ސިންގަޕޯގެ ޖެނެރަލް އިލެކްޝަނުގައި ކާމިޔާބު ހޯދެއްވި އެގައުމުގެ އިންތިހާބީ ޕްރައިމް މިނިސްޓަރު ލޯރެންސް ވޮންގ ޝިޔުން ސާއީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ، ސިންގަޕޫރުގެ ޕްރައިމް މިނިސްޓަރުގެ ހައިސިއްޔަތުން އާ ދައުރަކަށް ދިޔުމުގައި އެ ބޭފުޅާއަށް ބޮޑު ކާމިޔާބީއަކަށް އެދޭކަމަށެވެ.
މީގެއިތުރުން، ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދިކުރުމަށް އެމަނިކުފާނު އެދޭކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އެކްސްގައި މިފަދައިން ވިދާޅުވެ ޕޯސްޓެއްކުރެއްވީ، ސިންގަޕޯގެ ޖެނެރަލް އިލެކްޝަންސްގެ ރަސްމީ ނަތީޖާ އިއުލާން ކުރުމާއި ގުޅިގެންނެވެ.
ދިވެހިރާއްޖެއާއި ސިންގަޕޫރު ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރެވުނީ 1975 ވަނަ އަހަރުގެ ފެބްރުވަރީ 20ގައެވެ. އެގޮތުން، ސިންގަޕޫރަކީ ދިވެހިރާއްޖެއަށް އެންމެ މުހިްމު އެއް ޑިވެލޮޕްމަންޓް ޕާޓަނާކަމަށްވާއިރު، ދިވެހިރާއްޖޭގެ ތަރައްގީއާއި ކުރިއެރުމަށް ސިންގަޕޫރުން ހިއްސާކުރާ މިންވަރު ވަނީ އެތައް ގޮތަކުން ފެނިފައިކަން ފާހަގަކޮށްލަންޖެހެއެވެ. އެއީ، އޭވިއޭޝަން ދާއިރާއިން ކަމުގައިވިޔަސް، ޑިފެންސް އެންޑް ޕޮލިސިންގެ ހިދުމަތުގެ ފެންވަރު އިތުރުކުރުމުގައި ސިންގަޕޫރުންވަނީ ދިވެހިރާއްޖެއަށް ބޮޑު އެހީއެއް ފޯރުކޮށްދީފައިވެއެވެ.

