އެސްއޯއީތަކާއި ޕްރޮޖެކްޓުތައް ހަވާލުކުރީ ދަރަނިތައް ދައްކަމުން ގައުމުގެ މަސައްކަތްތައް ނުހުއްޓި ކުރިއަށް ގެންދެވޭކަން ކަށަވަރުކުރުމުގެ މަގުސަދުގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސައިން ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެމްބަރު އިބްރާހިމްވަނީ ރާއްޖޭގައި ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫޢުތަކާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. މެމްބަރު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނާއި މީޑިއާތަކަށްވެސް މިހާރުގެ ސަރުކާރަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކޮބައިކަން އެނގޭނެކަމަށެވެ. މެމްބަރު ވިދާޅުވީ، ނިމިިދިޔަ ވެރިކަމުގެ ދައުރުގައި ގިނަ އަދަދެއްގެ ލޯނުތައް ނަގާފައިވާކަމަށާއި އެތައް ބިލިއަން ރުފިޔާއެއް ޗާޕުކޮށްފައިވާކަމަށެވެ. އެހެންކަމުން އެ ލޯނުތަކަކީ ކޮންމެވެސް އިރަކުން ދައްކަންޖެހޭނެ ފައިސާކަމަށް ހިއްސާކުރެއްވިއެވެ.
އިބްރާހިމް ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަން ކުރައްވަމުންދަނީ އެ ލޯނުތައްވެސް ދައްކަމުންކަމަށާއި ހަގީގަތުގައި މި ވެރިކަން ފެށުމާއިއެކު އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރީ މި ވެރިކަން ވައްޓާލުމަށްކަމަށެވެ. އަދި އެއަށްފަހު އެއްވެސް ޕްރޮޖެކްޓެއް ހިންގުމަށް ޖާގަ ނުދޭން މަސައްކަތްކުރިއިރު އަދިވެސް އެ މަސައްކަތްތައް ކުރަމުންދާކަމަށް ފާހަގަކުރެއްވިއެވެ.
މެމްބަރު ވިދާޅުވީ، ރައީސް ޑރ މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ރަނުން ރަނަށް ފުއްދަވައިދެއްވާނެކަަމަށެވެ. އަދި މިހާރުވެސް އެ މަންޒަރު ފެންނަމުންދާކަމަށާއި އެމަނިކުފާނުވަނީ އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެހާހަށްވުރެ ގިނަ ޕްރޮޖެކްޓުތަކުގައި ސޮއިކުރެވިފައިވާކަން އާންމުކުރައްވާފައިކަމަށް ވިދާޅުވިއެވެ.
އިބްރާހިމް ވިދާޅުވީ، ރައީސްވަނީ އެ ޕްރޮޖެކްޓުތައް ފެށުމުގެ މަރުހަލާގެ މަސައްކަތްތައް ކުރެވެމުންދާކަންވެސް ހާމަކުރައްވާފައިކަމަށާއި ބައެއް ރަށްތަކުގައި ޕްރޮޖެކްޓުތައް ފެށިފައިވާއިރު ބާކީ ރަށްތަކުގައި ފެށުމަށްޓަކައި ތައްޔާރުވަމުންދާކަމަށެވެ. މެމްބަރު ވިދާޅުވީ، ޕްރޮޖެކްތެއް އެވޯޑުކުރުމުން ނުވަތަ މަޝްރޫޢުއެއް ކުރިއަށް ގެންދިއުމަށްޓަކައި އެއްބަސްވުމެއްގައި ސޮއިކުރުމުން ވަގުތުން ވަގުތަށް މަސައްކަތްތައް ނުފެށޭނެކަމަށެވެ.
މެމްބަރު ވިދާޅުވީ، ރާއްޖެއަކީ އާފަލެއް ނުނީ ފިޔަލެއްވެސް އަމިއްލައަށް ހައްދައިގެން ބޭނުންކުރާ ބައެއް ނޫންކަން ގަބޫލުކުރަންވާނެކަމަށެވެ. އެހެންކަމުން އެއީ ބޭރުން ރާއްޖެއަށް އެތެރެކުރަން މަޖުބޫރުވެގެންދާ މުދާކަމަށާއި އެގޮތުގެ މަތިން އެއްބަސްވުމެއްގައި ސޮއިކުރިނަމަވެސް މަސައްކަތްތައް ކުރިއަށް ގެންދަން ބޭނުންވާ ސާމާނަކީ ރާއްޖޭގައި ލިބެން ހުންނަ މުދާ ނޫންކަމަށްވުމުން މަސައްކަތްތައް ފެށޭނީ އެތަކެތި ރާއްޖެއަށް ގެނައުމަށްފަހުކަމަށް ފާހަގަކުރެއްވިއެވެ.
މެމްބަރު ވިދާޅުވީ، އެ މަސައްކަތްތައް މިހާރުވެސް ކުރެވެމުންދާކަމަށާއި ހަގީގަތަށް ބަލާއިރު އެސްއޯއީތަކާއި މަސައްކަތްތައް ހަވާލުކުރެވިގެންދިޔައީ ރާއްޖެއިން ބޮޑެތި ލޯނުތަކެއް ދައްކަންޖެހިފައިވުމުން އެ ފައިސާ ދައްކަމުން ގައުމު ހިންގުމުގެ ބޭނުމުގައިކަމަށް ވިދާޅުވިއެވެ. އިބްރާހިމް ވިދާޅުވީ، ގައުމުގެ މަސައްކަތްތައް މިވަގުތު ކުރިއަށް ގެންދެވެން އޮތް ހަމައެކަނި މަގަކީ އެ މަގުކަމަށް ދެކިވަޑައިގަންނަވާކަމަށާއި ރައީސް ޑރ މުއިއްޒު އެ މަގު ހިޔާރުކުރެއްވީވެސް އެ ސަބަބުތަކާއި ގުޅިގެންކަމަށް ގަބޫލުކުރައްވާކަމަށެވެ.
އިބްރާހިމް ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެކަށީގެންވާ ޕްރޮޖެކްޓުތައް ނުލިބިއްޖެ ހާލަތެއްގައި ރާއްޖޭގެ އިގްތިސާދު ބޭނުންވާ ހިސާބަށް ނުގެންދެވޭނެކަންވެސް ސާފުވެވަޑައިގަންނަވާކަމަށެވެ. މެމްބަރު ވިދާޅުވީ، އެއީ އެންމެނަށްވެސް އެނގޭކަމެއް ކަމަށާއި ނަމަވެސް މަސައްކަތްތައް ކުރިއަށް ގެންގޮސް ރައީސް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެން އޮތީ މި މަގުކަމަށްވުމުން އެގޮތަށް މަސައްކަތްތައް ކުރިއަށް ގެންދަން ނިންމާފައިވާކަމަށެވެ.
މެމްބަރު ވިދާޅުވީ، ޕްރޮޖެކްޓުތައް އެސްއޯއީތަކާއި ހަވާލުކުރުމުން އެކަމުން ލިބިގެންދާ ފައިދާއަކީ އެ މުއައްސަސާތަކުން މަސައްކަތްތައް ކުރިއަށް ގެންދިއުމުން ސަރުކާރުން ކުރަންޖެހޭ ހަރަދުތައް ކުޑަވެގެންދިއުމާއި ދައްކަންޖެހޭ ފައިސާތައް ބަހާލައިގެން ދެއްކުމުގެ ފުރުސަތު ފަހިވެގެންދިއުންކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.
ނަމަވެސް ޕްރައިވެޓް ކުންފުންޏަކަށް މަސައްކަތްތައް ހަވާލުކޮށްފި ހާލަތެއްގައި ފުރަތަމަ ކަމެއްގެ ގޮތުގައިވެސް އެޑްވާންސް ޕޭމަންޓެއް ނަގާނެކަމަށާއި ޕްރޮޖެކްޓުގެ ހުރިހާ ފައިސާއެއް ނެގުމަށްފަހުވެސް 30 އިންސައްތައާއި ހިސާބަށް މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާ ޕްރޮޖެކްޓުތައް ނިމިދިޔަ ސަރުކާރުގެ ދައުރުން ފާހަގަކުރެވުނުކަމަށެވެ.
އެހެންކަމުން ހަގީގަތުގައިވެސް ރައްޔިތުން ވިސްނަންޖެހޭކަމަށާއި ކުރިއަށް ގެންދާ ޕްރޮޖެކްޓުތައް ރައްޔިތުންނާއި ހިސާބަށް ވާސިލުކޮށްދެވޭނީ ރަނގަޅު ނިޒާމެއްގެ ތެރެއިން އެކަންކަން ކުރެވޭނެ ގޮތްތަކެއް މަގުފަހިވެގެންކަމަށް ވިދާޅުވިއެވެ.

