ރައީސް މުއިއްޒުގެ ސަރުކާރާއި އެއްހަމައިން މަސްވެރިންނާއި އެހެނިހެން ދާއިރާތަކުގެ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދިން ސަރުކާރެއް މިހާތަނަށް އައިސްފައިނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދް އަބްދުލް ގާދިރު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެމްބަރު މުފީދް ވިދާޅުވީ، ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުންވަނީ ރާއްޖޭގައި މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށް ފިޔަވަޅުތަކެއް އަޅާފައިކަމަށެވެ. އަދި ކޮންމެ ކަމަކީ ވެލި ފުންޏެއް ޖެހުންކަމަށް ނުވެދާނެއިރު އިދާރީ މަސައްކަތްތަކާއި އެހެނިހެން މަސައްކަތްތައް ރުކުރުވާލައި ތަރުތީބުކުރެވިގެންދާއިރު ހައްގުތަކެއް ނިގުޅިގެންދާކަމަށްވާނަމަ މިހާތަނަށް މަސައްކަތްތެރިންގެ ހައްގުތަކުގެ ދުވަސް ދުނިޔޭގައި ފާހަގަކުރަމުންދާއިރު އެކަންކަން ފާހަގަކުރެވިފައިވާކަމަށެވެ.
މެމްބަރު ވިދާޅުވީ، ރާއްޖޭގައިވެސް އެކަންކަން އެމަގަށް ހުރިކަމަށެެވެ. އެހެންކަމުން މަސައްކަތްތެރިންގެ ހައްގުތައް ރައްކައުތެރިކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށާއި ނިމިގެންދިޔަ ދޮޅު އަހަރު ދުވަހަކީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދީ އިތުރު ފުރިހަމަކަމެއް ގެނެސްދިން ދުވަސްތަކެއް ކަމަށޭވެ.
މުފީދް ވިދާޅުވީ، އިދިކޮޅު ޕާޓީއަކުން ކޮންމެ ގޮތެއް ވިޔަސް ފާޑުކިޔުުންތައް އަމާޒުކުރާނެކަމަށެވެ. އަދި އެއީ މައްސަލައެއްވެސް ނޫންކަމަށްވެސް ވިދާޅުވިއެވެ. މެމްބަރު ވިދާޅުވީ، ރާއްޖޭގައި ގިނަ އަދަދެއްގެ ދާއިރާތަކުގައި މަސައްކަތްތެރިން ހަރަކާތްތެރިވާއިރު މިއަދު މޭޑޭގެ ހަރަކާތުގެ ބައިވެރިން މަސައްކަތްތެރިންގެ ހައްގުތައް ނެތް ވާހަކަ އަދި މަސައްކަތްތަކެއްވެސް ނެތް ވާހަކަތަކުގެ އަޑުއުފުލަމުންދިޔައީ ކޮން ސަބަބަކާއި ގުޅިގެންތޯ ހިތަށް އަރާކަަމަށެވެ.
މެމްބަރު ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު 5 އަހަރުގެ މަތިން އެކުލަވާލާފައިވާ 60 ބިލިއަން ރުފިޔާގެ ދަރަންޏެއް އޮތްކަމަށާއި ޖުމުލަކޮށް 126 ބިލިއަންގެ ދަރަންޏެއް އޮތްކަމަށެވެ. އެހެންކަމުން އެ އަދަދުގެ ތެރޭގައި މަސްވެރިންގެ ހައްގުތަކެއް ވާނެކަމަށް ދެކިވަޑައިގަންނަވާކަމަށާއި އެކި އެކި ކުންފުނިތަކާއި އާސަންދަ އެންސްޕާއިން ދައްކަންޖެހޭ ފައިސާތައް ހުރިކަމަށެވެ.
މެމްބަރު ވިދާޅުވީ، ހުރިހާ މަސައްކަތްތަކެއް ރައީސް ކުރައްވަމުންދަނީ ނާޒުކު ދަނޑިވަޅެއްގައި ނުހަނު ހިކުމަތްތެރިކަމާއިއެކުކަމަށެވެ. އަދި މިވާހަކަތައް ދައްކަވަނީ ރައީސް މުއިއްޒުއަށް ފަށުވި ބަސްތަކަކުން ސަނާ ކިޔުމުގެ ނިޔަތެއްގައި ނޫންކަމަށްވެސް ވިދާޅުވިއެވެ.
މުފީދް ވިދާޅުވީ، ރައީސް މުއިއްޒުވަނީ އެމަނިކުފާނުގެ ހިކުމަތްތެރިކަން ވަރަށް ފުރިހަމަ ގޮތެއްގައި އަމަލީގޮތުން ބޭނުންކުރައްވައިގެން ގައުމު ބަނގުރޫޓުވުމުގެ ހާލަތުން ސަލާމަތްކުރައްވާފައިކަމަށެވެ. އަދި ގައުމު ހިންގަވަމުންދަނީ އެ ހާލަތު މެނޭޖުކުރައްވަމުންކަމަށް އިޝާރާތްކުރެއްވިއެވެ.
މެމްބަރު ވިދާޅުވީ، މަސްވެރިންގެ ވާހަކަތައް ދައްކާއިރު މީގެ ކުރިން އެ ސިނާއަތުގެ މަސައްކަތްތެރިންނަށް ނުދެވި ހުރި ފައިސާގެ އަދަދު ހިތަށް އެރުމުންވެސް ދަތިތައް ވެގެންދާކަމަށެވެ. ނަމަވެސް މިހާރު ސަރުކާރުންވަނީ މަސްވެރިންގެ ހައްގުތައް 48 ގަޑީރުގެ ތެރޭގައި ލިބިގެންދާނެ އިންތިޒާމެއް ހަމަޖައްސާފައިކަމަށާއި އެ މަސައްކަތްތައް ރަނގަޅު ގޮތުގައި ކުރިއަށް ދާކަމަށެވެ. އަދި މިއަދު ކޮންމެ މަސްވެރިއަކު ކައިރީ އެހިނަމަވެސް ޝަކުވާއެއް ނެތް ވާހަކަ ހިއްސާކުރާނެކަމަށާއި އެހެންކަމުން މަސްވެރިންނާއި އެހެނިހެން ދާއިރާތަކުގެ ހައްގުތައް މިހާތަނަށް އެންމެ ބޮޑަށް ރައްކައުތެރިކޮށްދީފައިވަނީ މި ސަރުކާރުންކަމަށް ފާހަގަކުރެއްވިއެވެ.

