ކުރީ ސަރުކާރުން އެކުލަވާލާފައިވާ އެއްބަސްވުންތަކުގެ ދަށުން ރާއްޖޭގައި ގާއިމުވެ ތިބި 75 އިންޑިއާގެ ސިފައިން އަނބުރާ ގައުމަށް ފޮނުވާލާފައިވާކަމަށް ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިންޑިއާއާއި އެކު އޮތް ގާތް ގުޅުމަށް، އިދިކޮޅުގައި އޮވެ ޕީއެންސީން ބޮޑެތި ސުވާލުތައް އުފެއްދި އެވެ. އެ ގައުމުން ރާއްޖޭގެ މިނިވަންކަމަށް އަރައިގަތުމަށް މަސައްކަތް ކުރަމުންދާކަމަށް ތުހުމަތުކޮށް، އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ހުރަސްއެޅޭކަމަށް ވަނީ ބުނެފަ އެވެ.
އޭރު އެ ޕާޓީން ބުނަމުން އައީ އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބީ ހަތިޔާރާއި އެކުކަމަށާއި، ރާއްޖޭގެ ދާހިލީ ކަންކަމުގެ ސިއްރު އެނގެން ނުޖެހޭ މައުލޫމާތުތައް އެ ގައުމުން ހޯދަމުންދާކަމަށެވެ. އަދި އެންމެ ބޮޑު އެއް ކަންބޮޑުވުމެއް ފާޅުކުރީ ކަނޑުއަޑީގެ ކުރެހުން ނުވަތަ ހައިޑްރޮގްރަފީ އެއްބަސްވުމެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ މި އެއްބަސްވުންތައް ރިވިއުކޮށް، ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ހުރިހާ އެއްބަސްވުމެއް އުވާލާނެކަމަށް ވައުދުވެއެވެ. އަދި ސިފައިން ފޮނުވާލުމަށްޓަކައި ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ފެށިކަމަށް ވަނީ ބުނެފަ އެވެ.
އެކި ފޭސްތަކަށް ބަހާލައިގެން ޕްލެޓޫންތަކުގައި ތިބި ސިފައިންތައް ފޮނުވާލާފައިވާކަން ސަރުކާރުން މީގެ ކުރިން ވެސް ހާމަކުރި އެވެ. އަދި އެންމެ ފަހުން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެކަން ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ޣައްސާން ހާޒިރު ކުރުމުން މެމްބަރުން އެންމެ ގިނައިން ސުވާލު ކުރީ އެއްބަސްވުންތަކާއި، ރާއްޖޭގައި ތިބިކަމަށް ބުނި އިންޑިއާގެ ސިފައިންނާއި ގުޅޭގޮތުންނެވެ.
ޣައްސާން ވިދާޅުވީ ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ވެސް ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ތެރެއިން، ގެންގޮސްފައިވާކަމަށެވެ. އެގޮތުން އޭގެ ތެރޭގައި ހިމެނެނީ ޣައްސާން ވިދާޅުވި ގޮތުގައި ހދ. ހަނިމާދޫގައި 25 ސިފައިން، ލ. ކައްދޫގައި 25 ސިފައިން އަދި އައްޑޫ ގަމުގައި ތިބި 25 ސިފައިންނެވެ.
ޣައްސާން ވިދާޅުވި ގޮތުގައި އެ މީހުން ރާއްޖޭގައި ތިބީ ހަތިޔާރާއި އެކުއެއް ނޫނެވެ. އަދި ވިދާޅުވީ މިވަގުތު ރާއްޖޭގައި އެއްވެސް ގައުމެއްގެ އަސްކަރިއްޔާއަށް ނިސްބަތްވާ ބަޔަކު އެފަދަ ގޮތަކަށް ގާއިމުވެ ނެތްކަމަށެވެ.
ސިފައިން ފޮނުވާލުމަށް ފަހު ރާއްޖެއަށް އޭގެ ބަދަލުގައި އައިސްފައި ވަނީ ސިވިލް ނުވަތަ މަދަނީ މީހުންނެވެ. އެ މީހުން ވެސް އެއީ އަސްކަރިއްޔާގެ ބައެއްކަމަށް ތުހުމަތު ކުރި ނަމަވެސް، ސަރުކާރުން އެކަން ދޮގު ކުރެއެވެ.
ސިވިލް މީހުންނަށް ވެސް ވަކި މުއްދަތެއް ކަނޑައަޅާފައިވާއިރު ލ. ކައްދޫއާއި އައްޑޫގެ މުއްދަތު ވަނީ މީގެ ދެ މަސް ކުރިން ހަމަވެފަ އެވެ. އަދި ހދ. ހަނިމާދޫގައި ތިބި ސިވިލް މީހުން ރާއްޖެ ދޫކޮށް ދާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. މި މުއްދަތުތައް ނޫސްވެރިންނާއި ހިއްސާ ކުރެއްވީ ރައީސް އޮފީހުގައި އޮތް ޕްރެސް ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރ މޫސާ ޒަމީރެވެ.
ސިވިލް މީހުން ރާއްޖެ އައިސްފައި ވަނީ އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި، ޑޯނިއާ މަތިންދާ ބޯޓު އޮޕަރޭޓު ކުރުމަށެވެ.

