މީގެ 10 އަހަރު ކުރިން ރާއްޖޭގެ މީޑިއާއެއްގެ ގޮތުގައި އުފަންވެގެން އައި ސަންގުޓީވީގެ އަހަރީ ދުވަހުގެ ތަހުނިޔާ ސިޔާސީ މައިދާނުގައި މަސައްކަތް ކުރައްވާ އެކި ބޭފުޅުން ފޮނުއްވައިފި އެވެ.
ސަންގުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ އިންޓަވިއުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ ސަންގު ޓީވީން ހުރިހާ ރައްޔިތުނަށް ވެސް މައުލޫމާތުތައް ފޯރުކޮށްދިނުމަށް ކުރަމުން ދަނީ ތައުރީފު ހައްގު މަސައްކަތެއް ކަމަށެވެ. އަދި ވިދާޅުވީ ޒަމާނަށް އައި ބަދަލާއި އެކު، ތެދުވެރިކަމާއި އެކު މައުލޫމާތުތައް ގެނެސްދިނުމަކީ ގައުމީ ޒިންމާއެއް ކަމަށެވެ.
ޝާހިދު ވިދާޅުވީ އުންމީދަކީ ސަންގު އަބަދުވެސް ގޮތެއްގައި ދެމި އޮވެ، މައުލޫމާތު ގެނެސްދިނުމުގެ ޒިންމާ ފުރިހަމަ ގޮތުގައި އަދާ ކުރުން ކަމަށެވެ.
ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވީ އޭނާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް އައުމަށް ފަހު ފާހަގަވީ ސަންގުޓީވީން މެމްބަރުންނަށް ފުރުސަތު ދިނުމުގައި ހަމަހަމަ އުސޫލެއް ގެންގުޅުމަށް ކުރާ މަސައްކަތް ކަމަށެވެ. އެގޮތުން ސަރުކާރުގެ މެމްބަރުންނާއި އިދިކޮޅު މެމްބަރުންނަށް ވެސް ދައުވަތު ދީ ޕްރޮގްރާމްތައް ކުރިޔަށް ގެންދަނީ ވަރަށް ބެލެންސްކޮށްކަމަށް ޝަމްހީދު ވިދާޅުވި އެވެ.
ޝަމްހީދު ވަނީ ފާއިތުވެ ދިޔަ ދިހަ އަހަރުގެ ތެރޭގައި ސަންގު ޓީވީ ހޯދި ކާމިޔާބީތައް ފާހަގަކުރައްވައި، ހުރިހާ މުވައްޒަފުންނަށް ވެސް ޝުކުރު އަދާކުރައްވާފަ އެވެ. އަދި މީޑިއާ މިހާ ހިސާބަށް ގެނައުމުގައި މަސައްކަތް ކުރި ތަނުގެ ބާނީގެ ހިއްސާ ފާހަގަކުރެއްވި އެވެ.
ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު ވިދާޅުވީ، ދިވެހިރާއްޖޭގައި މިހާތަނަށް އުފެދުނު މީޑިއާތަކުގެ ތެރެއިން އެންމެ ތެދު އަދި ތާޒާކޮށް ހަބަރު ގެނެސްދޭ ޓީވީ ސްޓޭޝަނަކީ ސަންގުޓީވީ ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި ވެސް ސަންގުޓީވީއަކީ ތެދު ހަބަރުތައް ގެނެސްދިނުމުގައި މުހިންމު ދައުރެއް އަދާކުރާނެ މީޑިއާއެއްކަމަށް ވާނެކަމުގެ އުންމީދު ކުރައްވާކަމަށް ވިދާޅުވި އެވެ.
އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައި، ޑިމޮކްރެޓްސް ޕާޓީގެ ރައީސް އިމްތިޔާޒް ފަހުމީ ވިދާޅުވީ ސަންގުއަކީ ރާއްޖޭގެ މީޑިއާތަކުގެ ތެރެއިން އެންމެ ތާޒާކޮށް އަވަހަށް ހަބަރުތައް ގެނެސްދޭ އެއް ޓީވީ ޗެނަލް ކަމަށެވެ. އަދި ވިދާޅުވީ 10 އަހަރަކީ ވަރަށް ގިނަ ދުވަސްކަމަށާއި، މިހާ ދިގު މުއްދަތަކަށް އެއްގޮތެއްގައި ދެމި އޮވެވޭނީ ތަނުގައި މަސައްކަތް ކުރި އަދި މަސައްކަތް ކުރަމުން ދާ ނޫސްވެރިންގެ ހުނަރާއި ޖޯޝު އެކަމަށް އޮވެގެން ކަމަށެވެ. އަދި ސަންގުޓީވީއަކީ އެ ހިތްވަރުގެ ފުރިހަމަ އެއް މިސާލުކަމަށް އިންތި ވިދާޅުވި އެވެ.
އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސެއިން ވިދާޅުވީ، ދިވެހިރާއްޖޭގައި އެންމެ ބޮޑަށް ތާޒާ ހަބަރުތައް، ހަލުވި މިނުގައި ގެނެސް ދިނުމަށް މަސައްކަތް ކުރަނީ ސަންގުޓީވީ ކަމަށެވެ. އަދި ސަންގުގެ ނޫސްވެރިންނާއި ތަނުގެ މުވައްޒަފުން ކުރާ މުވައްޒަފުން ކުރާ މަސައްކަތް ބަލައިގަންނަކަން ފާހަގަކުރައްވައި ޝުކުރު އަދާކުރި އެވެ.
އެންވައިރޮމެންޓް އެންޑް ޓޫރިޒަމް މިނިސްޓަރ ތާރިގު އިބްރާހިމް ވިދާޅުވީ ސަންގުޓީވީއަކީ މިއަދު ރާއްޖޭގައި މަސައްކަތް ކުރާ ޕްރައިވެޓް މީޑިއާތަކުން އެންމެ ހަލުވިކަމާއި އެކު މައުލޫމާތު ގެނެސްދޭ ޗެނަލް ކަމަށެވެ. އަދި ސަންގުއަކީ ރާއްޖޭގެ މީޑިއާތަކުން ފާހަގަކޮށްލެވޭ، އެންމެ ކުރީ ސަފުގައި އޮތް މީޑިއާކަމުގައި ވިދާޅުވި އެވެ.
މީގެއިތުރުން އެމްޑީޕީގެ ޗެއާޕާސަން ރީކޯ މުސާ މަނިކު ވަނީ ސަންގު ޓީވީން އޭނާއާއި މެދު އަބަދުވެސް ބަހައްޓާ ގާތްކަމަށް ޝުކުރު އަދާކޮށްފަ އެވެ. މޫސަ ވިދާޅުވީ ސިޔާސީ ކޮންޓެންޓު ނޫނަސް، ރޯދަ މަހުގައި ވެސް ސަންގުޓީވީއަކީ ތަފާތު އެކި ޕްރޮގްރާމްތައް ގެނެސްދޭ މީޑިއާއެއް ކަމަށެވެ.
ސަންގުގެ އެންމެ ތަފާތުކަމެއްގެ ގޮތުން މޫސަ ފާހަގަކުރެއްވީ، ކުއްލި ހަބަރުތައް އެ ހާދިސާއެއް ހިނގައިގެން އުޅޭ ތަނަކުން ވަގުތުން ސަންގު އިން ގެނެސްދިނުމެވެ.
ސަންގުގެ ހުރިހާ ނޫސްވެރިން ކުރާ މަސައްކަތަށް ހިތްވަރު ދެއްވައި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ސަންގުގެ ހުރިހާ ނޫސްވެރިން ވެސް މިނިވަން ނޫސްވެރިކަމެއް ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތް ކުރާކަމަށެވެ. އަދި ދެފަރާތުގެ ވެސް ބަސް ގެނެސްދީ، އަބަދުވެސް ގެންގުޅެފައި ވަނީ ހަމަހަމަ ގޮތެއްކަމަށް ވިދާޅުވި އެވެ.
ދާންދޫ ދާއިރާގެ މެމްބަރު މުހައްމަދު ފަޟީލް ވިދާޅުވީ ސަންގުޓީވީއަކީ ތަފްސީލީ ގޮތެއްގަިއ ރައްޔިތުންނާއި ހަމައަށް އަބަދުވެސް މައުލޫމާތުތައް ގެނެސްދެމުން ދާ ޓީވީ ޗެނަލްއެއް ކަމަށެވެ. އަދި ދިވެހި ވަރަށް ގިނަ ރައްޔިތުންގެ އިތުބާރު ސަންގުޓީވީން ގާއިމުކޮށްފައިވާކަން ފާހަގަކުރެއްވި އެވެ.
މަޑަވެލި ދާއިރާގެ މެމްބަރު މުހައްމަދު ޝަމީޒް ވިދާޅުވީ ސަންގުގެ ނޫސްވެރިން އަބަދުވެސް ކުރަމުން އައިސްފައި ވަނީ ޒިންމާދާރު މަސައްކަތް ކަމަށެވެ. އަދި ހުރިހާ މައުލޫމާތުތައް ވެސް ގެނެސްދީފައި ވަނީ ފެފުށް ފެންނަ އުސޫލެއްގެ ތެރެއިންކަމުގައި ފާހަގަކުރެއްވި އެވެ.
އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވީ މި ފާއިތުވެ ދިޔަ 10 އަހަރުގެ ތެރޭގައި ސަންގުއިން މަސައްކަތްކޮށްފައި ވަނީ ހީވާގިކަމާއި އެކު ތާޒާ މައުލޫމާތު ދިވެހި ރައްޔިތުންނަށް ގެނެސްދިނުމަށް ކަމަށެވެ. އަދި ހުރިހާ ނޫސްވެރިންނަށް ވެސް ހިތްވަރު ދެއްވި އެވެ.

