ސުލޫކީ މައްސަލަތަކެއްގައިކަމަށް ބުނެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރަލްދާ ޒާހިރާއި، މަހާޒް އަލީ ޒާހިރު ވަކި ކުރުމުގެ ސަބަބުން ޖުޑިޝަރީއަށް ލިބިގެން ދިޔައީ ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއްކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.
ދެ މަސް ދުވަހަށް ވުރެ ގިނަ ދުވަހު ސަސްޕެންޝަނުގައި ބޭތިއްބުމަށް ފަހު އަޒްމިރަލްދާއާއި މަހާޒް މިއަދު ވަނީ ވަކިކޮށްފަ އެވެ. އެ މައްސަލައާއި ދެކޮޅަށް އެމްޑީޕީ މަޖިލީހުގެ ތަޅުމުގައި އިޖިތިޖާޖުކޮށް ބުނަމުން ދިޔައީ ދެ ބޭފުޅުން ވެސް އެދިފައިވާ ގޮތަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށެވެ. އަދި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މައްސަލަ ތަހުގީގު ކުރީ ރަނގަޅަށް ނޫންކަމަށް މަޖިލީހުގެ ކައުންސިލް ޖެނެރަލް ފާތިމަތު ފިލްޒާ ދެއްވި ލަފައާއި ދެކޮޅުވެ ޕީއެންސީ މެމްބަރުން ވާހަކަ ދެއްކަވުން ކުށްވެރި ކުރި އެވެ.
ފަނޑިޔާރުކަމުން ވަކިކުރުމާއި އެކު ދެބޭފުޅުން ވެސް ވަނީ މަސައްކަތް ކުރީ އެއްވެސް ނުފޫޒެއްގައި ނުޖެހިކަމަށް ބުނެ އެކަމާއި މެދު ފަހުރުވެރިވާކަމަށް ބުނެފަ އެވެ. އަދި އަޒްމިރަލްދާ ވެސް ވަނީ ހަ ސޮފުހާގެ ބޮޑު ބަޔާނެއް އާންމު ކުރައްވައި އޭނާއާއި ފިރިކަލުން ޑރ. އިސްމާއިލް ލަތީފްގެ އަބުރަށް އަރައިގަނެ ދެ ބޭފުޅުންގެ ވެސް އާއިލާ ކުރިމަތިލާން ޖެހުނު ކަންކަން ފާހަގަކޮށްފަ އެވެ. އަޒްމިރަލްދާ ވިދާޅުވީ އުންމީދަކީ އޭނާ އިންސާފު ހޯދައިދިނުމަށް އެދި ސިޓީތައް ފޮނުވި އިދާރާތަކާއި މުވައްސަސާތަކުން ކޮންމެވެސް އެއް ދުވަހަކު އޭނާއަށް އެ އިންސާފު ހޯދައިދިނުން ކަމަށެވެ.
މައްސަލައިގައި އެމްޑީޕީ އާންމު ކުރި ބަޔާނުގައި ވަނީ އަޒްމިރަލްދާއާއި މަހާޒް ވަކިކޮށްފައި ވަނީ ގާނޫނުއަސާސީއާއި ހިލާފަށްކަމަށެވެ. އަދި އެކަން ކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބާރުގެ ދަށަށް އަދުލު އިންސާފު ގާއިމުކުރުމުގެ ނިޒާމު ގެނައުމަށްފަހު ހިންގި ޣައިރު ދުސްތޫރީ ޣައިރު ގާނޫނީ އަމަލެއް މެދުވެރިކޮށްކަމަށްވެސް ބުނެފައިވެއެވެ.
އެޕާޓީން ބުނީ ޖޭއެސްސީއަކީ ރައީސް މުއިއްޒުގެ ބާރު ހިނގާ މުއައްސަސާއެއް ކަމަށެވެ. އަދި އެ މުއައްސަސާއިން ފަނޑިޔާރުން ވަކިކުރުމުގެ މަސައްކަތްތައް ކުރިޔަށް ގެންގޮސްފައި ވަނީ އޮންނަ އުސޫލުތައް މުގުރާލައި ގާނޫނުތަކާއިވެސް ހިލާފަށްކަމަށް ވަނީ ވުނެފަ އެވެ.
ބަޔާނުގައި ބުނެފައި ވަނީ ޖޭއެސްސީގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައި ވަނީ ގާނޫނުތަކާއި ހިލާފަށްކަން މަޖިލީހުގެ ކައުންސެލް ފިލްޒާ މި މައްސަލައިގައި ދެއްވި ލަފާގައި ވެސް ސާފުކޮށް ބަޔާންކުރި ކަމަށެވެ.
ކޮމިޓީ މަރުހަލާގައި ޖަވާބުދާރީވުމުގެ ފުރުސަތު ދީފައިނުވާކަމަށް ޕާޓީގެ ބަޔާނުގައި ފާހަގަކޮށްފައިވާއިރު ދެބޭފުޅުންގެ މައްޗަށް ކުރި ތުހުމަތުތަކުން ދިފާއުވުމުގެ ހައްގުން މަހުރޫމްކޮށްފައިވުމަކީ ވެސް ބަލައިގަނެވޭ ކަމެއް ނޫންކަމަށް ބުނެފައިވެއެވެ.
އެޕާޓީން ބުނެފައިވާގޮތުން ފަނޑިޔާރުން ވަކިކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައި ވަނީ ބައިނަލްއަގުވާމީ މިންގަނޑުތަކާއި އުސޫލުތަކާއި ވެސް ހިލާފަށެވެ. އަދި އެކަންކޮށްފައި ވަނީ އިންސާފުގެ ހަމަތަކާ ރާއްޖޭގެ ގާނޫނުތަކާއިވެސް ހިލާފަށްކަމަށްވުމުން މިކަމުގެ ސަބަބުން ޖުޑިޝަރީއަށް އޮންނަ އިތުބާރު އެއްކޮށް ގެއްލިގެންގޮސް ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް ގައުމަށް ލިބިގެންދާނެކަމަށް ބުނެފައިވެއެވެ.

