ވަގުފް އިންވެސްޓްމެންޓުގެ ތެރޭގައި ހިމެނޭ މައިގަނޑު ތިން މަޝްރޫޢު ނިމުމުން ލިބޭ އާމްދަނީ މެދުވެރިކޮށް ކޮންމެ އަހަރަކު ބަޖެޓުން ނުނަގާ ރާއްޖޭގައި ދީނީ ދާއިރާގެ ތެރެއިން ގިނަ ކަންތައްތަކެއް ކުރިއަށް ގެންދިއުމަށް ފަހިވެގެންދާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ޑރ މުއިއްޒު ވަނީ މިއަހަރާއި ކުރިއަށް އޮތް އަހަރު ވައުދުތައް ފުއްދުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގުމަށް ކަނޑައެޅިފައިވާ މަޝްރޫޢުތަކުގެ ތަފްސީލު ހިއްސާކުރައްވާފައެވެ.
އެމަނިކުފާނު ވިދާޅުވީ، ޖުމުލަ 2130 މަޝްރޫޢުއެއް އެ މުއްދަތުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާކަމަށާއި އޭގެ ތެރޭގައި ކުޅިވަރު ދާއިރާއިން 551 މަޝްރޫޢު ހިމެނޭކަމަށެވެ. ރައީސް ވިދާޅުވީ، މި އަހަރާއި އަންނަ އަހަރު ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ކުނީގެ ނިޒާމު ހަރުދަނާކުރުމުގެ 153 މަޝްރޫޢުއާއި ބިން ހިއްކުމުގެ 42 މަޝްރޫޢުވެސް ހިމެނޭކަމަށެވެ. މި ބައްދަލުވުމުގައި އެމަނިކުފާނުވަނީ ތަފްސީލީ ގޮތެއްގައި ހުރިހާ ދާއިރާތަކުން ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާ މަސައްކަތްތަކުގެ ތާވަލެއް ދައްކާލާފައެވެ. އަދި މި މައުލޫމާތުތައް ނޫސްވެރިންނާއި ހިއްސާކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މި ކަންކަމާއި ގުޅޭ މައުލޫމާތުތައް އެކި އެކި މިނިސްޓްރީތަކުން ހޯދުމުގެ ފުރުސަތު އޮންނާނެކަމަށެވެ. އަދި ސަރުކާރުގެ މަސައްކަތްތައް ހިނގަމުންދަނީ ރާވާފައިވާ މަގުޗާޓާއި އެއްގޮތަށްކަމަށްވެސް ވިދާޅުވިއެވެ. ދީނީ ދާއިރާއިން ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރަމުންދާ އެއް މަސައްކަތަކީ ވަގުފް އިންވެސްޓްމެންޓުގެ މަސައްކަތްތައްކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، އެކަމަކީ ދުރާއި މެދު ރާސްތާއަށް ވަރަށް މުހިންމު ކަމެއްކަމަށެވެ. އަދި އެކަމަކީ މެނިފެސްޓޯގައި ހިމެނިފައިވާ ވަރަށް އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަސައްކަތްތަކެއްކަމަށް މައުލޫމާތު ދެއްވިއެވެ. ރައީސް ވިދާޅުވީ، މައިގަނޑު ތިން މަޝްރޫޢުއަކަށް ބަލާއިރު ހުޅުމާލޭގެ އެއް ވަނަ ފިޔަވަހީގައި ދާރުއްސަލާމް އިސްލާމިކް ކޮމްޕްލެކްސް ހިމެނޭކަމަށާއި އެކަން އޮތީ ފްރީ ޓެންޑަރިންގް މަރުހަލާގައިކަމަށްވާއިރު ބިން ހަމަޖެހިފައިވާކަން ހިއްސާކުރެއްވިއެވެ.
ރައީސް ވިދާޅުވީ، މާލޭގައި ދާރުލްއަރުގަމްވެސް ބިނާކުރާނެކަަމަށާއި އެކަންވެސް އޮތީ ފްރީ ޓެންޑަރިންގް މަރުހަލާގައިކަމަށްވާއިރު ކީރިތި ގުރުއާނާއި ބެހޭ ހާއްސަ ވަގުފް އިމާރާތެއްވެސް ބިނާކުރުމަށް ކަނޑައެޅިފައިވާކަމަށެވެ. ރައީސް ވިދާޅުވީ، އެކަމަށް ބޭނުންވާ ބިން ކަނޑައެޅުމުގެ މަސައްކަތްތައް ނިމިފައިވާކަމަށެވެ. އަދި އެކަން ކުރުމަށް ކަނޑައެޅިފައިވާ ބިމަކީ ރަސްފަންނު ސަރަހައްދާއި ގާތުގައި މީގެ ކުރިން ކޮރަލް ބޮލުވާޑްގެ ނަމުގައި ހިންގުމަށް ކަނޑައެޅި މަޝްރޫޢުގެ ބިންކަމަށާއި އެތަނުން 10،000 އަކަފޫޓު މި މަޝްރޫޢު ހިންގުމަށް މިހާރު ހާއްސަ ކުރެވިފައިވާކަމަށެވެ.
އެހެންކަމުން އެ ތިން މަޝްރޫޢު ނިމުމުން ލިބޭ އާމްދަނީ މެދުވެރިކޮށް އިސްލާމީ ކަންކަން ހިންގުމަށްޓަކައި ބަޖެޓު ތެރެއިން ނުނަގާ ހަރަދުތައް ކުރުމަށް ފަހިވެގެންދާނެކަމަށެވެ. އަދި އެކަމުގެ ސަބަބުން ވަރަށް ގިނަ ކަންކަން ކުރެވިގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

