އިސްރާއީލްގެ ޕާސްޕޯޓު މަނާކުރުމަކީ ރާއްޖޭގެ ތާރީހުގައި އެޅި މުހިންމު ފިޔަވަޅެއްކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ރައީސް ވިދާޅުވީ މި ނިންމުން ދެމި އޮންނާނެކަމަށެވެ.
މިއީ ފަލަސްތީނު ރައްޔިތުންގެ ހައްގުގައި، ދިވެހި ހުރިހާ ރައްޔިތުންގެ ނަމުގައި ނިންމި ނިންމުމެއްކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ، ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް އެކަމާއި ދެކޮޅަށް އޮތްކަން ހާމަކޮށްފައިވާނެކަމަށެވެ. މި ނިންމުމާއިމެދު ފަހުރުވެރިވާކަމަށް ރައީސް ވިދާޅުވިއެވެ.
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ. މީކާއިލް މަޖިލީހަށް ހުށަހެޅުއްވީ ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނުގެ އެއްވަނަ މާއްދާގެ (ހ) ގެ ހަތް ވަނަ ނަމްބަރުގެ ފަހަތަށް ނަމްބަރެއް އިތުރު ކުރުމަށެވެ.
މި އިސްލާހުގައި ވަނީ ރާއްޖެ އެތެރެ ނުވެވޭ މީހުންގެ ތެރޭގައި އިޒްރޭލުގެ ޕާސްޕޯޓު ގެންގުޅޭ މީހުން، ޑުއަލް ޕާސްޕޯޓު ހިމެނޭ ގޮތުން ބޭން ކުރުމަށެވެ.
އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމަށް ހުށަހެޅި އިސްލާހުގެ ދިރާސާ 241 ކޮމިޓީގައި ތާށިވެ، އެ މަސައްކަތުގެ ތަފްސީލެއް ނުލިބޭތީ މިފަހުން ގިނަ ބަޔަކު ކަންބޮޑުވުންފާޅު ކުރަމުންދަނިކޮށް ބިލު ފާސްކޮށް، ތަސްދީގު ކުރެއްވީ މިދިޔަ މަހު އެވެ.

