މ މުލި އެއަރޕޯޓު އޮޕަރޭޝަނަލް ހާލަތަށް ގެނެވިފައިވާކަން ރީޖަނަލް އެއަރޕޯޓްސް ލިމިޓެޑް ކުންފުނިން ބުނެފިއެވެ.
އާރްއޭސީއެލް އިން އާންމުކޮށްފައިވާގޮތުން އެ ކުންފުންޏަކީ ރާއްޖޭގައި އެންމެ ގިނަ ރީޖަނަލް ވައިގެ ބަނދަރުތައް ހިންގަމުންދާ ކުންފުންޏެވެ. އަދި މިހާރު އެ ކުންފުނިން ވަނީ މ. މުލީގައި ބިނާކޮށްފައިވާ އެއާޕޯޓު ވެސް އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށްޓަކައި ހުޅުވާލާފައިކަމަށް ބުނެފައިވެއެވެ.
އެ ކުންފުނިން ބުނާގޮތުން މި އެއާޕޯޓަކީ 2021 ވަނަ އަހަރުގެ ތެރޭގައި ތަރައްގީކުރަން ފެށުނު ތަނެކެވެ. އަދި މިއީ މ. އަތޮޅުގެ ފުރަތަމަ އެއާޕޯޓުކަމަށްވާއިރު މަސައްކަތްތައް އެއްކޮށް ނިމުމާއިއެކު އޮޕަރޭޝަންތައް ފެށުމުގެ ގޮތުން ރާއްޖޭގެ އެތެރޭގެ ދަތުރުތައް ކުރަމުންދާ ކުންފުނިތައްކަމަށްވާ މޯލްޑިވިއަން ވިލާ އަދި މަންތާއަށް ފުރުސަތު ހުޅުވާލާފައިކަމަށް ބުނެފައިވެއެވެ.
އާރްއޭސީއެލްއިން ބުނެފައިވާގޮތުން އެއަރޕޯޓު ނިމުމާއިއެކު އެ ކުންފުނިންވަނީ ރަސްމީ އޮޕަރޭޝަންތައް ފެށުމުގެ ގޮތުން ކުރިއަށް ގެންދަންޖެހޭ ރެޖިއުލޭޓަރީ ޓެސްޓު ފްލައިޓުގެ މަސައްކަތްތައްވެސް މި އަހަރުގެ އެޕްރިލް މަހުގެ 25 ވަނަ ދުވަހު ނިންމާލާފައިކަމަށެވެ.

