ކުރީގެ ކޮމިޝަނަރު އަލީ ޝުޖާއުއަށް ގުޅުއްވިކަމަށް ޓްރާންސްޕޯޓު މިނިސްޓަރ މުހައްމަދު އަމީން އިއުތިރާފްވެފައިވާކަމަށާއި އެއީ ގާނޫނީ ކުށެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން މެމްބަރު ޝަމްހީދު ވިދާޅުވީ، ވަޒީރެއްގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށައަޅާނީ އެކަމަކީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ދެކިގެންކަމަށެވެ. އަދި އެމްޑީޕީގެ ޕީޖީ ގުރޫޕުން ސަމާސައެއްގެ ގޮތުގައި އެފަދަ މަސައްކަތްތަކެއް ނުކުރާނެކަމަށާއި ރާއްޖޭގައި އެމްޑީޕީ އުފަންވެގެން އައީ އަދުލު އިންސާފު ގާއިމުކުރުމަށްކަމަށްވާއިރު ދެމިތިބޭނީވެސް އެ މަގުސަދުގެ މަތީގައިކަމަށް ހިއްސާކުރެއްވިއެވެ.
ޝަމްހީދު ވިދާޅުވީ، 16 އޮކްޓޫބަރު 2024 ވަނަ ދުވަހު އާޖެންޓީނާގެ ހޮޓެލެއްގައި ހުރި އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިއުންތެރިޔަކު އަމިއްލައަށް ވެއްޓި މަރުވިކަމަށެވެ. އަދި އެހާދިސާއާއި ގުޅިގެން ދައުވާކުރަން ހުށައެޅި މީހުންގެ ކުށަކަށް ވެގެންދިޔައީ އެފަދަ ހާލެއްގައި ހުރި މީހަކު ދޫކޮށްލުމާއި އަޅާލަންޖެހޭ ވަރަށް އަޅާނުލުންކަމަށް މައުލޫމާތު ދެއްވިއެވެ. މެމްބަރު ވިދާޅުވީ، މަސްތުވާތަކެތި ސަޕްލައިކޮށްދިން ފަރާތަށް 15 އަހަރު ޖަލު ހުކުމެއް އަންނަ ދައުވާއެއް ކުރިކަމަށާއި ރާއްޖާގައިވެސް ހިނގާ މިފަދަ މައްސަލަތަކުގައި މި މިންގަނޑުން ކަންކަން ބަލަންޖެހޭކަމަށް ދެކިވަޑައިގަންނަވާކަމަށް މައުލޫމާތު ދެއްވިއެވެ.
ޝަމްހީދު ވިދާޅުވީ، ހައްވާ ޔުމްނު ރަޝީދު ވެއްޓި އަނިޔާތަކެއް ލިބުނު ހާދިސާއަށް ބަލާއިރު މައްސަލައިގައި މަސްތުވާތަކެތީގެ ދައުރެއްވާކަން ފުލުހުންގެ މައުލޫމާތުތަކުން އެނގެން އޮންނަކަމަށެވެ. އަދި ހާދިސާ ފެށިގެން އައީ މިނިސްޓަރ އަމީން ދިރިއުޅުއްވާ ގޭގައިކަމަށާއި އަދި 12 ޖެހުމާއި ގާތުން ފެށިގެން ދަންވަރު 3 ޖަހާއިރާއި ގާތްވަންދެން ގާނޫނާއި ހިލާފު އަމަލުތަކެއް ހިނގަމުންދިޔަކަމަށް ފެނިގެންދާނަމަވެސް އެގޭގައި މިނިސްޓަރާއި ގުޅުންހުރި މީހެއްވެސް ނެތްކަމަށް އަމީން ވިދާޅުވެފައިވާކަމަށް އަލިއެޅުއްވިއެވެ.
މެމްބަރު ވިދާޅުވީ، އެމްޑީޕީން އެނގެން ބޭނުންވާ ކަންކަމުގެ ތެރޭގައި މަސްތުވާތަކެތި ސަޕްލައި ކުރީ ކޮން ފަރާތެއްކަން ހިމެނޭކަމަށެވެ. އަދި ޔުމްނު މަސްތުވާތަކެތި ބޭނުންކުރި ނަމަ އެއީ އަމިއްލައަށްތޯ ނުވަތަ އޮޅުވާލައިގެން މީހަކު ދިން އެއްޗެއްތޯވެސް އެނގެން ބޭނުންވާކަމަށް ފާހަގަކުރެއްވިއެވެ.
ޝަމްހީދު ވިދާޅުވީ، ވައްޓާލީތޯ ނޫނީ ވެއްޓުނީތޯވެސް އެނގެން ބޭނުންވާކަމަށާއި އެކަން އެނގުނީ ކިތަށް މީހުންނަށްކަންވެސް އެނގެން ބޭނުންވާއިރު އެކަން ފުލުހުން ނޫނީ ކަމާއިބެހޭ ފަރާތްތަކަށް ރިޕޯޓުނުކުރީ ކީއްވެގެންކަން އެނގެން ބޭނުންވާކަމަށެވެ. މެމްބަރު ވިދާޅުވީ، ކުރައްވާފައިވާ ސުވާލުތަކަށް ޖަވާބު ހޯދުމުގެ ގޮތުން ބޭނުންވާ ހެކިތައް ހުރީ މިނިސްޓަރ އަމީން ދިރިއުޅުއްވާ ގޭގައިކަމަށެވެ.
ނަމަވެސް ތަހުގީގުގެ ތެރެއިން ފުލުހުން އެގެއަށްވަނީ ހާދިސާ ހިނގިތާ އެތައް ދުވަހެއް ފަހުންކަން އެނގޭކަމަށާއި މިކަމުގައި މިނިސްޓަރުގެ އެއްވެސް ނުފޫޒެއް އޮތްތޯ ނޫންތޯވެސް ސުވާލު އުފެދޭކަމަށް ފާހަގަކުރެއްވިއެވެ. ޝަމްހީދު ވިދާޅުވީ، މިނިސްޓަރ ހުންނެވީ ނުފޫޒު ފޯރުވޭފަދަ މަގާމެއްގައިކަން ފެންނަން އޮތްކަމަށާއި މައްސަލައިގެ ތަހުގީގުގެ ތެރޭގައި ހޯމް މިނިސްޓަރ އަލީ އިހުސާން ބައިވެރިވެފައިވާކަން އަމިއްލަފުޅަށް ވިދާޅުވެފައިވާކަމަށެވެ. އަދި މިނިސްޓަރ އަމީންއަކީ އިހުސާންވެސް ހިމެނޭ ކެބިނެޓު މެމްބަރެއްކަމަށް ފާހަގަކުރެއްވިއެވެ.
މެމްބަރު ވިދާޅުވީ، ފެންނަމުންދާ ހުރިހާ ކަމެއް ވެގެންދަނީ އިއްތިފާގުތަކަކަށް ކަމަށާއި އެގެއަށްވަދެ ފާސްކުރި ވަގުތު އޭރު ހުންނެވި ކޮމިޝަނަރަށް ގުޅުއްވިކަންވެސް މިނިސްޓަރވަނީ މަޖިލީހުގައި އިއުތިރާފްވެފައިކަމަށް އަލިއެޅުއްވިއެވެ. ޝަމްހީދު ވިދާޅުވީ، އިއުތިރާފްވެފައިވަނީ ގާނޫނީ ކުށެއްކުރެއްވިކަމަށް ކަމަށާއި އެހިސާބުން އިސްތިއުފާ ދެއްވަންޖެހޭކަމަށެވެ.
މި ބައްދަލުވުމުގައި އަމީން ވިދާޅުވިގޮތުން ތުހުމަތުކުރެވޭ ދުވަހު ކޮމިޝަނަރަށް ގުޅުއްވާފައިވަނީ ކޯޓު އަމުރެއް ނެތި ގެ ފާސްކުރެވޭނެކަމަށް ވިދާޅުވުމަށެވެ.

