އިންޑިއާ އަދި ރާއްޖޭގެ ދެމެދު ހެދިފައިވާ އެއްބަސްވުންތަކުގެ ތެރެއިން ޑިފެންސް މިނިސްޓްރީން ޒިންމާވަނީ 4 އެއްބަސްވުމަކަށް ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
އިންޑިއާ އަދި ރާއްޖޭގެ ދެމެދު ގާއިމުކުރެވިފައިވާ އަސްކަރީ އެއްބަސްވުންތައް ހާމަކުރެވިފައިނުވާ ސަބަބާއި ގުޅޭގޮތުން މަޖިލީހުގެ ތަޅުމުގައި ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ސުވާލު ކުރެއްވުމުން ޑިފެންސް މިނިސްޓަރ ޣައްސާން ވިދާޅުވީ، އެ އެއްބަސްވުންތައް ހާމަކުރެވިފައިނުވާ ސަބަބަކީ ކޮންފިޑެންޝިއާލިޓީ މާއްދާއެއް ހިމަނާފައިވުންކަމަށެވެ.
ޒިޔާދު ވަނީ އިތުރު ސުވާލުތަކެއްވެސް ކުރައްވާފައެވެ. އެގޮތުން ރައީސް އޮފީހުގެ ތަރުޖަމާނެއްގެ ގޮތުގައި މީގެ ކުރިން ހުންނެވި ފިރުޒުލް އަބްދުﷲ ހަލީލް އިންޑިއާ އަދި ރާއްޖޭގެ ދެމެދު 100 ވަރަކަށް އެއްބަސްވުން އޮތްކަން ހިއްސާކުރައްވާފައިވާކަމަށް އަލިއަޅުއްވައި މެމްބަރުވަނީ ޣައްސާން އެ އެއްބަސްވުންތައް ބައްލަވައިފިތޯއާއި އެއްވެސް އެއްބަސްވުމެއްގައި ގައުމުގެ ސިޔާދަތަށް ނުރައްކާވާ ވަރުގެ ކަމެއް އޮތްތޯ ސުވާލު ކުރައްވާފައެވެ. އަދި ދާދި ފަހުން ރައީސް ޑރ މުހައްމަދު މުއިއްޒު އެއްބަސްވުންތަކަށް ބަދަލުތަކެއް ގެނެވިފައިވާކަން ހާމަކުރެއްވިކަމަށް އިޝާރާތްކުރައްވާ މެމްބަރުވަނީ އެ ބަދަލުތައް ގެނެވުނީ ކޮން ރަށެއްގައިކަމުގެ އިތުރުން ސޮއިކުރެއްވި ފަރާތްތަކާއިމެދު ސުވާލު ކުރައްވާފައެވެ. މެމްބަރުވަނީ ހެލިކޮޕްޓަރު އެއްބަސްވުން ހަމަވިފަހުން ކުރެވިފައިވާ ދަތުރުތަކުގެ އަދަދާއިމެދުވެސް ސުވާލުކުރައްވާފައެވެ.
ޣައްސާން ވިދާޅުވީ، 1965 ވަނަ އަހަރު ރާއްޖެ މިނިވަންވިފަހުން އިންޑިއާ އަދި ރާއްޖޭގެ ދެމެދު 100 އެތައް އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ޑިފެންސް މިނިސްޓްރީން ޒިންމާވާ އެއްބަސްވުންތަކެއްގެ ގޮތުގައި އޮތީ 4 އެއްބަސްވުމެއްކަން ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ، އެ އެއްބަސްވުންތައް ރައީސް ވިދާޅުވިގޮތަށް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުން ނުވާގޮތަށް ބަދަލުކުރުމުގެ މަސައްކަތްތައް ކުރެވިފައިވާކަމަށާއި އަދިވެސް ބަދަލުކުރުމުގެ މަސައްކަތްތައް ކުރެވެމުންދާކަމަށެވެ. ޣައްސާން ވިދާޅުވީ، އެއްބަސްވުމުގެ މުއްދަތު ހަމަވިފަހުން ކުރެވިފައިވާ ހެލިކޮޕްޓަރު ދަތުރުތަކުގެ ސީދާ އަދަދު އެނގިވަޑައިނުގަންނަވާކަމަށެވެ.

