މި އަހަރުގެ ވޭތުވެ ދިޔަ މަސްތަކާއި އަޅާ ބަލާއިރު އޭޕްރީލް މަސް ތެރޭގައި ޑެންގީ ހުން ޖެހިގެން ރިޕޯރޓްކޮށްފައިވާ އަދަދު އިތުރުވެފައިވާކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތު ދީފިއެވެ.
އަހަރު މިހާތަނަށް އެންމެ ގިނައިން ޑެންގީ ހުން ޖެހިގެން ރިޕޯރޓްކޮށްފައިވަނީ މާލެ ސަރަހައަދުގެ އިތުރުން ރ. އަދި އއ. އަތޮޅުންނެވެ.
އެހެންކަމުން ޑެންގީއިން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. އެގޮތުން މަދިރި ހެފުމުން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ދުރާލާ އެޅުމަށް މިނިސްޓްރީން އެދިފައިވެއެވެ.
ވަކިން ޚާއްސަކޮށް، އީޑިސް މަދިރި އާއްމުކޮށް ހަފަނީ ދުވާލު ގަޑީގައިކަން ފާހަގަކޮށް މިނިސްޓްރީން ބުނީ، އެންމެ ރަނގަޅީ ހުރިހާ ވަގުތެއްގައިވެސް މަދިރި ހެފުމުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުން ކަމަށެވެ.
ހަމައެއާއެކު، މަދިރި އާލާވާ ތަންތަނާއި ތަކެތި ނައްތާލުމަށް ޚާއްސަ ސަމާލުކަން ދިނުމަށްވެސް އެދިފައިވެއެވެ. އެގޮތުން ގެއާއި ގޯތިތެރޭގައި ފެން ހަރުލާ ގޮތަށް ހުންނަ ތަންތަނާއި ތަކެތި މަދުވެގެން ހަފްތާއަކު އެއްފަހަރު ސާފުކުރުމާއި، އާންމު ތަންތަނާއި މަގުމަތީ އަދި ކޮންސްޓްރަކްޝަން ސައިޓްތަކުގައި ފެންހަރުލާ ގޮތަށް ހުންނަ ތަކެތި ފެންހަރުނުލާނޭހެން ބަންޑުން ޖެހުމާއި، މަދިރި ފަނި ނައްތާލުމަށް ބީ.ޓީ.އައި ނުވަތަ ޓެމިފޯސް ބޭނުންކުރުން ފަދަ ކަންކަން ކުރުމަށް ވަނީ އެދިފައެވެ.
އީޑިސް މަދިރި ފަނި އަޅާފައި ހުންނަ ތަކެތީގެ ފެން ހުސްކުރިޔަސް، އެތަކެތީގައި މަދިރި ބިސް ހަރުލާފައި ހުންނަ ކަމަށާއި، އަދި ހަލާކުނުވެ 6 މަސްދުވަހަށްވުރެ ގިނަ ދުވަހު ހުންނަކަން ފާހަގަކޮށް މިނިސްޓްރީން ބުނީ، މިފަދަ ތަކެތި ރަނގަޅަށް ސާފުކުރުން މުހިންމު ކަމަށެވެ.

