އދގެ އެޖެންސީ ފޯ ޕެލެސްޓިނިއަން ރެފިއުޖީސް (އަންރާ) ރޫލާލުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތަކާއިމެދު ރާއްޖޭގެ ބަންޑާރ ނައިބު އަހުމަދު އުޝާމް އައިސީޖޭގައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އައިސީޖޭގައި ރާއްޖެ ތަމްސީލުކުރައްވައި ވާހަކަދައްކަވަމުން ބަންޑާރ ނައިބު އުޝާމްވަނީ ފަލަސްތީނުގެ ހައްގުގައި ދިވެހިރާއްޖެއިން ކެނޑިނޭޅި ވަކާލާތުކުރަމުންދާކަން ހިއްސާކުރައްވާފައެވެ. އަދި އިސްރާއީލުގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ފަލަސްތީނުގެ ސަރަހައްދުތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއެޅުއްވިއެވެ.
އުޝާމްވަނީ އދގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ އަންރާގެ ބާރު ކަނޑުވާލައި ރޫޅާލުމަށްޓަކައި އިސްރާއީލުން ގަސްތުގައި މަސައްކަތްތައްކެއް ކުރަމުންދާކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އުޝާމް ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހޯދުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގައި ރާއްޖޭގެ ސަރުކާރުން އަބަދުވެސް އެއްބާރުލުން ދޭނެކަމަށެވެ.
ރާއްޖެ ތަމްސީލު ކުރި ވަކީލުންވަނީ އިސްރާއިލުން ޒިންމާތަކުން ރެކުމުގެ ގޮތުން ގައުމީ ސަލާމަތާއި ހަނގުރާމެވެރި ބޭނުންތެރިކަން ސަބަބެއްގެ ގޮތުގައި ދައްކަމުންދާކަން ބަޔާންކުރައްވާފައެވެ. އަދި އެކަން ކުރަމުންދަނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ހިލާފަށްކަންވެސް ފާހަގަކޮށްފައިވެއެވެ. އަދި އިސްރާއީލާއި އަންރާގެ ދެމެދު ސޮއިކޮށްފައިވާ އެކްސްޗޭންޖް އޮފް ލެޓާރސްއިން ނުކުތުމުގެ ނަތީޖާތަކަށްވެސް އަލިއެޅުއްވިކަމަށް އޭޖީ އޮފީހުން މައުލޫމާތު ދީފައިވެއެވެ.
ރާއްޖެއިންވަނީ އިސްރާއީލާއި ފަލަސްތީނުގެ ދެމެދު އޮތް ހަމައެކަނި ހައްލަކީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް ސަރަހައްދީ އިންތަކަށް ރިއާޔަތްކޮށްގެން އިރުމަތީ ގުދުސް ފަލަސްތީނުގެ ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި މިނިވަން ދައުލަތެއް ކަނޑައެޅުމުގެ ފުރުސަތު ފަހިކުރުންކަމަށް މި ބައްދަލުވުމުގައިވެސް ތަކުރާރުކޮށްފައެވެ.

