އިނގިރޭސިވިލާތާއި ނިއުޒިލޭންޑުގެ ޓޮބެކޯ ކޮންޓްރޯލް އެކްޓުގެ ވާހަކަތައް ޕީއެންސީގެ މެމްބަރުން ދެއްކިޔަސް މަސައްކަތްތައް ކުރެވެމުންދަނީ އެ ގައުމުތަކުން ގެންގުޅޭ އުސޫލުތަކާއި ދުރު ގޮތެއްގެ މަތިންކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާޙިމް ނާޒިލް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މެމްބަރު ނާޒިލް ވިދާޅުވީ، ކިނބިދޫ ދާއިރާގެ މެމްބަރު އަލީ އަޝްރަގު ހުށައަޅުއްވާފައިވާ އިސްލާހުތަކަށް ތާއީދުކުރައްވާކަމަށެވެ. ނަމަވެސް ކޮމިޓީ މަރުހަލާގައި ބަލަންޖެހޭ ބައެއް މާއްދާތައް ބިލުގައި ހުރިކަން ފާހަގަކުރައްވާކަަމަށާއި މިކަމާއި ގުޅިގެން ސޯޝަލްމީޑިއާ މެދުވެރިކޮށް މެމްބަރު އަޝްރަގަށް އިންޒާރުތައް ދެމުންދިއުމަކީ ބަލައިނުގަންނަކަމެއްކަން ހާމަކުރެއްވިއެވެ.
މެމްބަރު ނާޒިލް ވިދާޅުވީ، މަޖިލީހަށް ބިލެއް ހުށައަޅާ މެމްބަރު އެކަމެއްގެ 100 އިންސައްތަ ޒިންމާ ނަގަން ޖެހުމަކީ މަޖިލީހުގައި ދުވަހަކުވެސް ކަންކަން ކުރެވިގެންދިޔަ ގޮތެއް ނޫންކަމަށާއި ސަރުކާރުގެ ފަރާތުން ފޮނުވާ ބިލުތައް ސަރުކާރަށް ނިސްބަތްވާ މެމްބަރުން ސްޕޮންސާކޮށްގެން މަޖިލީހަށް ހުށައެޅުމުން ކޮމިޓީ މަރުހަލާގެ އިތުރުން ތަޅުމުގައި ކުރެވޭ ބަހުސްތައް މެދުވެރިކޮށް ގިނަ އިސްލާހުތަކެއް ގެނެވޭކަމަށެވެ. އަދި ރައްޔިތުންގެ ތެރޭގައި ކަމަކާއިމެދު ކަންބޮޑުވުންތަކެއް ހުރިކަމުގެ މައުލޫމާތު ލިބުމުން އަބަދުވެސް މެމްބަރުން ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި އެކަމަށް ރިއާޔަތްކުރެވިގެންދާކަމަށެވެ.
ނާޒިލް ވިދާޅުވީ، ބައެއް މެމްބަރުންވަނީ ނިއުޒިލެންޑާއި އިނގިރޭސިވިލާތުގެ ޓޮބެކޯ ކޮންޓްރޯލް އެކްޓާއި ގުޅޭ ވާހަކަތައް ދައްކަވާފައިކަމަށެވެ. ނަމަވެސް އެ ގައުމުތަކުން އެކަން ކުރާ ގޮތަށް ބަލާއިރު ދުރު ރާސްތާއަށް ވިސްނައިގެން ރޯޑް މެޕެއްގެ ގޮތުގައި އެކަން ތަންފީޒުކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފެނިގެންދާކަމަށެވެ.
މެމްބަރު ވިދާޅުވީ، ރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރުމުގެ މަސައްކަތްތައް ކުރަމުންދަނީ އެ ގައުމުތަކުގެ މަސައްކަތްތައް ހުރި މަގާއި ހިލާފަށްކަމަށެވެ. އެގޮތުން ރައީސް ޑރ މުހައްމަދު މުއިއްޒު ނިދިކުރައްވަން އޮތުމަށްފަހު ގެއިން އޮފީހަށް ވަޑައިގަންނަވާ މަގުމަތީގައި ހިތްހަމަނުޖެހިވަޑައިގަންނަވާ ކަމެއް ދިމާވެއްޖެ ހާލަތެއްގައި އެކަމެއް ހުއްޓުވުމުގެ ގޮތުން ގާނޫނެއްގެ ސިފައިގައި އެ ދުވަހުން އެދުވަހަށް މަޖިލީހަށް ފޮނުއްވާކަމަށް ވިދާޅުވިއެވެ.
ނާޒިލް ވިދާޅުވީ، މި ވާހަކަތައް ނިމިދިޔަ އަހަރުގެ ފަހުކޮޅުގައި ބަޖެޓާއިއެކު ސިނގިރޭޓުން ނަގާ ޑިއުޓީ އިތުރުކޮށް 1.1 ބިލިއަން ރުފިޔާ ލިބިގެންދާގޮތަށް އިސްލާހުތައް ގެނައި އިރުވެސް މި ވާހަކަތައް ތަކުރާރުކޮށް ދައްކާފައިވާނެކަމަށެވެ. މެމްބަރު ވިދާޅުވީ، އޭރު ދެއްކެވި ބައެއް ވާހަކަތައް މިހާރު ހުށައެޅިފައިވާ ބިލުގައިވާކަމަށާއި ހާއްސަ ގޮތެއްގައި ވޭޕު މަނާކުރުމުން އެކަމުގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ކުރާނެ އަަސަރުތަކުގެ ވާހަކަތައް ފާހަގަކުރައްވާފައިވާނެކަމަށެވެ.
މެމްބަރު ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތުގެ ހިއްސާދާރުންގެ ކަންބޮޑުވުންތަކުގެ ވާހަކަތައް އެމްޑީޕީން މީގެ ކުރިން މަޖިލީހުގައި ދެއްކިނަމަވެސް އޭރު ސަރުކާރަށް ނިސްބަތްވާ މެމްބަރުން އެކަމަށް އިޖާބަ ނުދެއްވިކަމަށެވެ. ނަމަވެސް ދުވަސްތަކެއް ފަހުން އަނެއްކާވެސް އެ ވާހަކަތައް އައިސްފައިވާކަމަށާއި ރާއްޖެއަށް އަންނަ ފަތުރުވެރިން ގެންނަ ސިނގިރޭޓުން އެންމެ ސިނގިރޭޓެއްވެސް އެތެރެ ނުކުރެވޭ ގޮތަށް ކުރިން އޮތްއިރު މިހާރު އެކަމަށް ބަދަލުތައް އައިސްފައިވާކަން ހާމަކުރެއްވިއެވެ.
ނާޒިލް ވިދާޅުވީ، ދިރާސާތައް ކުރަންޖެހޭ ވާހަކަތައް ދައްކަވަމުންދަނީ އެ ސަބަބާއި ގުޅިގެންކަމަށާއި ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް މި މަސައްކަތްތައް ކުރެވެމުންދާ ގޮތަށް ރާއްޖޭގައިވެސް ކުރުމަށް ވިސްނުމަށް އެދިވަޑައިގެންނެވިއެވެ. މެމްބަރު ވިދާޅުވީ، ދުނިޔޭގެ ގިނަ ގައުމުތަކެއްގައި އަހަރުން އަހަރަށް ޓެކްސް ބޮޑުކުރެވޭ އުސޫލެއްގެ މަތިން އެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާކަމަށެވެ.
ނާޒިލް ވިދާޅުވީ، އަންނަ އަހަރުގެ ތެރޭގައި ވަކި އަދަދަކުން އަގު ބޮޑުވެގެންދާނެކަމަށް ކުރީބައިގައި ކަނޑައަޅާ އިސްތިއުމާލުކުރާ މީހުންނަށް އެކަމުން ދުރުވުމަށް އެކަށީގެންވާ ވަގުތު ލިބިގެންދާ ގޮތަށް ގިނަ ގައުމުތަކެއްގައި އެކަން ކޮށްފައިވާކަމަށެވެ.

