ސަރުކާރުގެ މައި ޕާޓީ ޕީއެންސީގެ ނައިބު ލީޑަރުންގެ ގޮތުގައި ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫނާއި، ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ކަނޑައަޅައިފި އެވެ.
ޕީޕީއެމް އުވާލިއިރު، އެ ޕާޓީގެ މެމްބަރުންގެ ގޮތުގައި ތިބި ސަރުކާރުގެ ގިނަ އިސް ފަރާތްތައް ރޭ ވަނީ ޕީއެންސީއަށް ސޮއިކޮށްފަ އެވެ. އަދި ރޭ އޮތް ޕާޓީގެ ޕީއެންސީގެ ސެނެޓު ބައްދަލުވުމުގައި ނިންމާފައި ވަނީ، ޕީޕީއެމްގެ ކުރީގެ ދެ ނައިބު ރައީސުން ޕީއެންސީގެ ލީޑާޝިޕަށް އައްޔަނު ކުރުމަށެވެ.
ރޭގެ ބައްދަލުވުމުގައި ބައިވެރިވެ، ސެނެޓް ޗެއާރ ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
ޣައްސާނާއި، ޝިޔާމް ޕީއެންސީގެ ނައިބު ރައީސްކަމަށް އައްޔަނު ކުރުމަށް، ރައީސް މުއިއްޒު ހުށަހެޅުއްވުމުން ސެނެޓަރުންގެ އަޣުލަބިއްޔަތުން ވަނީ ފާސްވެފަ އެވެ.
މީގެއިތުރުން ސެނެޓުގައި ވަނީ ޕީޕީއެމް އުވާލިއިރު ޕާޓީގެ ލީޑާޝިޕްގައި ތިބި ފަރާތްތައް ވެސް ޕީއެންސީގެ ލީޑަރުންގެ ތެރޭގައި ހިމެނުމަށް ފާސްކޮށްފަ އެވެ.
ޕީއެންސީ ރޭ އިތުރަށް ނިންމި ބައެއް ނިންމުންތަކުގެ ތެރޭގައި ޕާޓީގެ ހައިރާކީގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ހިމެނުމާއި، ޕާޓީގެ ހިންގާ ގަވައިދަށް ބަދަލު ގެނައުން ހިމެނެ އެވެ.

