ފިކުރީ ބަލިމަޑުކަމުގެ ހަގީގީ ހައްލަކީ އިތުބާރުހުރި މަސްދަރުތަކުން ޢިލްމު ހޯދުންކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރެރިޒަމް ކޯލިޝަނާއި ދިވެހިރާއްޖޭގެ ނޭޝަނަލް ކައުންޓާ ޓެރެރިޒަމްއިން ގުޅިގެން އިމާމުންނާއި ޢިލްމުވެރިންނަށް ބާއްވާ ކެޕޭސީޓީ އިތުރުކުރުމުގެ ފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކުރައްވާ ވާހަކަ ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ، އިސްލާމީ ތާރީޚުގައި ޢިލްމުވެރިންނާއި އިމާމުންނަކީ މުޖުތަމަޢުގެ އެންމެ އިސް ދައުރެއް އަދާ ކުރާ ފަރާތްތައްކަމަށާއި ދީނީ ގޮތުންނާއި އިޖުތިމާޢީ ގޮތުން އާއްމު ފަރުދުން ހޭލުންތެރިކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރަމުން ދަނީ ޢިލްމުވެރިންނާއި އިމާމުންކަމަށެވެ.
މީގެ އިތުރުން ޓެރެރިޒަމްއާއި ހަރުކަށި ފިކުރުގެ ވަބާއަކީ ވަކި ދީނަކާއި ގުޅުންހުރި ކަމެއް ނޫންކަމަށާއި މި ފިކުރީ ބަލިމަޑުކަމަށް އޮތް ހަޤީޤީ ހައްލަކީ އިތުބާރުހުރި މަސްދަރުތަކުން ޢިލްމު ހޯދުންކަމަށް ވަޒީރުގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކުރައްވާފައެވެ. ވަޒީރު އިތުރަށް ވިދާޅުވީ، ޓެރެރިޒަމްއާއި ހަރުކަށި ފިކުރާއި ގުޅޭ ޞައްޙަ ތަފްސީލީ މަޢުލޫމާތު ޚިއްސާ ކުރުމަށް ބޭއްވޭ މި ފޯރަމްއަކީ ވަރަށް މުހިއްމު ފޯރަމެއްކަމަށާއި އިސްލާމްދީން އަޅުގަނޑުމެންނަށް އަންގަވަނީ މުސްލިމުންނާއި މުސްލިމުން ނޫން މީހުންނާވެސް ހެޔޮކޮށް، ރަޙުމަތްތެރިކަމާއި އިންސާފުވެރިކަމާއެކު މުޢާމަލާތްކުރުމަށްކަމަށެވެ.
އަޅުގަނޑުމެންނަށް ޖިހާދާއި ޓެރަރިޒަމްއާ ހުރި ތަފާތު އެނގެން ޖެހޭނެއެވެ. ޝަރީޢަތުގައި ޖިހާދަށް ވަކި އުޞޫލުތަކެއް ކަނޑައަޅާފައިވޭ. އަދި އެކަން ވަކިވަކި ފަރުދުންގެ އަތްމައްޗަކަށް ދޫކޮށްފައެއް ނުވެއެވެ. އެހެނަސް، އެއީ ދައުލަތާއި ވެރިޔާގެ ޒިންމާއެއް. ޖިހާދުގެ ޙިކުމަތަކީ ޤައުމާއި އޭގެ ރައްޔިތުން ރައްކާތެރިކުރުން. އިސްލާމްދީނުގައި ޓެރަރިޒަމްގެ ހުރިހާ ވައްތަރެއްވެސް މަނާކުރައްވާފަ.
ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކައިގައި ވަނީ އިސްލާމީ އުއްމަތް ޓެރެރިޒަމްއާއި ހަރުކަށި ފިކުރު ފަދަ ފިކުރުތަކުން ސަލާމަތް ކުރުމަށް ސަޢުދީ ޢަރަބިއްޔާ އިސްވެ އޮވެ ކުރައްވާ މުހިއްމު މަސައްކަތްޕުޅު ފާހަގަކުރައްވާ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒްއަށާއި، ޕްރިންސް މުޙައްމަދު ބިިން ސަލްމާންއަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސް ނަގައިގެން މިފަދަ ފިކުރުތަކާއި ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދާކަމަށާއި، ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާ ގުޅިގެން މިކަމުގައި މުހިއްމު މަސައްކަތްތަކެއް ކުރެވޭނެކަމަށްވެސް ވަޒީރުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

