މޭ މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ބަޖެޓުން ކޮށްފައިވާ ހަރަދުތަކާއި އަޅާބަލާއިރު ފާހަގަކުރެވޭ މިންވަރަކަށް އާމްދަނީ އިތުރުކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުގައިވާގޮތުން މޭ މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ބަޖެޓުން ބޭނުންކޮށްފައި ވަނީ 12.3 ބިލިއަން ރުފިޔާއެވެ. އަދި އާމްދަނީގެ ގޮތުގައި އެ ދުވަހުގެ ނިޔަލަށް 14.25 ބިލިއަން ލިބިފައިވާކަމަށް ވެއެވެ. އެހެންކަމުން ހަރަދާއި އަޅާބަލާއިރު އާމްދަނީ 15.38 އިންސައްތަ އިތުރުވިއެވެ.
ރިޕޯޓުގައިވާ ގޮތުން މި މުއްދަތުގައި ކޮށްފައިވާ ޖުމުލަ ހަރަދުގެ ތެރެެއިން 11.28 ބިލިއަނަކީ ރިކަރެންޓު ހޭދަތައްކަމަށެވެ. އަދި ކެޕިޓަލް ހަރަދުތައް 1.02 ބިލިއަން ރުފިޔާއަށް އަރާކަމަށްވެސް މައުލޫމާތު ދީފައިވެއެވެ. ޖުމުލަ އާމްދަނީގެ ތެރެއިން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 11.10 ބިލިއަން ރުފިޔާކަމަށްވާއިރު މިއީ ނިމިދިޔަ އަހަރުގެ މި މުއްދަތުގައި މިގޮތުން ލިބުނު އާމްދަނީއަށްވުރެ އިތުރު އަދަދެއްކަން ފެނިގެންދެއެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު އާމްދަނީވެސް ނިމިދިޔަ އަހަރަށްވުރެ އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. މި އަހަރުގެ މޭ 8 ވަނަ ދުވަހުގެ ނިޔަލަށް ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 3.07 ބިލިއަން ރުފިޔާކަމަށްވާއިރު ނިމިދިޔަ އަހަރުގައި ލިބިފައިވަނީ 2.25 ބިލިއަން ރުފިޔާއެވެ.
ޕީއެސްއައިޕީގެ ގޮތުގައި މި މުއްދަތުގެ ނިޔަލަށް ހަރަދުކޮށްފައިވަނީ 1.05 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ކޮށްފައިވާ ތިން ދާއިރާއަކީ ޓްރާންސްޕޯޓު ދާއިރާއާއި ބިން ހިއްކުމާއި މަގުހެދުން އަދި ވެށި ރައްކައުތެރިކުރުމުގެ ދާއިިރާއެވެ. މޭ 8 ވަނަ ދުވަހުގެ ނިޔަލަށް ޓްރާންސްޕޯޓު ދާއިރާގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށާއި ހިދުމަތްތައް ހަރުދަނާކުރުމުގެ ގޮތުން 498.5 މިލިއަން ހަރަދުކޮށްފައިވާއިރު ބިން ހިއްކުމާއި މަގުހެދުމުގެ ގޮތުން 173.7 މިލިއަން ހަރަދުކޮށްފައިވެއެވެ. ވެށި ރައްކައުތެރިކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ހަރަދުކޮށްފައިވަނީ 136.9 މިލިއަން ރުފިޔާއެވެ.
މި މުއްދަތުގައި ލޯނު ދެއްކުމަށްޓަކައި 2.52 ބިލިއަން ހަރަދުކޮށްފައިވާކަންވެސް ފިނޭންސް މިނިސްޓްރީގެ މައުލޫމާތުތަކުން ފެނިގެންދާއިރު ސޮވެރެއިން ޑިވެލޮޕްމެންޓު ފަންޑަށް 681.9 މިލިއަން ރުފިޔާ ޖަމާކޮށްފައިވާކަންވެސް ފެނިގެންދެއެވެ.

