ރައީސް ބޭނުންވާއިރަށް ފަނޑިޔާރުން ބަދަލުކުރުމަކީ ފެހި ގާނޫނުއަސާސީ ތަސައްވުރުކޮށްފައިވާ ގޮތް ނޫންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުުގެ މަގާމުން ވަކިކުރުމާއިއެކު ރައީސް ނަޝީދުވަނީ ސޯޝަލްމީޑިއާ މެދުވެރިކޮށް އާންމުކުރެއްވި ޕޯސްޓެއްގައި އެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ރައީސް ނަޝީދު ވިދާޅުވީ، ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ފަނޑިޔާރުން ބަދަލުކުރަންޖެހޭކަމަށް އަލަށް އަންނަ ވެރިންގެ ހިތަށް ވަންނަ މައްސަލައަކީ ދެރަ ކަމެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ރައީސް ބޭނުންފުޅުވާއިރަށް ފަނޑިޔާރުން ބަދަލުކުރުމަކީ ފެހި ގާނޫނުއަސާސީ ތަސައްވުރުކުރި ގޮތް ނޫންކަމަށާއި ނަމަވެސް ގާނޫނުއަސާސީ މެދުވެރިކޮށް އުންމީދުކުރި ގޮތާއި ހިލާފަށް ބައްޓަން ކޮށްފައިވަނި ރަސްކަމެއްފަދަ ރިޔާސީ ނިޒާމެއްކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، 2008ގައި އައު ގާނޫނުއަސާސީއަށް އަމަލުކުރަން ފެށުމާއިއެކު ސުޕްރީމް ކޯޓު އެކުލަވާލަން ޖެހުނުކަމަށެވެ. އަދި ވޭތުވެދިޔަ ތިން އިންތިހާބަށްފަހަ ވުޖޫދުވެގެން އައި ވެރިކަންތަކުގައި ފަނޑިޔާރުން ބަދަލުކޮށްފައިވާކަމަށް ހިއްސާކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، މިގޮތަށް ކަންކަން ނުވާ ގޮތަށް ނިޒާމު ބަދަލުކުރަން ޖެހޭކަމަށެވެ.

