސާސީގެ ކުރިމަތީގައި އެންމެންވެސް ހަމަހަމަކަމަށް ޤާނޫނުގައި ހުދާއި ކަޅުން ލިޔެފައިވެއެވެ. އެގޮތުން ޤާނޫނު ހިންގުމުގައި މީހެއްގެ ކުލައަކަށް، ހައިސިއްޔަތަކަށް ބެލުމެއް ނުވާކަން މިއީވެސް ޤާނޫނުއަސާސީގައި ލިޔެވި ބަޔާންވެފައިވާ ކަންކަމެވެ.
އެހެންނަމަވެސް މި ހަމަހަމަކަން ޤާއިމު ކުރެވޭބާއެވެ؟
އެންމެ އާންމު އެއް މައްސަލައަށް ބަލާއިރު، ވަޒީފާގެ ބާޒާރަށް ބަލާލަމާތޯއެވެ؟ ރާއްޖޭގައި އަމަލުކުރާ އުސޫލަށް ބަލާއިރު، ގިނަ ފަހަރު ވަޒީފާ ދިނުމުގައިވެސް ބަލަނީ މީހާގެ ތައުލީމާ ޤާބިލިއްޔަތުކަމަށްވުރެ ބޮޑަށް އެމީހާގެ ހަސަބާއި ނަސަބަށެވެ. ހައިސިއްޔަތަށެވެ. ބާރު އޮތް މިންވަރަށެވެ. މިއީ އަދުގެ ވަޒީފާގެ ބާޒާރަށް ނުކުންނަ އެތައް ޒުވާނުންނެއް ދައްކަމުންދާ ވާހަކައެކެވެ. ”ކިޔެވިޔަސް، ވަޒީފާގަނޑެއް ނުލިބޭ“ ކަމަށް މިއަދު ޤަބޫލުކުރާ ޒުވާނުންވެސް ވަކި މަދެއް ނޫނެވެ.
އެހެން އެކަން ދިމާވާން ޖެހެނީ މި ދަންނަވާ ހަމަހަމަކަން ޤާއިމުވެފައި ނެތުމުންނެވެ. ވަޒީފާއާއި މަޤާމުތައް ދިނުމުގައި ހަމަހަމަކަމާއި އަދުލުވެރިކަން ގެންގުޅޭނަމަ، އިސްކަންދޭނީ ތައުލީމާ ޤާބިލުކަމަށެވެ. އޭގެ ހެޔޮ އަސަރު ޤައުމުގެ މުސްތަޤުބަލަށްވެސް ކުރާނެއެވެ.
ސިއްޙީ ނިޒާމަށް ބަލާއިރުވެސް ފެންނަން އޮތީ ހަމަ މި ދެންނެވި މަންޒަރެވެ. ދިވެހިން އައު ސާސްކަފެއް ފަށައި، 2025 ގުނަމުންދާއިރު، އަދިވެސް އިވެނީ ބޭސް ސިޓީއަށް ސަލާންޖަހަން ޖެހޭ ވާހަކައެވެ. ބޭސްކޮޅު ނުލިބޭ ވާހަކައެވެ. ސިއްޙީ ފަރުވާ ނުލިބޭ ވާހަކައެވެ. ސިއްޙީ ފަރުވާ ހޯދުމަށް އާންމު ރައްޔިތުން ”ގަނަތެޅެންޖެހޭ“ ވާހަކައެވެ. އަތޮޅު ތެރޭގައި ސިއްޙީ ފަރުވާ އެކަށީގެންވާ ގޮތެއްގައި ނުލިބޭ ވާހަކައެވެ. މާލެއިންވެސް ފަރުވާގެ ނިޒާމުގައި އެތައް ގޮންޖެހުންތައް ހުރިކަމުގެ ވާހަކައެވެ.
މިކަމުގައިވެސް އާންމު ރައްޔިތުން އުފުލާ ތަކުލީފުތައް ހާސްގުނަ އިތުރެވެ. އާސަންދައާއި އެނޫންވެސް ސިއްޙީ އެހީތައް ހޯދުމުގައި ދިމާވާ ގޮންޖެހުންތަކަށް ބަލާލިޔަސް އެކަންކަން ހުރީ ފެންނާށެވެ. އެންމެ ކުޑަމިނުން ހޮސްޕިޓަލެއްގެ ޕްރައިވެޓް ކޮޓަރިއެއްވެސް ކޮންމެވެސް މަޖިލިސް މެމްބަރެއް ނުވަތަ ”ވެރިއަކަށް“ ގުޅައިގެން މެނުވީ ފަސޭހައަކުން ނުލިބޭކަމަށް އަބަދުވެސް ބުނާ އަޑުއިވެއެވެ. މިއީ ހަމަހަމަކަން ނެތްކަމުގެ މިސާލެކެވެ.
ދެން އޮތީ އަދުލު އިންސާފުގެ ވާހަކައެވެ. އަދުލު އިންސާފު ޤާއިމު ކުރުމުގައިވެސް ވެރިއެއް، ރައްޔިތެއް ތަފާތުކުރުމެއް ނޯވެއެވެ. އޮންނަނީ ހަމަހަމަކަމާއި އިންސާފުގެ މަގު ހިޔާރުކުރާށެވެ. ނަމަވެސް ކަން ހިނގަނީ އެ މަގަކުން ނޫނެވެ.
އެކިއެކި މައްސަލަތައް ކޮންމެ އަހަރަކުވެސް އިދާރާތަކަށް ހުށަހެޅެމުންދާއިރު، އެއިރަކު އޮންނަ ސަރުކާރަކުން ބޭނުންވުމުން ރޮކެޓް ސްޕީޑުގައި ގޮސް ނިންމާލާ މައްސަލަތައް ހުރެއެވެ. އެއިރަކު ކޯޓުތަކުގެ ޖާގައާއި، ވަސީލަތް ނެތުމާއި، ގޮންޖެހުންތައް ހުރުން ފަދަ ”ބަހަނާތަކެއްގެ“ ވާހަކައެއް އަޑެއް ނީވެއެވެ.
ހަމަ މި ދެންނެވި އުސޫލުން މައްސަލަތައް ބޭނުންވާ މިންވަރަށް ލަސްކޮށްލުމަކީވެސް އެއިރަކު އޮންނަ ވެރިކަމެއްގެ މަސްލަޙަތު ހިމާޔަތް ކުރުމަށް ކޮށް އުޅޭ ކަންކަމެވެ. ދިވެހިން ދެކިފައިވާ މަންޒަރުތަކެވެ. މި ކަންކަމުން އެނގި ހާމަވެގެންދާ ކަމަކީ، ޝަރުއީ ނިޒާމާއި، އަދުލު އިންސާފުގެ ނިޒާމަކީވެސް އެ ބަޔަކު ބޭނުންވުމުން މޮޑެލާ ފުއްގަނޑެއްފަދަ އެއްޗެއް ކަމެވެ. އާންމު ނިކަމެތި ރައްޔިތުމީހާއަށް އަދުލު އިންސާފު ހޯދުމަށް ކަޑައްތު ކުރަންޖެހޭ ރާސްތާއާއި، ވެރިން ބޭނުންވާ އަދި ހިތްރުހޭ ފަރާތްތައް ކަޑައްތު ކުރަންޖެހޭ ރާސްތާ އުޑާ ބިމާހާ ތަފާތުވެއެވެ.
މުޖުތަމައުގެ ހަމަހަމަކަން ގެއްލިގެން ދިއުމުން ދެން އުފަންވެގެން އަންނަނީ އިޖުތިމާއީ އެތައް މައްސަލަތަކެކެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދި، ”އަޑުގަދަ މީހާގެ ރުއް ގިނަވާނެ“ ކަމަށް ޤަބޫލުކޮށް އެންމެންވެސް އެންމެ އަޑުގަދަ މީހާއަށް ވެވޭތޯ މަސައްކަތް ކުރެއެވެ. އަދި އެކަމުގެ ސަބަބުން އިޖުތިމާއީ އެތައް މައްސަލަތަކެއް އުފެދި، ދައުލަތާއި، ވެރިކަމުގެ މުޅި ނިޒާމާމެދުވެސް އާންމުން ފޫހިކޮށްލުވައެވެ.
އެހެންކަމުން އަޅުގަނޑު ދެކޭ ގޮތުގައި މުޖުތަމައުގެ ހަމަހަމަކަން ޤާއިމު ކުރުމަށް މިހާރަށްވުރެ ބޮޑު އިސްކަމެއް ދައުލަތުގެ ވެރިންވެސް ދޭން ޖެހެއެވެ. އެއީ ސިއްޙީ ދާއިރާ ނުވަތަ ތައުލީމީ ހަމަހަމަކަންކަމަށްވިޔަސް، ވަޒީފާގެ ބާޒާރުގެ ހަމަހަމަކަންވިޔަސް، ނުވަތަ އަދުލުއިންސާފާއި ސިޔާސީ ހަމަހަމަކަން ވިޔަސްމެއެވެ. މުޖުތަމައުގެ ހަމަހަމަކަން ގެއްލިގެންދާ ހިސާބުން ދެން މި އުފެދިގެން އަންނަ މައްސަލަތަކަކީ ޤައުމު ފަސާދަ ކުރުވާ ޒާތުގެ މައްސަލަތަކެވެ. މިއީ ޤައުމެއްގެ ހައިސިއްޔަތުން ޤައުމު ހިންގަންތިބޭ ފަރާތްތަކުންވެސް ވިސްނާ ފިކުރުކޮށްލަންޖެހޭ ކަމެކެވެ!

