ހއ. ބާރަށުގައި ސިހުރު ހަދާކަމުގެ މައުލޫމާތު ލިބިގެން ފުލުހުންގެ އިންޓަލިޖެންސުން ކުރިޔަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި އެ ރަށުގެ 08 ތަނެއް ބަލައި ފާސްކޮށްފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ބާރަށުގައި ސިހުރު ހަދާކަމުގެ މައުލޫމާތުތަކެއް ލިބި، އެ ރަށުގައި ހިންގި އޮޕަރޭޝަނުގައި ބައެއް ތަންތަން ބަލައި ފާސްކުރ ކަމަށެވެ. އަދި އެ މައްސަލައިގައި 08 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް، އެ އެންމެނާއި ވެސް ސުވާލު ކުރުމަށް ހައްޔަރަށް ނުގެންގޮސް ވަނީ ދޫކޮށްލާފަ އެވެ.
ފުލުހުން ބުނި ގޮތުގައި ބަލައި ފާސްކުރުމުގެ އޮޕަރޭޝަނުގައި، މައްސަލައާއި ގުޅުން ހުރިކަމަށް ބެލެވޭ ބައެއް ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ފުލުހުން ބުނި ގޮތުގައި އެ މުވައްސަސާއިން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ރާއްޖޭގެ ބައެއް ރަށްތަކުގައި ފެންމަތިވާ މިފަދަ މައްސަލަތަކުގައި މީގެ ކުރިން ވެސް ފުލުހުން އޮޕަރޭޝަންތައް ހިންގާފައި ވެއެވެ. އެހެން ނަމަވެސް މިފަދަ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރު ނުކުރުމާއި، ބަންދުގައި ނުބަހައްޓައި ދޫކޮށްލުމުގެ މައްސަލަ ބޮޑެވެ.

