ދުންފަތާއި ދެކޮޅަށް ސަރުކާރުން އެޅި ހަރުކަށި ފިޔަވަޅުތަކާއި އެކު ވަގަށް ސިނގިރޭޓު އެތެރެ ކުރުން އާންމުވެފައި ވާތީ ސިނގިރޭޓުގެ އަގު ކުރީގެ އަގަށް ދަށް ކުރުމަށް ހދ. އަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ އެޖެންޑާގައި އޮތީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އަލަށް ގެންނަން ސަރުކާރުގެ ފަރާތުން ކިނބިދޫ ދާއިރާގެ މެމްބަރު އަޝްރަގު އަލީ ހުށަހަޅުއްވާފައިވާ އިސްލާހުގެ ބަހުސެވެ.
މިއަދުގެ ޖަލްސާގައި ޣަފޫރު ވިދާޅުވީ ސިނގިރޭޓުގެ އަގު ބޮޑު ކުރުމުން ކުރީ ރަނގަޅު އަސަރުތޯ ނުވަތަ އޭގެ ސަބަބުން ނިކުތީ ގޯސް ނަތީޖާއެއްތޯ ބަލަން ޖެހޭ ކަމަށެވެ. ޣަފޫރު ވިދާޅުވީ މިހާތަނަށް އައި އިރު 600 މިލިއަން ރުފިޔާއަށް ވުރެ ގިނަ ސިނގިރޭޓު ވަގަށް އެތެރެވެފައިވާއިރު މިއީ ދައުލަތަށް ލިބޭ އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުންތައް ކަމަށެވެ. އަދި އޭގެ ފަހުން އިންތިހާއަށް ގިނަ ހިޔާނާތުގެ މައްސަލަތައް ހިނގަމުންދާއިރު، މި އަމަލުގައި ދައުލަތުގެ ތަންފީޒީ މުވައްސަސާތައް ބައިވެރިވާކަމަށެވެ.
ޣަފޫރު ވިދާޅުވީ ދުންފަތުން މީހާގެ ސިއްހަތަށް ކުރާ ގެއްލުން އެންމެން ގަބޫލު ކުރާކަމަށާއި، ދައުލަތެއްގެ ހައިސިއްޔަތުން އަޅަން ޖެހޭނެ ފިޔަވަޅުތައް ވެސް ހުންނާނެ ކަމަށެވެ. އެހެން ނަމަވެސް އެއީ ގާނޫނުގެ ތެރެއިން އަޅާނެ ފިޔަވަޅުތޯ ނުވަތަ ރައްޔިތުންނަށް އަސަރު ނުކުރާ ގޮތަށް ވިސްނައިދިނުންތޯ ބަލަން ޖެހޭކަމަށް ވިދާޅުވި އެވެ.
އަޅުގަނޑަކަށް ނުފެނޭ މި ސަރުކާރު އައިފަހުން ދުންފަތުން ލިބޭ ގެއްލުންތައް ހާމަކޮށްދީ ރައްޔިތުން މިކަމަށް އަހުލުވެރި ކުރުވުމަށް ކުރި އެއްވެސް މަސައްކަތެއް.. ހައްތާވެސް ރައްޔިތުންނަށް ނުއުފުލޭވަރުގެ ބުރަތައް، ރައްޔިތުންގެ ބޮލުގައި އަޅުވަމުން ދިޔައީމާ ދެން މުތުލަގަށް ގާނޫނާއި ހިލާފުވަމުން ރައްޔިތުން އެދަނީ..
ޣަފޫރު ވިދާޅުވީ ހޯދަންވީ ހައްލުކަމަށާއި، އޭގެ ބަދަލުގައި ރައްޔިތުންނަށް ނުއުފުލޭވަރުގެ ބުރަތައް ބޮލުގައި އަޅުވައިގެން ނުވާނެކަމަށެވެ. އަދި ގާނޫނަކަށް އިސްލާހު ގެންނައިރު، ދުނިޔޭގެ އެހެން ގައުމުތަކުގައި ދުންފަތާއި ސިނގިރޭޓަށް އަޅާފައިވާ ފިޔަވަޅުތަކާއި ވަކި އުމުރުފުރާއަކަށް ވިއްކުމުގައި އަމަލު ކުރަން ޖެހޭ ގޮތް ދިރާސާ ކުރުމަށް ގޮވާލި އެވެ.
ޣަފޫރު ވިދާޅުވީ ހެޔޮ ނިޔަތެއްގައި ސަރުކާރުން ގާނޫނަކަށް އިސްލާހު ގެނެސް ކުރާ އެއްވެސް މަސައްކަތަކަށް ރައްޔިތުން ދެކޮޅު ހަދައި އިހުތިޖާޖެއް ނުކުރާނެ ކަމަށެވެ.
މީގެއިތުރުން ޣަފޫރު ވިދާޅުވީ އަތުގައި ބާރެއް އޮތުމުން އޭގެ ނާޖާއިޒް ފައިދާ ނަގައި، ދެން ރައްޔިތުން އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްގެން ނުވާނެކަމަށެވެ. އެހެން ނޫނީ ގައުމުގައި ކުށްވެރިން ނޫން އިތުރު ބަޔަކު ނުތިބޭނެކަމަށް ވިދާޅުވި އެވެ.
ޣަފޫރު ވިދާޅުވީ ސިނގިރޭޓު ކުރިން ހުރި އަގަށް ބަދަލު ކުރުމަށް ގޮވާލައި ޣަފޫރު ވިދާޅުވީ، ސަރުކާރުން ދުންފަތާއި ދެކޮޅަށް ފިޔަވަޅު އެޅިފަހުން ވަގަށް ބޮޑެތި ކޮންޓެއިނަރުތަކުގައި ކާޓަންތައް އެތެރެ ކުރަމުންދާކަމަށް ޣަފޫރު ވިދާޅުވި އެވެ.

