ސުލޫކީ މައްސަލަތަކެއް ފެންމަތިކޮށް ފަނޑިޔާރުކަމުން ވަކިކުރުމަށް ނިންމާފައިވާ ޑރ. އަޒްމިރަލްދާ ޒާހިރަށް ވާހަކަ ދެއްކުމުގެ ފުރުސަތެއް ދީ، ކޮމިޓީއަށް ހާޒިރުވުމަށް އެދި ހުށަހެޅި ހުށަހެޅުން ބަލައިނުގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމި ނިންމުމަކީ ޣައިރު ގާނޫނީ އަދި ނާތަހުޒީބު ނިންމުމެއް ކަމަށް ކުރީގެ ބަންޑާރަ ނައިބު އާއިޝަތު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
ފަނޑިޔާރުންގެ މައްސަލައާއި ގުޅިގެން ދިޔާނާ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މީހަކާއި މެދު ތުހުމަތެއް އުފުލޭ ކޮންމެ ހާލަތެއްގައި އަދި މީހަކާއި މެދު ފިޔަވަޅެއް އަޅާ ކޮންމެ ހާލަތެއްގައި އެ މީހަކަށް އޭނާގެ ބަސް އިއްވުމުގެ ފުރުސަތު ދިނުމަކީ އަދުލުވެރިކަމުގެ އެންމެ އިސް އެއް ހަމަ ކަމަށެވެ. އަދި މިއީ ގާނޫނީ އަދި އަހުލާގީ ވާޖިބެއް ކަމަށް ވިދާޅުވިއެވެ.
ދިޔާނާ ވިދާޅުވީ މިއީ ގައުމުގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގައި އަމަލު ކުރަންޖެހޭ ހާއްސަ އިޖުރާއަތާއި އެ އިޖުރާއަތުން ހިމާޔަތްކުރާ ދައލަަތުގެ މަސްލަހަތުގެ ވާހަކަ އެއްކައިރީ ބާއްވާފައި އެންމެ އާދައިގެ ވިސްނުމުން ބަލާއިރުވެސް ތަބާ ވާންޖެހޭ ހަމައެއް ކަމަށެވެ.
ސުލޫކީ މައްސަލައެއް ފެންމަތިކޮށް ސުޕްރީމް ކޯޓު ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ގުޅޭ ގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަނުން ކުރި ތަހުގީގު ރިޕޯޓުގައި ވަނީ ދެ ފަނޑިޔާރުން ވެސް ވަކި ކުރުމަށެވެ.
ތަހުގީގު ކޮމިޓީގެ ރިޕޯޓުގައި ކޮމިޓީން ކަނޑައަޅާފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް ބައިވެރިވެ، ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބު މެދުވެރިކޮށް ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީއަށް ނުފޫޒު ފޯރުވިކަން ސާބިތުވާކަމަށެވެ.

