ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމާމެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމެވުމުގައި ރިޢާޔަތްކޮށްދެއްވުމަށް އެދޭ ކަންކަން ބާ ކައުންސިލުން ރައްޔިތުންގެ މަޖިލީހާ ހިއްސާކޮށްފިއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ހ) ގައި ފަނޑިޔާރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރުނުވެ މަސައްކަތްކުރާހާ ހިނދަކު ފަނޑިޔާރަކު މަޤާމުން ވަކިކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެ މާއްދާގެ (ށ) ގައި، ފަނޑިޔާރަކު މަޤާމުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަޤާމަށް އެ މީހަކު ޤާބިލު ނޫންކަމަށް ނުވަތަ އެ މަޤާމަށް އެކަށީގެންނުވާފަދަ ޢަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤަބޫލުކުރެވިގެން އެ ފަނޑިޔާރަކު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވުމުން ކަމުގައި ބަޔާންކޮށްފައިވެއެވެ.
އެކަމަށް އަލިއަޅުވާލައި ބާ ކައުންސިލުން ބުނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ނިންމައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމެވުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތު މެދުވެރިވެފައިވާކަމަށާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުން އެ ފަނޑިޔާރުންގެ މައްސަލަ ބެއްލެވުމުގައި ޢަމަލުކޮށްފައިވަނީ، ޤާނޫނު ނަންބަރު: 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނު) ގެ ދަށުން ކަނޑައަޅާފައިވާ އިޖުރާއަތުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން ކަށަވަރުކޮށްދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހުގައި ބާ ކައުންސިލުގެ ފަރާތުން ދަންނަވާފައިވާނެ ކަމަށެވެ.
ބާ ކައުންސިލުން އެދިފައިވާ ކަންކަމުގެ ތެރޭގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މައްޗަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހިންގެވި ތަޙުޤީޤުގައި އިޖުރާއަތުތައް ފުރިހަމަކޮށްފައިވަނީ ރަނގަޅަށްކަން ކަށަވަރުކޮށްދެއްވައި، އެ ކޮމިޝަނުން މި މައްސަލައިގައި ފާހަގަކުރައްވާފައިވާ ކަންކަމަކީ، ކަމާގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް، މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކަށް ލިބިދޭންޖެހޭ ޙައްޤުތައް ލިބިދީ، ހުށަހެޅުނު އެންމެހައި ހެކިތަކަށް ރިޢާޔަތްކޮށް ނިންމާފައިވާ ނިންމުންތަކެއްކަން ކަށަވަރު ކޮށްދިނުމަށް އެދިފައިވެއެވެ.
މީގެ އިތުރުން، އެ ނިންމުމަށް ވާޞިލުވެފައިވަނީ ބުރަދަންހުރި ހެކީގެ މައްޗަށްކަން ކަށަވަރުކޮށްދެއްވުމަށާއި، އެ މައްސަލައިގައި ޑިއު ޕްރޮސެސް ފުރިހަމަކޮށްފައިވާކަން ކަށަވަރުކޮށްދެއްވުމަށްވެސް ބާ ކައުންސިލުން ވަނީ އެދިފައެވެ.
ހަމައެއާއެކު، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ތަޙުޤީޤުކޮށްފައިވާ ގޮތާމެދު ފަނޑިޔާރުންގެ ވަކީލުންގެ ފަރާތުން ގިނަ ކަންބޮޑުވުންތަކެއް ޢާންމުކޮށް ހާމަކޮށްފައި އޮތްއޮތުމުގެ މައްޗަށް ރިޢާޔަތްކޮށް، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން މި މައްސަލައިގައި ގޮތެއް ނިންމެވުމުގައި ޢަދުލުވެރި ނިންމެވުމަކަށް ވާޞިލުވުމަށް، ފަނޑިޔާރުންނާއި އެ ފަނޑިޔާރުންގެ ވަކީލުންނަށް މައްސަލައާ ގުޅިގެން ޖަވާބުދާރީވުމަށާއި ކަންބޮޑުވުންތައް ހިއްސާކުރުމަށް ފުރުޞަތު ދެއްވުމަށްވެސް ބާ ކައުންސިލުން ވަނީ އެދިފައެވެ. އަދި ޖުޑީޝިއަރީ ކޮމިޓީއަށް ހާޒިރުކޮށް ޖަވާބުދާރީވުމަށް އެކަށީގެންވާ ވަގުތު ދެއްވައި، ފަނޑިޔާރުން އިޢުތިރާޒުނުކުރައްވާނަމަ އެ ބައްދަލުވުމަކީ ހުޅުވާލެވިގެން ކުރިއަށް ގެންދެވޭ ބައްދަލުވުމެއް ކަމުގައި ހަމަޖައްސަވައިދެއްވުމަށްވެސް އެދިފައިވެއެވެ.
މީގެ އިތުރުން، މި މައްސަލައިގައި ގޮތެއް ނިންމެވުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކޮށްދެއްވުމަށް އެދުމުގެ އިތުރުން، މި މައްސަލައިގައި ބާ ކައުންސިލުގެ ހުރި ކަންބޮޑުވުންތަކުގެ ތަފުސީލުތައް، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީއާ ބައްދަލުކޮށް ހިއްސާކުރުމުގެ ފުރުޞަތަށްވެސް ބާ ކައުންސިލުން ވަނީ އެދިފައެވެ.
ސުޕްރީމް ކޯޓު ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ގުޅޭ ގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަނުން ކުރި ތަހުގީގު ރިޕޯޓު ރިއާޔަތްކޮށް ދެ ފަނޑިޔާރުން ވަކިކުރުމަށް ޖޭއެސްސީން ފާސްކޮށްފައިވާއިރު، އެކަން ދިރާސާ ކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ހޯމަ ދުވަހު ވަނީ ފާސްކޮށްފައެވެ.
ޖޭއެސްސީން 4 މެއި ގައި ބޭއްވި ބައްދަލުވުމުގައި ނިންމާފައި ވަނީ އެ ދެ ފަނޑިޔާރުންނާއި ގުޅޭގޮތުން ކޮމިޝަނުގެ މައްސަލަ ބަލާ ކޮމިޓިން ބެލި ސުލޫކީ މައްސަލައިގެ ރިޕޯޓު ބަލައިގަނެ، ފާހަގަކޮށްފައިވާ ފިޔަވަޅުތައް ފަނޑިޔާރުންގެ މައްޗަށް އެޅުމަށެވެ.
ތަހުގީގު ކޮމިޓީގެ ރިޕޯޓުގައި ކޮމިޓީން ކަނޑައަޅާފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް ބައިވެރިވެ، ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބު މެދުވެރިކޮށް ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީއަށް ނުފޫޒު ފޯރުވިކަން ސާބިތުވާކަމަށެވެ.
އެ މައްސަލައިގައި ޖޭއެސްސީންވެސް ނިންމާފައި ވަނީ އެއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފު އަމަލެއްކަމަށާއި، ފަނޑިޔާރު އަޒްމިރަލްދާއާއި މަހާޒް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށެވެ.
އެ މައްސަލަ އެޖެންޑާ ކުރީ 5 މެއި ވީ ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާއަށެވެ. މި ޖަލްސާގައި މައްސަލަ ބަލައިގަނެ، ދިރާސާ ކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުންވެސް ހޯމަ ދުވަހު ކުރިއަށް ގެންގޮސްފައިވާއިރު، މި ކޮމިޓީގައި ފާސްކޮށްފައިވަނީ އެންމެ ފުރަތަމަ ޖުޑީޝަރީ ކޮމިޓީން މި މައްސަލައާ ގުޅޭ ލިއެކިއުންތައް ދިރާސާކޮށް، އެއަށްފަހު ކޮމިޓީއަށް އެއްވެސް ފަރާތަކުން ހާޒިރު ކުރަންޖެހޭނަމަ ހާޒިރު ކުރުމާމެދު ގޮތެއް ނިންމުމަށެވެ.
ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ އަޒްމިރަލްދާގެ ސުލޫކީ މައްސަލައެއް ބަލާފައިވަނީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ޑރ އިސްމާއިލް ލަތީފް މައްސަލައެއްގެ ތުހުމަތުގައި ގެންދެވުމުން އެ ދެ ފަނޑިޔާރުން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ގުޅުއްވައި މި މައްސަލައަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވިކަމަށް ތުހުމަތުކޮށެވެ. ޖޭއެސްސީން ފާހަގަ ކުރާ ގޮތުގައި އެ މައްސަލަ އަމިއްލަ ފަރާތަކުން ކޮމިޝަނުގެ ސަމާލުކަމަށް ގެނައުމުން ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތިން މައްސަލަ ތަހުގީގުކުރަން ނިންމީއެވެ.

