ބޭސް ގަތުމަށް ބޭނުންވާ ފައިސާ ނެތުމުގެ ސަބަބުން އެސްޓީއޯއިން އަމިއްލަ ފަރާތްތަކުގެ އަތުން 14 އިންސައްތައިގައި ލޯނު ނަގާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަމްހީދު ވިދާޅުވީ، ޑިސްއިންފެކްޓް ކުރާނެ ކެމިކަލް ހުސްވުމުގެ ސަބަބުން އައިޖީއެމްއެޗްގައި ބަލި ފެތުރެމުންދާކަމަށެވެ. އަދި މި ގައުމަށް ބޭސް ހުސްވުމުގެ ދަތިކަން ވެސް ދިމާވެފައިވާކަމަށާއި ރައްޔިތުންދަނީ ކޮންމެ ރެޔަކު މަގުތަކަށް ނިކުމެ ބޯހިޔާވަހިކަމަށް ސަލާންޖަހައި އާދޭސްކުރަމުންކަމަށް ޝަމްހީދު ވިދާޅުވި އެވެ.
މެމްބަރު ވިދާޅުވީ، ކެއިން ބުއިމަށް ބޭނުންވާ ފައިސާ ނެތުމުގެ ދަތިތައް ދިމާވާތީ ބޭރު ގައުމުތަކުގައި ކިޔަވަން ތިބި ކުދިން މަޖިލީހަށް ޕެޓިޝަން ހުށައަޅަމުންދާކަަމަށެވެ. އަދި ގައުމަށް ބޭނުންވާ ބޭސް ގަތުމަށްޓަކައި ފައިސާ ނެތުމުގެ ސަބަބުން އެސްޓީއޯއިން 14 އިންސައްތައިގެ އިންޓްރެސްޓުގައި އަމިއްލަ ފަރާތްތަކުގެ އަތުން ލޯނު ވެސް ނަގާފައިވާކަމަށް ވިދާޅުވި އެވެ.
ޝަމްހީދު ވިދާޅުވީ، އެ ހާލަތުގައި ކަންކަން ހުރިއިރު ރާއްޖޭގެ ދަރަނިތައް ދެއްކުމަށްޓަކައި ބޭނުންވާ ފައިސާވެސް ނެތްކަަމަށެވެ. އެހެންކަމުން އެ ހާލަތުގައި 150 މިލިއަން ޑޮލަރާއި ގާތްކުރާ އަދަދެއް ހޭދަކުރައްވައިގެން ޑްރޯންއާއި ޓޭންކު އަދި މިސައިލު ހޯދުމަކީ ރަނގަޅު ސިޔާސަތެއްތޯ ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫންއާއި ސުވާލު ކުރެއްވިއެވެ.
ޣައްސާން ވިދާޅުވީ، މި ސަރުކާރު އިންތިހާބުކޮށްގެން ރައީސް ޑރ މުހައްމަދު މުއިއްޒު ހުވާކުރެއްވިފަހުން ބޭރުގެ އެއްވެސް ދަރަންޏެއް ނުދެއްކި ގޮސްފައިނުވާކަމަށެވެ. އަދި ބާރު ދުވެއްޔެއްގައި ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ރަނގަޅު ކުރެއްވުމުގެ މަސައްކަތްތައް ކުރިއަށް ގެންދަވަމުންދާކަމަށް ހިއްސާކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު އޭގެ އެންމެ ފުރިހަމަ މާނައިގައި ހިމާޔަތްކުރަންޖެހޭނީ ދިވެހިންކަމަށް ގަބޫލުކުރައްވާކަމަށެވެ. ޣައްސާން ވިދާޅުވީ، އެކަން ކުރުމަކީ ގާނޫނީގޮތުން ދިވެހި ދިފާއީ ބާރާއި ހަވާލުކުރެވިފައިވާ ޒިންމާއެއްކަމަށާއި އެކަން މަސްއޫލިއްޔަތު އަދާކުރުމަކީ މަޖުބޫރުކަމެއް ކަމަށެވެ. އެހެންކަމުން ރާއްޖޭގެ އަސްކަރީ ގާބިލުކުރަން އިތުރުކުރުމަކީ ކުރަންޖެހޭ ކަމެއްގެ ގޮތުގައި ގަބޫލުކުރައްވާކަމަށް ވިދާޅުވިއެވެ.

