މަގުތަކުގައި ތާރު އެޅުމުގެ ގާބިލްކަން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގައި މި ވަގުތު ނެތް ކަމަށް އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރ އެހެން ވިދާޅުވީ، ތިމަރަފުށީގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބާ ގުޅޭ ގޮތުން އެ ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު ރިޔާޒް ކުރެއްވި ސުވާލެއްގެ ޖަވާބުގައެވެ.
މުއްތަލިބް ވިދާޅުވީ އާރުޑީސީއާ ހަވާލުކޮށްފައިވާ ތިމަރަފުށީ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި އޮތީ އިންޑިއާ ކުންފުންޏަކަށް ސަބް ކޮންޓްރެކްޓް ކޮށްގެން ކަމަށެވެ.
ނަމަވެސް، މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން، އެ ކުންފުނިން އެއްވެސް މަސައްކަތަކެއް ކޮށްފައި ނުވާތީ، އެ މަސައްކަތް ފަހުން ކޮށްފައިވަނީ އާރުޑީސީން ކަމަށް މުއްތަލިބް ވިދާޅުވިއެވެ. އާރުޑީސީން މަގުތަކުގެ މަސައްކަތްކޮށް، ތާރު އެޅުމާ ހަމައަށް ގެންގޮސްފައިވީ ނަމަވެސް، މަސައްކަތް މި ވަގުތަށް މަޑުޖެހިފައި އޮތީ ތާރު އެޅުމުގެ ގާބިލްކަން އެ ކުންފުނީގައި މިވަގުތު ނެތުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
”އާރުޑީސީ އިން މި ވަގުތު އަމިއްލަ އަށް ތާރު އެޅުމުގެ ކެޕޭސިޓީ ނެތުމާ އެކު، ތާރު އެޅުމުގެ މަސައްކަތް ނުފެށިފައި އޮތީ. އެ އަށް ހައްލެއް ލިބޭތޯ އަޅުގަނޑުމެން އާރުޑީސީއާ އެކު މަސައްކަތްތަކެއް ކުރަމުން އެބަ ގެންދަން،“
އާރުޑީސީގައި އަމިއްލަ އަށް ތާރު އެޅުމުގެ ގާބިލްކަން މިވަގުތު ނެތް ކަމަށް މުއްތަލިބް ވިދާޅުވިއިރު، އެއީ އެކި ރަށްރަށުގެ މަގުތައް ހެދުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވާ މަގު ހަދާ މައި ކުންފުންޏެވެ.

