ހައުސިންގ ޑެވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)އިން ފޮޓޯ އަދި ވީޑިއޯ ނެގުމު މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.
މި މުބާރާތަކީ ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރިޔަށް ގެންދާ ހާއްސަ މުބާރާތެއް ކަމަށް އެޗްޑީސީން ބުނިއެވެ.
އެޗްޑީސީން މި މުބާރާތާއި ގުޅޭ މައުލޫމާތު ހާމަކުރަމުން ބުނީ، ހުޅުމާލޭގެ ޗާލުކަމާއި ރަށުތެރޭގެ އާންމު ދިރިއުޅުން ދައްކުވައިދޭ މަންޒަރެއް ނުވަތަ އެއް މިނިޓަށް ވުރެ ދިގުނުވާ ވީޑިއޯކޮޅެއް މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން ހުށަހަޅަން ޖެހޭކަމަށެވެ.
އެގޮތުން، ހުށަހަޅާ ފޮޓޯ ނުވަތަ ވީޑިއޯ، އެ ފަރާތެއްގެ އަމިއްލަ ސޯޝަލް މީޑިއާގެ މަންސައަށް އަޕްލޯޑުކޮށް، @hdcmaldives އަދި @myhulhumalemv ޓެގް ކުރުމުގެ އިތުރުން #LifeinHML ހޭޝްޓޭގް ބޭނުންކުރަން ޖެހޭނެކަމަށް އެޗްޑީސީން ބުނިއެވެ.
މި މުބާރާތަށް ފޮޓޯ އަދި ވީޑިއޯ ހުށަހެޅުމަށް ކަނޑައެޅިފައިވާ މުއްދަތަކީ މޭ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެޗްޑީސީން ބުނިއެވެ.
މީގެއިތުރުން، ފޮޓޯ އަދި ވީޑިއޯ ނެގުމުގެ މުބާރާތުން ވަނަތަކަށް ދާ ފަރާތްތަކަސް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައިކަމަށް އެޗްޑީސީން ބުނިއެވެ. އެގޮތުން، ވަނަ ހުވާނީ ފޮޓޯއާއި ވީޑިއޯތަށް ވަކި ކެޓަގަރީއެއްގެ ގޮތުއެވެ. އެއީ، އެއްވަނައަށްދާ ވީޑިއޯ އަދި ފޮޓޯއަށް 8،000، ދެވަނައަށް 5،000 އަދި ތިންވަނައަށް ދާ ފަރާތަށް 3،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ އިންތިޒާމުކުރެވިފައިކަމަށް އެޗްޑީސީން ބުނިއެވެ.
އެޗްޑީސީން ”އާރބަން ސްކޭޕިންގ“ ގެ ދަށުން ޑިސައިން ކުރުމުގެ މުބާރާތެއް މިދިޔަ އަހަރުގައިވެސް ވަނީ ކުރިޔަށް ގެންދިޔަކަންވެސް ފާހަގަކޮށްލެވެއެވެ.

