ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރުމުގައި ޖޭއެސްސީންނާއި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އަމަލުކޮށްފައިވާ ގޮތާއިމެދު ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކި ކުރުމަށް ނިންމި މައްސަލައިގައި އެޗްއާރްސީއެމްއިން ވަނީ ބަޔާނެއް އާންމުކޮށްފައެވެ. އެ ކޮމިޝަނުމް ބުނެފައިވާގޮތުން ގޮނޑި ގެއްލޭ ގޮތަށް ގެނެސްފައިވާ އިސްލާހު ބާތިލުކުރުމަށް ހުށަހަޅާފައި ވަނިކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް މަޖިލީހުން ފާސްކުރި ކަމަށެވެ. އަދި ދުސްތޫރީ މައްސަލައިގެ އަޑުއެހުމަށް ކުޑަތަންވެފައިވަނިކޮށް ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒް އަދި ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑުކުރަން ޖޭއެސްސީން ނިންމިކަމަށާއި އެކަމަކީ ދުސްތޫރީ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސްއެޅިގެންދާނެ ސަބަބެއްކަމަށް ވެއެވެ.
ބަޔާނުގައި ބުނެފައި ވަނީ މައްސަލަ ބައްލަވަމުން ގެންދަވާ ފަނޑިޔާރުންނާއި އިޖުރާއަތުތަކަށާއި ނިންމުންތަކަށް ނުރަނގަޅު އަސަރު ފޯރުމުގެ ގޮތުން ހިންގާފައިވާ އަމަލެއްގެ ގޮތުގައި ބެލުމުގެ އިހްތިމާލު ފާޅުކަން ބޮޑުގޮތެއްގައި އޮތްކަމަށެވެ.
އެ ކޮމިޝަނުން ބުނެފައިވާގޮތުން ފަނޑިޔާރު މަހާޒް އަދި އަޒްމިރަލްދާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރުމަށް ޖޭއެސްސީންނާއި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އަމަލުކުރިގޮތާއި އިޖުރާއަތުތައް ތަރުތީބުކުރިގޮތާއިމެދުވެސް ކަންބޮޑުވެއެވެ. އދގެ ފަރާތުން މަންދޫބަކުވެސް މި މައްސަލައިގައި ކަންބޮޑުވުންތަކެއް ހުރިކަން ބަޔާންކޮށްފައިވާކަން ފާހަގަކޮށް އެޗްއާރްސީއެމްއިން ބުނެފައިވަނީ ފަނޑިޔާރުން ވަކިކުރުމަށްޓަކައި މަޖިލީހަށް ހުށައެޅުމުން ޖަވާބުދާރީވުމަށް ފުރުސަތު ދިނުމަށް އެދިފައިވާއިރު އެކަމަށް ޖާގަ ނުދީ ބައްދަލުވުންތައްވެސް ސިއްރުކުރިކަމަށެވެ. އެހެންކަމުން އެ ހާލަތުގައި ފަނޑިޔާރުން ވަކިކުރުމަށް ފާސްކޮށްފައިވުމާއިމެދު ނުހަނު ކަންބޮޑުވާކަމަށް ފާހަގަކޮށްފައިވެއެވެ.
އެޗްއާރްސީއެމްއިން ބުނެފައިވާގޮތުން ފަނޑިޔާރުންގެ އަދަދު މަދުކުރުމަށްޓަކައި ކޯޓުތަކުގެ ގާނޫނަށް ހުށައެޅި 5 ވަނަ އިސްލާހަކީ ރާއްޖޭގެ ގާނޫނުއަސާސީގެ 154 ވަނަ މާއްދާއާއި ހިލާފު ގާނޫނާއި ދުސްތޫރީ ހަމަތަކާއިވެސް ހިލާފު އިސްލާހެއް ކަމަށް ދެކޭކަމަށެވެ. އެހެންކަމުން އެކަން ރައީސް ޑރ މުހައްމަދު މުއިއްޒުއާއި ހިއްސާކުރެއްވިކަމަށާއި އެހެންކަމުން ބިލު ތަސްދީގު ނުކުރައްވައި ދެވަނަ ވިސްނުމަކަށް ދިއުމަށް އެދިވަޑައިގެން އަނބުރާ ފޮނުއްވުމަކީ ރަނގަޅަށް ރައީސް ނިންމެވިކަމެއްގެ ގޮތުގައި ދެކޭކަމަށެވެ.
އެހެންކަމުން ރާއްޖޭގެ ދުސްތޫރީ އަދި ދިމޮކްރެޓިކް އުސޫލުތަކާއި ގާނޫނީ ވެރިކަން ނަގަހައްޓަކައި ތިންބާރު ވަކިވެފައިވާ ނިޒާމަށް އިހުތިރާމްކުރުމަށާއި ބައިނަލްއަގުވާމީ އިލްތިޒާމުތައް ކަށަވަރުކުރުމަށް އެންމެހާ މުއައްސަސާތަކަށް ގޮވާލާކަމަށް ބުނެފައިވެއެވެ. އަދި ފަނޑިޔާރު މަހާޒްއާއި އަޒްމިރަލްދާ ވަކިކުރަން ނިންމުމުގެ ކުރިން ހާމަ ގޮތެއްގައި އަދުލު އިންސާފުގެ ހަމަތަކާއި އެއްގޮތަށް ޖަވާބުދާރީވުމުގެ ފުރުސަތު ފަހިކޮށްދީ އަދުލުވެރި ތައައްސުބުން އެއްކިބާވެފައިވާ ނިންުމުމަކަށް ވާސިލުވެވޭނެ ގޮތެއްގެ މަތިން ފަނޑިޔާރުންގެ އަސާސީ ހައްގުތައް ރައްކައުތެރިކޮށްދިނުމަށް އިލްތިމާސްކުރާކަމަށްވެސް ބުނެފައިވެއެވެ.

