މި ސަރުކާރުން ހުށައަޅާފައި އޮތް ބޯހިޔާވަހިކަމުގެ ބިލުން، ކޮންމެ ސަރުކާރެއް ވެރިކަމުގައި އޮތަސް ހައްގު ކަށަވަރުވާނެކަމަށް ގެމަނަފުށީ ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބް ވިދާޅުވެއްޖެއެވެ.
ބޯހިޔާވަހިކަމުގެ ބިލު ހުށައެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަސްމާ ރަޝީދުއެވެ. މިކަމުގެ ސަބަބުން ދެ ފުށް ފެންނަ ބޯހިޔާވަހިކަމުގެ ނިޒާމެއް ރާއްޖޭގައި ގާއިމްކުރެވިގެންދާކަމަށް ބިލުގެ މަގްސަދުގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.
އަސްދުﷲ ވަނީ މި ބިލު ހުށައެޅުއްވީތީ ބިލު ހުށައެޅުއްވި މެންބަރަށް ޝުކުރު ދަންނަވާ، މިއީ މުހިންމު ބިލެއްކަން ފާހަގަކުރައްވާފައެވެ.
ރާއްޖޭގައި އޮތް އިޖުތިމާއީ ބަލިމަޑުކަމުގެ އަސްލަކީ އެކަށީގެންވާ ބޯހިޔާވަހިކަން ނެތުންކަމަށް ފާހަގަކޮށް އަސްދުﷲ ވިދާޅުވީ، ގައުމުގައި އާންމުވެގެން ދިޔަ އެންމެހާ ނުރަނގަޅު އާދަތަކުގެ އަސްލަކީވެސް ބޯހިޔާވަހިކަމުގެ މައްސަލަކަމަށެވެ.
އަޅުގަނޑުމެންގެ ބޭބެއިންނާއި، ދައްތައިން އިހު ޒަމާނުންސުރެ މާލެ ފައިބާ ތިބީ ބޯހިޔާވަހިކަމުގެ އުއްމީދުގައި. ރަށްރަށުގައި ތިބެގެން އާމްދަނީ ހޯދޭނެ ވަސީލަތް ނެތިގެން.
އަސަދުﷲ ވިދާޅުވިއެވެ.
އަތޮޅުތެރެއަށް ނިސްބަތްވާ މީހުން ޒަމާނުންސުރެ މާލެއަށް އައިސް ތިބީ ބޯހިޔާވަހިކަމުގެ އުއްމީދުގައިކަމަށް އަސްދުﷲ ވިދާޅުވިއެވެ. އަދި ރަށް ރަށުގައި އާމްދަނީ ހޯދޭނެ ވަސީލަތްތައް ނެތްކަން އަސަދުﷲ ފާހަގަކުރެއްވިއެވެ. ނަމަވެސް ޖީލެއް ނިމިގެން މިދަނީ ބޯހިޔާވަހިކަމުގެ އުއްމީދުގައި މީހުންތައް ތިއްބާކަމަށް މެންބަރު ވިދާޅުވިއެވެ.
ބޯހިޔާވަހިކަމުގެ ބިލުގެ ސަބަބުން މި އުއްމީދުތައް ހަގީގަތަކަށް ވެގެންދާނެކަމަށާއި، މި ބިލުގެ ސަބަބުން ގެމަނަފުށީ ދާއިރާގެ ރައްޔިތުންގެ ދިރިއުޅުމަށްވެސް ހެޔޮ އަސަރުތަކެއް ކުރާނެކަމަށް މެންބަރު ވިދާޅުވިއެވެ.
އަސަދުﷲ ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ނުވެ އޮތީ، ބޯހިޔާވަހިކަމަކީ ސަލާން ޖަހަން ޖެހޭކަމެއްގެ ގޮތުގައި އޮތުމުންކަމަށާއި، ބޯހިޔާވަހިކަމުގެ މައްސަލައިގެ ހައްލު ވެފައި އޮތީ ސިޔާސީ ވެރިން ރައްޔިތުންނަށް ދައްކާ ހުވަފެނަކަށްކަމަށެވެ. މިހާރު މަޖިލީހަށް ހުށައަޅާފައި އޮތް ބޯހިޔާވަހިކަމުގެ ބިލުގެ ސަބަބުން ކޮންމެ ސަރުކާރެއް ވެރިކަމުގައި އޮތަސް މި ހައްގު ކަށަވަރުވާނެކަމަށް އަސަދުﷲ ވިދާޅުވިއެވެ. އެއާއިއެކު ރައްޔިތުންގެ މި ޝަކުވާތަކަށް ހައްލު ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އަސަދުﷲ ވިދާޅުވީ މި ބިލާއިއެކު ބޯހިޔާވަހިކަމުގެ ހައްގު ހޯދަން އިންތިހާބުތަކަށް ރައްޔިތުން އިންތިޒާރު ކުރަން ނުޖެހޭނެކަމަށާއި، މި ބިލުގެ ސަބަބުން މި ހައްގު ކަށަވަރުކޮށްދިނުމަށް ގާނޫނީ ގޮތުން އޮންނާނީ މަޖުބޫރުވެފައިކަމަށެވެ.
ބިލުގައި ބުނެފައި ވަނީ ބޯހިޔާވަހިކަމުގެ ގައުމީ ސިޔާސަތެއް ސަރުކާރުން އެކުލަވާލަންޖެހޭނެކަމަށާއި، މި ސިޔާސަތަކީ ދުގެ ޖީލާއި އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ސިޔާސަތަކަށް ވާން ޖެހޭނެކަމަށެވެ. މިއީ ރައީސުލްޖުމްހުރިއްޔާ ކަނޑައަޅާ ސިޔާސަތެއްކަމަށާއި، ނަމަވެސް ކަމާއި ބެހޭ ފަރާތްތަކުގެ ލަފާ ހޯދަން ޖެހޭނެކަމަށް މި ބިލުގައިވެއެވެ. އަދި މި ސިޔާސަތު ކޮންމެ ފަސް އަހަރަކުން އެއްފަހަރު މުރާޖައާ ކުރަންޖެހޭނެކަމަށްވެސް ވަނީ ބުނެފައެވެ. ބޯހިޔާވަހިކަމުގެ ގައުމީ ސްޓްރެޓެޖީއެއްވެސް އެކުލަވާލަން ޖެހޭނެކަމަށް މި ބިލުގައި ހިމަނާފައިވާއިރު، މިއީ މިނިސްޓަރު އެކުލަވާލަން ޖެހޭ ސްޓްރެޖީއެއްކަމަށްވެއެވެ. މި ސްޓްރެޖީގެ ސަބަބުން ބިލުގައި ކަނޑައަޅާފައިވާ މަގްސަދު ހާސިލްވޭތޯ ބަލަން ޖެހެއެވެ.
މި ބިލަށް އަމަލު ކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި، ރާއްޖޭގެ ބޯހިޔާވަހިކަމުގެ ހާލަތު ދެނެގަތުމަށް ސާވޭއެއް ހަދަންޖެހެއެވެ. މި ސާވޭ އާންމުކޮށް އިއުލާން ކުރަންވެސް ޖެހެއެވެ. މިއީ ކޮންމެ 10 އަހަރަކުން އެއް ފަހަރު ހަދަން ޖެހޭ ސާވޭއެކެވެ. ސާވޭ އާންމުކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި، ސާވޭގައި ބަޔާން ކުރާ ކަންކަމަށް އަޅާނެ ފިޔަވަަޅުތައް ކަނޑައަޅަން ޖެހެއެވެ. ޕްލޭނެއް ހަދައި އެއާ އެއްގޮތަށް ފިޔަވަޅުތައް ތަންފީޒު ކުރަން ބިލުން މަޖުބޫރު ކުރެއެވެ.

