ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދޫކޮށްލި ބައި އަނބުރާ ހޯދުމުގެ މަސައްކަތް ސަރުކާރުން މެދުކެނޑުމެއްނެތި ކުރިއަށް ގެންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު ހާމަކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މި މައްސަލައިގައި ކުރިއަށް ދިއުމަށްޓަކައި ރާއްޖެއިން ބޭރުގެ މާހިރުންގެ ލަފާ މިހާރު ވަނީ ލިބިފައި ކަމަށް ރައީސް ވިދާޅުވިއެވެ. ”ބަންޑާރަ ނައިބުގެ އޮފީހުން މި މައްސަލަ ދިރާސާކުރެއްވުމަށްފަހު، ކެބިނެޓަށް ހުށަހަޅުއްވައި ކުރިއަށް ދާނެ ގޮތެއް ނިންމަވާނެ“ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންނަމަވެސް، އިޓްލޮސްގައި މައްސަލަ ކުރިއަށްދަނިކޮށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅާއި، މައްސަލައިގެ ދިފާއުގައި ނަގަންޖެހޭ މުހިންމު ނުކުތާތައް ނަގާފައިނުވުމުގެ ސަބަބުން، ދޫކޮށްލި ބައި އަނބުރާ ހޯދުމަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން މާހިރުން ފާހަގަކޮށްފައިވާ ކަމަށް ރައީސް މުއިއްޒު ހާމަކުރެއްވިއެވެ.
މީގެއިތުރުން، އިނގިރޭސިވިލާތުން ޗާގޯސްއާ ގުޅޭގޮތުން ދާދި ފަހުން ނިންމާފައިވާ ނިންމުމުން ރާއްޖޭގެ މައްސަލައަށް ކޮށްފާނެ އަސަރާ ގުޅޭގޮތުން ރާއްޖެއިން ބޭރުގެ މާހިރުންގެ ލަފާ ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

