މި އަހަރު ދައްކަންޖެހޭ ލޯނުތައް ސަރުކާރުން ދައްކާފައިވާކަމަށާއި ކުރިއަށް އޮތްތާނގައި ދައްކަންޖެހޭ 1 ބިލިއަން ޑޮލަރުގެ ލޯނު ދެއްކުމަށްޓަކައި ރައީސް ޑރ މުހައްމަދު މުއިއްޒު އިންތިޒާމުތައް ހަމަޖައްސަވަމުން ގެންދަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެމްބަރު އިބްރާހިމް ވިދާޅުވީ، ޕީއެންސީން މި ވޭތުވެދިޔަ ދޮޅު އަހަރުގެ ތެރޭގައި ކޮށްފައިވާ މަސައްކަތްތަކާއިމެދު އިދިކޮޅު ފަރާތްތަކުން ސުވާލު އުފައްދަމުންދާކަމަށެވެ. އެހެންކަމުން މީގެ ކުރިން ތިން ދައުރެއްގައި ވެރިކަން ކުރެއްވި ފަރާތްތަކަށް ސުވާލެއް ކޮށްލަން ބޭނުންވާކަމަށެވެ. މެމްބަރު ވިދާޅުވީ، ޕާޓީތަކެއް ހަދައިގެން މިނިވަންކަމާއިއެކު ވެރިކަން ކުރުމަށް ފުރުސަތު ދިނުމުން އެ ފަރާތްތަކުން ކުރީ ކޮންކަންކަމެއްތޯ ސުވާލު އުފައްދަވާކަމަށޭވެ.
މެމްބަރު ވިދާޅުވީ، އައު ގާނޫނުއަސާސީގެ ދަށުން ސިޔާސީ ޕާޓީތައް އޮންނަ ނިޒާމެއްގެ ތެރެއިން ވެރިކަމެއް ފެށިގެންއައީ 2008 ވަނަ އަހަރުގައިކަމަށެވެ. އަދި އޭރު ރާއްޖޭގެ ދަރަނީގެ ގޮތުގައި އޮތީ 8 ބިލިއަނާއި ގާތްކުރާ އަދަދެއްކަމަށާއި އެއީ 30 އަހަރު ދުވަހުގެ ތެރޭގައި އުފެއްދި ދަރަނިކަމަށެވެ. އިބްރާހިމް ވިދާޅުވީ، އެވެރިކަން ފެށިގެން އައީ ދަރަނީގެ އަދަދު ކުޑަކުރަންށާއި ރައްޔިތުންނަށް ތާހިރު ދިރިއުޅުމެއް ހޯދައިދީ މަގުތައް އަމާންކުރުން އަދި އެހެނިހެން އެފަދަ ގިނަ ވައުދުތަކެއް ވެގެންކަމަށެވެ.
ވެފައިވާ ވައުދުތަކުގެ ތެރޭގައި ޒުވާނުންނަށް ރަނގަޅު މަގުތަކެއް ދައްކައިދިނުންވެސް ހިމެނޭކަމަށް ފާހަގަކުރެއްވިއިރު ރާއްޖޭގެ ރައްޔިތުންނަކީ ޒަމާނުއްސުރެ އަދަބީގޮތުން މުޅި ދުނިޔެއަށްވެސް މިސާލެއްގެ ގޮތުގައި ފެނިގެންދާ ރައްޔިތުންތަކެއް ދިރިއުޅެމުން އައިސްފައިވާ ގައުމެއްގެ ގޮތުގައި ފެނިގެންގޮސްފައިވާކަމަށްވެސް ފާހަގަކުރެއްވިއެވެ.
ނަމަވެސް 15 އަހަރުގެ ތެރޭގައި ތިން ވެރިކަމެއް ނިމި މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު ނަގިލި ނަގާ ބަލާލުމުން ކަނޑު އަޑީގައި އޮޑި އޮތް މަންޒަރު ފެނިގެންދިޔަކަމަށެވެ. މެމްބަރު ވިދާޅުވީ، 126 ބިލިއަންގެ ދަރަންޏެއް އޮތްކަމަށާއި އެހެންކަމުން އޮޑި ތިލަކުރަން ޖެހުނީ ފުޅި އަޅައިގެންގޮސް 126 މީޓަރު އަޑިންކަމަށެވެ.
މެމްބަރު ވިދާޅުވީ، ވެރިކަންތައް ކުރާނީ ރައްޔިތުންނަށް ދެފުށް ފެންނަ ގޮތެއްގައިކަމަށް މީގެ ކުރިން ވެރިކަމަށް އައި ފަރާތްތަކުން ބުނިކަމަށެވެ. އަދި މަދު ލެޕްޓޮޕްތަކަކާއި މަދު ރިސޯޓުތަކަކުން ރައްޔިތުންނަށް ރަނގަޅު ދިރިއުޅުމެއް ފޯރުކޮށްދޭނެކަމަށްވެސް ބުނިކަމަށާއި ނަމަވެސް 30 އަހަރުގެ ވެރިކަމެއްގައި އަހަރެއްގެ މައްޗަށް 266 މިލިއަން ދަރަނި އުފެދިފައި އޮތްއިރު ވޭތުވެދިޔަ 15 އަހަރު ކޮންމެ އަހަރެއްގެ މައްޗަށް ބަހާލުމުން 8.4 މިލިއަން ރުފިޔާގެ ދަރަނި އުފެއްދިކަމަށް ފާހަގަކުރެއްވިއެވެ.
މެމްބަރު ވިދާޅުވީ، އެ މިންވަރަށް ދެރިއިރު ގައުމާއި ރައްޔިތުންތިބި ހިސާބު ބަލާލަން ޖެހޭކަމަށެވެ. އިބްރާހިމް ވިދާޅުވީ، ރައީސް ޑރ މުއިއްޒުވަނީ ކެމްޕެއިން ދުވަސްވަރު ރާއްޖެއަކީ މިނިވަން ގައުމަކަށް ހެއްދެވުމަށް ވައުދުވެވަޑައިގެންފައިކަމަށެވެ. އެގޮތުން އެއްކަމަކީ ރާއްޖޭގައި އެއްވެސް ގައުމެއްގެ އަސްކަރީ ހާޒިރީ ނެތުންކަމަށްވާއިރު ދެވަނަ ކަމަކީ އިގްތިސާދީ ގޮތުން ރާއްޖެއަކީ މިނިވަން ގައުމެއްކަމަށް ހަދަން މަސައްކަތްކުރެއްވުންކަން ހިއްސާކުރެއްވިއެވެ.
މެމްބަރު ވިދާޅުވީ، އިގްތިސާދީގޮތުން މިނިވަން ގައުމަކަށް ވެގެންދާނީ ދަރަނިތައް ދައްކައިގެންކަމަށާއި އެހެންކަމުން އެކަން ހާސިލުކުރުމަށްޓަކައި ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ ތަނެއް ވިއްކާނުލާ މިހާތަނަށް ދައްކަންޖެހުނު ލޯނުތައްވެސް ދެއްކިފައިވާކަމަށް ވިދާޅުވިއެވެ. އިބްރާހިމް ވިދާޅުވީ، އަންނަ އަހަރު އެއް ބިލިއަން ޑޮލަރު ދައްކަންޖެހޭކަމަށާއި އެ ފައިސާ ދެއްކޭނެ އިންތިޒާމުތައްވެސް ރައީސް ޑރ މުއިއްޒު ހަމަޖައްސަވަމުންދާކަމަށެވެ. އިބްރާހިމް ވިދާޅުވީ، ފެންނަމުންދަނީ ހެޔޮ ވެރިކަމެއްގެ މިސާލެއްކަމަށާއި މި ސަރުކާރުންދަނީ ރާއްޖޭގެ ރައްޔިތުންނަށް ދޭންޖެހޭ ހުރިހާ ހިދުމަތްތަކެއް ބަރާބަރަށް ދެމުންކަމަށެވެ.

