ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށްޓަކައި ބީއެމްއެލް އަދި އެމްއެމްޕީއާރްސީ ގުޅިގެން ކެމްޕެއިނެއް ކުރިއަށް ގެންދިއުމަށް ސޮއިކޮށްފިއެވެ.
ބީއެމްއެލްއިން މައުލޫމާތު ދީފައިވާގޮތުން އެމްއެމްޕީއާރްސީ ދެމެދު އެއްބަސްވުމެއް ގާއިމުކޮށްފައިވަނީ އެ ކުންފުނީގެ ގްލޯބަލް ޕާޓްނަރުންގެ ނެޓްވޯކް މެދުވެރިކޮށް ދުނިޔޭގެ ފަތުރުވެރިކަމުގެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްކަމަށެވެ.
ބީއެމްއެލް އަދި އެމްއެމްޕީއާރްސީ ދެމެދު މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޑުބާއީގައި ހިންގަމުންދާ އަރަބިއަން ޓްރެވަލް މާކެޓުގައެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފްގެ އިތުރުން އެމްއެމްޕީއާރްސީގެ އެމްޑީ އިބްރާހިމް ޝިއުރީ ބައިވެރިވެވަޑައިގެންނެވިއެވެ.
ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ، އެމްއެމްޕީއާރްސީއާއިއެކު މިފަދަ މުހިންމު މަސައްކަތްތަކެއްގައި ބައިވެރިވުމަށް ފުރުސަތު ލިބިފައިވުމާއިމެދު އުފާކުރައްވާކަމަށެވެ. އަދި އެ ކުންފުނީގެ އެކްސްކުލޫސިވް އިންޓަރނޭޝަނަލް ޕާޓުނަރުންނާއި ދެމެދު އޮންނަ ބަދަހި ގުޅުމުގެ ސަބަބުން ދުނިޔޭގެ އެކި މާކެޓުތަކުގައި ރާއްޖެ ޕްރޮމޯޓްކުރެވޭ މިންވަރު އިތުރުވެގެންދާކަމަށެވެ. އެހެންކަމުން އެ ސިނާއަތު ކުރިއެރުވުމަށްޓަކައި ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ފުޅާ ދާއިރާއެއްގައި މަސައްކަތްތައް ކުރެވޭނެކަމަށާއި ކެމްޕެއިންގައި އަމަލީ ސިފަ ޖެއްސުމުގެ ގޮތުން މަސައްކަތްތައް ކުރަމުންދާކަން ހިއްސާކުރެއްވިއެވެ.
އެމްއެމްޕީއާރްސީގެ އެމްޑީ ޝިއުރީ ވިދާޅުވީ، ބީއެމްއެލްއާއި ގުޅިގެން ހިންގާ ޑެސްޓިނޭޝަން ކެމްޕެއިން ފަރުމާކޮށްފައިވަނީ ޕްރީމިއަމް ފަތުރުވެރިންނަށް ހާއްސަ އޮފާތަކާއި ފަސޭހަތަކެއް ފޯރުކޮށްދިނުމުގެ މަގުސަދުގައިކަމަށެވެ. އެހެންކަމުން މިކެމްޕެއިންގެ ސަބަބުން ފަތުރުވެރިން ރާއްޖޭގައި ކުރާ ތަޖުރިބާ އިތުރަށް ފުރިހަމަވެ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް އެންމެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ ދެމި އޮތުމަށް އިތުރު ބާރަކަށް ވެގެންދާނެކަމަށެވެ.

