ރާއްޖޭގެ ވެރިކަން ބޭނުންވެ އަބަދުވެސް ބާރުވެރިކަމަށް ފެންބޮވައިގެންފައި އޮތް އެމްޑީޕީ އިންތިހާބަކާއި ކުރިމަތިލުމާއި އެކު ރައްޔިތުން ”ވެލި ކާން“ ދޭކަމަށް ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ހަރުގެ ޖަލްސާގައި ޖަލްސާގައި ސައްތާރު ވިދާޅުވީ، ސަރުކާރު ހިންގެވުމުގައި ރައީސް މުއިއްޒާއި އެކު އޮތީ މިއިން ދުވަހަކު ވެސް ގައުމު ދެކެފައި ނުވާވަރުގެ ތަޖުރިބާކާރު ޓީމެއް ކަމަށެވެ. މިއަދު މަގާމުތަކުގައި ތިއްބެވި އިސްވެރިންނަކީ ސައްތާރު ވިދާޅުވި ގޮތުގައި، ރައްޔިތުން ބޭނުންވާ ކޮންމެ ކަމެއްގައި ވަގުތުން ޖަވާބު ދެއްވާ ބޭފުޅުންނެވެ. އަދި މިނިސްޓްރީތަކުގެ މެންޑޭޓުގެ ދަށުން ތަންފީޒު ކުރަން ޖެހޭ ސިޔާސަތުތައް ކުރިއެރުވުމުގައި އަމަލީ ގޮތުން ބައިވެރިވެ ގާތުން ހުރިހާކަމެއް ބައްލަވާކަމަށް ސައްތާރު ވިދާޅުވި އެވެ.
ސައްތާރު ވިދާޅުވީ ރައީސް މުއއްޒުގެ ވެރިކަން ނިމިގެންދާއިރު، ރައްޔިތުންގެ ކޮންމެ ޝަކުވާއަކަށް ވެސް ހައްލު އަންނާނެކަމަށެވެ. މިސާލެއްގެ ގޮތުން ސައްތާރު ނެންގެވީ ބިދޭސީންގެ މައްސަލަ ތިން އަހަރުގެ ތެރޭގައި ހައްލު ކުރުމުގެ އަމާޒުގައި ފެށި އޮޕަރޭޝަން ކުރަނގި ޕްރޮގްރާމެވެ. އަދި ވިދާޅުވީ ހޯމްލޭންޑް މިނިސްޓަރ އަލީ އިހުސާން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން އެ މަސައްކަތް ކުރައްވަމުން ގެންދަވާއިރު، މިއީ މީގެ ކުރީގެ އެއްވެސް ސަރުކާރަކަށް ހައްލު ކުރެވުނު މައްސަލައެއް ނޫންކަމަށެވެ.
ތަފާތު އެކި ވާހަކަތައް އެކިވެރިކަންތަކުގައި ދެކެވިގެން އައި ނަމަވެސް ބިދޭސީންގެ މައްސަލައިގައި އެކަށީގެންވާ ހައްލެއް ލިބިފައި ނެތް.. މިއަދު ހޯމް މިނިސްޓަރު ވަރަށް ހިތްވަރާއި އެކު، ކެރުމާއި އެކު ކުރިމަތިލައްވާ އެ މަސައްކަތް ކުރަމުން އެ ގެންދަނީ.. ޔަގީންކަން އެބައޮތް ރައީސް މުއިއްޒުގެ ވެރިކަން ނިމިގެންދާއިރު މި ބޮޑު މައްސަލައަށް އެކަނިވެސް ދާއިމީ ހައްލެއް ލިބިގެންދާނެ..
މީގެއިތުރުން ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތް ގޮތާއި ގުޅޭގޮތުން ސައްތާރު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގެ ދައުރު ނިމިގެން ދިޔައިރު ގައުމު ތައްޔާރުކޮށްފައި އޮތީ ހަ މަސް ދުވަހުގެ ތެރޭގައި ގައުމު ބަނގުރޫޓުކޮށްލުމަށް ކަމަށެވެ. އަދި މި ސަރުކާރުގެ ޓްރާންސިޝަންގެ މުއްދަތުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމަށް ގިނަ މަސައްކަތްތައްކޮށް، ގަވައިދަށް ބަދަލު ގެނައީ ވެސް ވެރިކަމުގެ ދަހިވެތިކަމުގެ ތެރެއިންކަމަށް ސައްތާރު ވިދާޅުވި އެވެ.
ސައްތާރު ވިދާޅުވީ އެމްޑީޕީ އަބަދުވެސް ބޭނުން ވަނީ ގައުމުގެ ވެރިކަމުގައި ތިބެވޭނެ ގޮތެއްކަމަށާއި، އެހެން ނަމަވެސް ސަރުކާރެއް ހިންގަން ލިބުމުން ގައުމު ހިންގާކަށް އެ ޕާޓީއަށް ނޭނގޭކަމަށެވެ. އަދި ގިނަ ފަހަރަށް އިންތިހާބުތަކުގައި ވެސް ރައްޔިތުން ބޮޑުތަން ނޫނެކޭ ބުނާކަމަށް ވިދާޅުވި އެވެ.
މި މީހުންގެ އަބަދުވެސް ހުވަފެނަކީ ވެރިކަން… ވެރިކަން… ވެރިކަން.. އެހެން ނަމަވެސް އިންތިހާބަކާއި ކުރިމަތިލައިފިއްޔާ ރައްޔިތުން އޮންނަނީ ވެލިކާން ދީފައި..
މީގެއިތުރުން ސައްތާރު ވިދާޅުވީ އެމްޑީޕީއަކީ އެއް ބަޔަކު އަނެއް ބަޔަކަށް އިހުތިރާމްކޮށް، ރީތި ބަހުން ވާހަކަ ދައްކާ ބައެއް ނޫންކަމަށެވެ. އަދި އެއީ ރައްޔިތުން އެ ޕާޓީ ދެކެ އެންމެ ފޫހިވާ އެއް ސަބަބުކަމުގައި ވިދާޅުވި އެވެ.
ރައީސް މުއިއްޒު އެންމެ ތަފާތުވާ ސަބަބަކީ އެފަދަ ވިސްނުންތަކާއި ދެކޮޅުވެ، ކަންކަން ރަނގަޅު ގޮތުގައި ހިންގެވުމަށް މަސައްކަތް ކުރައްވާތީކަމަށް ސައްތާރު ވިދާޅުވި އެވެ.

