ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާމެދު އިންޑިއާގެ ބާ އެސޯސިއޭޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ލޯއޭޝިއާ އާއި އިންޑިއާގެ ބާ އެސޯސިއޭޝަނުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ހޯމަ ދުވަހު ވަނީ ބަޔާންތަކެއް ނެރެފައެވެ.
ބަޔާނުގައި ބުނެފައިވަނީ، ފަނޑިޔާރުން ވަކި ކުރުމުގެ އިޖުރާއަތުތައް ކުރިއަށްދަނީ ރާއްޖޭގެ ޝަރުއީ ދާއިރާގެ މިނިވަންކަމާއި، ޤާނޫނުގެ ވެރިކަން އަދި ޑިއު ޕްރޮސެސް ފުރިހަމަކޮށްކަމާމެދު އެތައް ސުވާލުތަކެއް އުފެދިފައިވާ ކަމަށެވެ.
ވަކިން ޚާއްސަކޮށް، މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކުރުން ހުއްޓުވުމުގެ ގޮތުން ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުގެ މައްސަލަ ކޯޓުން ބެލުމަށް ނިންމި ދަނޑިވަޅާއެކު ފަނޑިޔާރުންނާ ގުޅޭ މައްސަލަތަކެއް ބަލައި، ފަނޑިޔާރުންގެ ޤާނޫނަށްވެސް އިސްލާޙުތަކެއް ހުށަހެޅިގެން ދިޔަކަން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، ދުސްތޫރީ މައްސަލައިގެ އަޑުއެހުން ފެށެން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް ފަނޑިޔާރުން ސަސްޕެންޑް ކުރުމާއި، މި މުޅި މައްސަލައިގެ ޓައިމްލައިން ދިޔަ ގޮތުން ކަންބޮޑުވާން ޖެހޭ އެތައް ކަމެއް ހުރިކަންވެސް ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ޖޭއެސްސީން ބަލަމުން ދިޔަ ސުލޫކީ މައްސަލަތަކުގެ ތަހުގީގުގައި ފަނޑިޔާރުންނަށް އެކަށީގެންވާ ގޮތެއްގައި ޖަވާބުދާރީވުމުގެ ފުރުސަތުވެސް ދީފައިނުވާކަމުގެ ކަންބޮޑުވުން ފަނޑިޔާރުންގެ ޤާނޫނީ ޓީމުންވެސް ބަޔާންކޮށްފައިވާކަން ވަނީ ކަންބޮޑުވުމާއެކު ފާހަގަކޮށްފައެވެ.
އެހެންކަމުން މި މުޅި މައްސަލައިގައި ދެފުއް ފެންނަ ގޮތަށް، އަދި ފަނޑިޔާރުންނަށްވެސް ޖަވާބުދާރީވުމުގެ ފުރުސަތު ދީގެން ކުރިއަށް ދިއުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ. އަދި މި މައްސަލައިގައި ދިވެހިރާއްޖޭގެ ބާ ކައުންސިލުން ހިއްސާކޮށްފައިވާ ކަންބޮޑުވުންތައް ބަލައި، ވީހާވެސް އިންސާފުވެރިކަމާއެކު މި މަސައްކަތްތައް ކުރިއަށްދާކަން ކަށަވަރު ކުރުމަށް ދިވެހި ސަރުކާރަށްވެސް ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން އިންޑިއާގެ ބާ އެސޯސިއޭޝަނުން ވަނީ ރާއްޖޭގެ ބާ ކައުންސިލާއި، ލޯއޭޝިއާ އަދި ކޮމަންވެލްތް ލޯޔަރސް އެސޯސިއޭޝަނުން ގޮވާލާފައިވާ ގޮވާލުންތައް ތަކުރާރުކޮށް، މި މައްސަލައިގައި ބާ ކައުންސިލުން ހިއްސާކުރި ކަންބޮޑުވުންތަކަށް ގޮތެއް ނުނިމެނީސް ފަނޑޔާރުން ވަކި ކުރުމުގެ އިޖުރާއަތު ކުރިއަށް ނުގެންދިއުމަށް ގޮވާލާފައެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމާމެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމެވުމުގައި ރިޢާޔަތްކޮށްދެއްވުމަށް އެދޭ ކަންކަން ބާ ކައުންސިލުން ވަނީ ރައްޔިތުންގެ މަޖިލީހާ ހިއްސާކޮށްފައެވެ.
އެހެންނަމަވެސް އެ ކަންކަމަށް ރިއާޔަތް ކުރުމެއް ނެތި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިހާރު ވަނީ ފަނޑިޔާރުން ވަކި ކުރުމަށް ފާސްވެސް ކޮށްފައެވެ.
ބާ ކައުންސިލުން އެދިފައިވާ ކަންކަމުގެ ތެރޭގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މައްޗަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހިންގެވި ތަޙުޤީޤުގައި އިޖުރާއަތުތައް ފުރިހަމަކޮށްފައިވަނީ ރަނގަޅަށްކަން ކަށަވަރުކޮށްދެއްވައި، އެ ކޮމިޝަނުން މި މައްސަލައިގައި ފާހަގަކުރައްވާފައިވާ ކަންކަމަކީ، ކަމާގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް، މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކަށް ލިބިދޭންޖެހޭ ޙައްޤުތައް ލިބިދީ، ހުށަހެޅުނު އެންމެހައި ހެކިތަކަށް ރިޢާޔަތްކޮށް ނިންމާފައިވާ ނިންމުންތަކެއްކަން ކަށަވަރު ކޮށްދިނުމަށް އެދިފައިވެއެވެ.
މީގެ އިތުރުން، އެ ނިންމުމަށް ވާޞިލުވެފައިވަނީ ބުރަދަންހުރި ހެކީގެ މައްޗަށްކަން ކަށަވަރުކޮށްދެއްވުމަށާއި، އެ މައްސަލައިގައި ޑިއު ޕްރޮސެސް ފުރިހަމަކޮށްފައިވާކަން ކަށަވަރުކޮށްދެއްވުމަށްވެސް ބާ ކައުންސިލުން ވަނީ އެދިފައެވެ.
ހަމައެއާއެކު، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ތަޙުޤީޤުކޮށްފައިވާ ގޮތާމެދު ފަނޑިޔާރުންގެ ވަކީލުންގެ ފަރާތުން ގިނަ ކަންބޮޑުވުންތަކެއް ޢާންމުކޮށް ހާމަކޮށްފައި އޮތްއޮތުމުގެ މައްޗަށް ރިޢާޔަތްކޮށް، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން މި މައްސަލައިގައި ގޮތެއް ނިންމެވުމުގައި ޢަދުލުވެރި ނިންމެވުމަކަށް ވާޞިލުވުމަށް، ފަނޑިޔާރުންނާއި އެ ފަނޑިޔާރުންގެ ވަކީލުންނަށް މައްސަލައާ ގުޅިގެން ޖަވާބުދާރީވުމަށާއި ކަންބޮޑުވުންތައް ހިއްސާކުރުމަށް ފުރުޞަތު ދެއްވުމަށްވެސް ބާ ކައުންސިލުން ވަނީ އެދިފައެވެ. އަދި ޖުޑީޝިއަރީ ކޮމިޓީއަށް ހާޒިރުކޮށް ޖަވާބުދާރީވުމަށް އެކަށީގެންވާ ވަގުތު ދެއްވައި، ފަނޑިޔާރުން އިޢުތިރާޒުނުކުރައްވާނަމަ އެ ބައްދަލުވުމަކީ ހުޅުވާލެވިގެން ކުރިއަށް ގެންދެވޭ ބައްދަލުވުމެއް ކަމުގައި ހަމަޖައްސަވައިދެއްވުމަށްވެސް އެދިފައިވެއެވެ.
މީގެ އިތުރުން، މި މައްސަލައިގައި ގޮތެއް ނިންމެވުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކޮށްދެއްވުމަށް އެދުމުގެ އިތުރުން، މި މައްސަލައިގައި ބާ ކައުންސިލުގެ ހުރި ކަންބޮޑުވުންތަކުގެ ތަފުސީލުތައް، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީއާ ބައްދަލުކޮށް ހިއްސާކުރުމުގެ ފުރުޞަތަށްވެސް ބާ ކައުންސިލުން ވަނީ އެދިފައެވެ.

