ލާމަރުކަޒީ ނިޒާމަށް މިއަދު ލިބިފައިވާ އެންމެ ބޮޑު ޙިމާޔަތަކީ އެލްޖީއޭގެ މުވައްޒަފުން ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އަދި އެލްޖީއޭ ބޯޑުގެ ރައީސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ 2023 ވަނަ އަހަރުގެ ސްޓާފް އެވޯޑު ދިނުމުގެ ހަފުލާ ޝަރަފުވެރި ކޮށްދެއްވާ މިރޭ ދެއްކެވި ވާހަކަގައެވެ.
އެލްޖީއޭގެ 2023 ވަނަ އަހަރުގެ ސްޓާފް އެވޯޑުދިނުމަށް ރޭ މާގިރި ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވީ ފެހި ޤާނޫނު އަސާސީގެ ދަށުން އަލަށް އުފެއްދެވި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްގެ މިނިސްޓަރަކަށް އެ މަނިކުފާނު އައްޔަންކުރެއްވިތާ ފުރަތަމަ ހަފުތާތެރޭ އެލްޖީއޭއިން އަންގަވައިގެން ބ. އަތޮޅަށް ކުރެއްވި ދަތުރަކީ ލާމަރުކަޒީ ނިޒާމުގައި ހުރި ހުރިހައި ކަމެއް، މަސައްކަތްކުރަންވީ ގޮތާއި، ހުރި މައްސަލަތަކާއި، މިހާ ހިސާބަށް އައިއިރު ކައުންސިލްތަކުން ތަޖުރިބާކުރި ކަންތައްތަކާއި، ދެންދާންވީ ހިސާބު ވަރަށް ރަނގަޅަށް ސާފުވެގެން ދިޔަ ދަތުރެއްކަމަށެވެ.
ލާމަރުކަޒީ ނިޒާމުގައި ކުރިއަށްދާންވީ މަގު އެ މަނިކުފާނަށް ދައްކައިދެއްވީ އެލްޖީއޭއިންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އާދަމް ޝަރީފު ވިދާޅުވީ، އެލްޖީއޭއަކީ ޙަޤީޤަތުގައިވެސް ފަޚުރުވެރިވާން ޖެހޭ މުއައްސަސާއެއްކަމަށެވެ. އަދި ކާމިޔާބާ ހިސާބަށް އާދެވުނީ އެ މުއައްސާސާގައި ލީޑަރޝިޕް ކޮލިޓީ ހުރި ވަރަށް ގިނަ ބޭފުޅުންތަކެއް މަސައްކަތްކުރައްވައިގެންކަމަށް މިނިޓަރ ވިދާޅުވިއެވެ.
އެލްޖީއޭއަކީ އަޅުގަނޑުމެން ޙަޤީޤަތުގައި ވެސް ފަޚުރުވެރިވާންޖެހޭ މުއައްސަސާއެއް. މުއައްސާސާގެ މަސައްކަތްތައް މިހާ ހިސާބަށް މި އައީ ލީޑަރޝިޕް ކޮލިޓީ ހުރި ވަރަށް ގިނަ ބޭފުޅުންތަކެއް މަސައްކަތްކުރައްވައިގެން.
މިނިޓަރ ވިދާޅުވިއެވެ.
ތަފްޞީލްދެއްވަމުން މިނިސްޓަރ ވިދާޅުވީ އެލްޖީއޭގައި މިހާރު ތިއްބެވި މުވައްޒަފުން ޖަވާހިރުތަކަކަށް ހައްދަވައި ދެއްވީ އެ ތަނުގައި ކުރިން މަސައްކަތްކުރެއްވި ލީޑަރޝިޕް ކޮލިޓީ ހުންނެވި ބޭފުޅުންކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމަށް މިއަދު ލިބިފައިވާ އެންމެ ބޮޑު ޙިމާޔަތަކީ އެލްޖީއޭގެ މުވައްޒަފުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

