ދިވެހިރާއްޖޭއަށް ކުރަމުންދާ ބޯވިއްސާރައާއި ގުޅިގެން، މޫސުމާބެހޭ ގައުމީ އިދާރާއިން މިއަދު ތ އަތޮޅުން އައްޑޫ ސިޓީއަށް ހުދު ސަމާލެއް ނެރެފިއެވެ.
މި ސަމާލު ނެރެފައި ވަނީ މިރޭ 9:00 ގެ ނިޔަލަށެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފައި ވަނީ، ހުދު ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް، ބޯކޮށް ވާރޭވެހި، ގުގުރުމާއެކު ވިއްސާރަވެ، ވިލާގަނޑުގެ ބާރުމިން ގަޑިއަކަށް 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މީގެއިތުރުން، ފާއިތުވެގެންދިޔަ ދުވަސްތަކުގައި ރާއްޖޭގެ އެހެން ބައެއް ސަރަހައްދުތަކަށްވެސް މޫސުމާ ގުޅޭ ސަމާލު މެޓް އޮފީހުން ވަނީ ނެރެފައެވެ.
މި ހާލަތާ ގުޅިގެން، މޫސުމާބެހޭ ގައުމީ އިދާރާއިން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށްފަހު ދަތުރުތައް ރޭވުމަށްވެސް އިރުޝާދު ދީފައިވެއެވެ.

