މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ރާއްޖޭގެ ހުރިހާ ސްކޫލެއް ހިމެނޭގޮތަށް މިފަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރަން ނިންމައިފިއެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެފައިވަނީ މޭ މަހުގެ 10 ވަނަ ދުވަހަކީ ގައުމީ ފެންވަރުގައި ފާހަގަކުރާ ކުޑަކުދިންގެ ދުވަހަށް ވުމާއިއެކު އެ ދުވަސް ކުލަގަދަކޮށް ފާހަގަކުރަން ނިންމާފައިވާ ކަމަށެވެ. މިއީ މިނިސްޓްރީއާއި ސްކޫލުތައް ގުޅިގެން ކުރިއަށް ގެންދާ ކަމެއް ކަމަށާއި ވަރަށް ގިނަ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އެގޮތުން މާލެ ސަރަހައްދުގައި ކުޑަކުދިންގެ ހަވީރު ބޭއްވުމަށް ހަމަޖައްސައިފައި ސަރަހައްދުތައް ވަނީ ކަނޑައަޅައިފައެވެ.
ކުޑަކުދިންގެ ހަވީރު އޮންނަ ސަރަހައްދުތައް:
- ހެންވޭރު ދަނޑު
- ރަސްފަންނު
- ސެންޓްރަލް ޕާކު
- ވިލިމާލެ
- ޖުމްހޫރީ މައިދާން އަދި ސަލްޓަން ޕާކު
މި ހަރަކާތްތައް އިންތިޒާމްކުރެވިގެން ދާނީ ކުޑަކުދިންނާއި ގުޅޭ ޝައުގުވެރި ތައުލީމީ ހަރަކާތްތަކާއި، މަޖާ ކުޅިވަރުތަކުގެ އިތުރުން މުނިފޫހި ފިލުވުމުގެ ހަރަކާތްތައްވެސް ހިމެނޭގޮތަށް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އެހެންކަމުން މި ހަވީރުގައި ބައިވެރިވުމަށް އާއިލާތަކަށްވެސް މިނިސްޓްރީން ވަނީ ދައުވަތު އަރުވާފައެވެ.
މިނިސްޓްރީން ބުނެފައިވަނީ ރާއްޖޭގެ ހުރިހާ ސްކޫލުތަކުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދާނެ ކަމަށެވެ. އޭގެތެރެެއިން ސްކޫލުތަކުގައި ބާއްވާ ހާއްސަ އެސެމްބްލީތަކާއި އެހެނިހެން ހަރަކާތްތައް ހިމެނޭނެ ކަމަށް ވަނީ ބުނެފައެވެ. މި ހަރަކާތްތަކުގެ ތެރޭގައި ކުޑަކުދިންނަށް އެކުދިންގެ ހައްގުތަކާއި ގުޅޭ މައުލޫމާތު ދީ އެކުދިންނަށް ގައުމުގެ ތަސައްވުރު ކިޔައިދެވިގެން ދާނެ ކަމަށް ވަނީ ބުނެފައެވެ.

