ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވާނުވާ ބަންދުގައި މިހާރު ވެސް 354 މީހުން؛ ރައީސް ވިދާޅުވީ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރާކަމަށް!

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޯޓުތަކުގައި މައްސަލަތައް ތާށިވެ ކުރިޔަށް ނުދަނީ، ކްރިމިނަލް ކޯޓުގެ ޖާގައިގެ ދަތިތަކާއި ހުރެކަމަށް ވާތީ އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޝަރީއަތް ނިމޭނެ ދުވަހެއް ނޭނގި، އެތައް އަހަރެއް ގިނަ ބަޔަކު ބަންދުގައި ތިބިއިރު މި މައްސަލަ ހައްލު ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އަދި ވާނުވާ ބަންދު ނިމުމަކަށް ގެންނާނެކަމަށް ވިދާޅުވީ ނަމަވެސް، ޖުމްލަ ހައްލެއް ނުލިބެ އެވެ.

މި މައްސަލައިގައި ”ސަންގު“ އިން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލު ކުރުމުން ރައީސް ވިދަޅުވީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުން ނުވަތަ ”ވާނުވާ“ ބަންދުގެ އަސްލު ގުޅިފައި ވަނީ ކްރިމިނަލް ކޯޓާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި ކަމަށެވެ. އަދި ޖާގައިގެ ދަތިކަމަކީ މައްސަލަ ހައްލު ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުންކަމަށް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ޝަރީއަތްތައް ލަސްވަނީ، ކޯޓުގެ ޖާގައިގެ ދަތިތަކާއި ހުރެ ކަމަށެވެ. އަދި އިމާރާތުގައި އެހެން ޝަރީއަތްތައް ވެސް ގެންދިއުމުގައި ދަތިތައް ހުރުމުން ކޯޓު ކޮމްޕްލެކްސްއާއި އެކު މައްސަލަ ހައްލުވާނެކަމުގެ އުންމީދު އެބައޮތްކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކްރިމިނަލް ކޯޓު ހުޅުމާލެއަށް ބަދަލު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ދަނީ ކުރިޔަށް ކަމަށެވެ.

ބަންދުގައި ތިބި ބައެއް މީހުންގެ ތަފްސީލު ދެއްވައި ރައީސް ވިދާޅުވީ، ވާނުވާ ބަންދުގައި މިހާރު ވެސް 354 އެބަތިބި ކަމަށެވެ.

އެގޮތުން މަރުގެ މައްސަލަތަކާއި، ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސައްލަތަކުގައި 70 މީހުން ބަންދުގައި އެބަތިބިކަމަށް ވިދާޅުވި އެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ރޭޕްގެ މައްސަލަތަކުގައި 108 މީހުން ބަންދުގައި ތިބިއިރު ޓެރަރިޒަމްގެ މައްސަލަތަކުގައި 17 މީހަކު ބަންދުގައި އެބަތިއްބެވެ. އަދި މަސްތުވާތަކެތީގެ މައްސަލަތަކުގައި 110 މީހުން، އެހެންނިހެން މައްސަލަތަކުގައި 40 މީހަކު ހުރީ ޝަރީއަތް ނިމެންދެން ބަންދުގަ އެވެ.

މީގެތެރެއިން ގިނަ މީހުންނަކީ ވަރަށް ބޮޑެތި ކުށްތަކުގެ ތުހުމަތުގެ ބަންދުގައި ތިބި މީހުންކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ މީހުންގެ މައްޗަށް ކުށް ސާބިތުވިޔަސް އެއީ މައާފު ދެވޭނެ ކުށްތައް ނޫންކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޝަރީއަތް ނިމެންދެން ގެއަށް ބަދަލު ކުރެވޭނެ ގޮތެއް ވޭތޯ ފުލުހުންނާއި ސުވާލު ކުރިކަމަށާއި އެހެން ނަމަވެސް އެއީ ބޮޑެތި ކުށްތަކުގެ ތުހުމަތުތައް ކުރެވޭ މީހުންކަމަށް ޖަވާބު ލިބިފައިވާކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: