ގާނޫނު ބުނާ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ޒިންމާއަކީ ގާނޫނުއަސާސީއާއި، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާއި، އިންސާނީ ހައްގުތަކާއި ކަރާމަތަށް އިހްތިރާމުކުރުމާއެކު، ގާނޫނުގެ ހުކޫމަތުގެ ތެރެއިން ދެވޭ ހިދުމަތް ދިނުމެވެ. ދާހިލީ ސަލާމަތާއި ރައްކާތެރިކަމާއި އަމަންއަމާންކަން ދެމެހެއްޓުމަށް ކުރަންޖެހޭ ކަންކަމާއި، ޖިނާއީ ކުށްކުރުން ހުއްޓުވައި، ތަހްގީގުކޮށް، ގާނޫނު ތަންފީޒުކުރުމާއި ގާނޫނު ނެގެހެއްޓުމަށް ބޭނުންވާ ގާނޫނީ ބާރާއި އިހްތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ.
ވަކިފަރާތަކަށް ޖެހުމެއްނެތި، އަދި ވަކި ނުފޫޒަކަށް ލެނބުމެއްނެތި، ހަމަހަމަކަމާއެކު ގާނޫނު ނަގަހައްޓައި ތަންފީޒުކުރުމަކީ ދިވެހި ފުލުހުންގެ މަގްސަދުގެ ގޮތުގައި ގާނޫނުގައި ހުރި ކަންކަމެވެ. އަމަންއާންމާއި، ދާހިލީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ކުރަންޖެހޭ ކަންކަން ކުރުމުގެ ގާނޫނީ ބާރާއި އިހްތިޔާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ. ފުލުހުންނަނީ ރައްޔިތުންނާ ގުޅިގެން ހިދުމަތްދިނުން އިސްކޮށް، ޕްރޮފެޝަނަލްކޮށް މަސައްކަތްކުރުމުގެ ވައްޓަފާޅި ހުންނަން ޖެހޭ ބައެކެވެ.
ހުރިހާ ރައްޔިތުންގެ މަސްލަހަތު އޮތް ގިނަ މައްސަލަތަކެއް ހައްލުކުމުގެ ބާރު ފުލުހުންނަށް ލިބިދީފައިވާއިރު، މިއަދު އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ފުލުހުންގެ މުއައްސަސާއަށް އޮތް އިތުބާރު ކުޑަވުމެވެ. އެއީ ތަހުގީގެއްކަމަށްވީ ނަމަވެސް، މަގު މަތިން ހުއްޓުވާ މީހަކާއި ސުވާލު ކުރުންކަމަށްވީ ނަމަވެސް އަދި އެހެން ކަމަކަށްވީ ނަމަވެސް ފުލުހުންގެ އިތުބާރާއި، ޕްރޮފެޝަނަލްކަމާއިމެދު ސުވާލު އުފެދޭ އެތައްކަމެއް މިއަދު މުޖުތަމައުއިން އަޅުގަނޑުމެންނަށް ފާހަގަވަމުންދާއިރު، މިކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މެދުގައިވެސް އޮތީ އިންތިހާއަށެވެ. ފުލުހުންގެ މުއައްސަސާއަކީވެސް އޭރެއްގައި އޮންނަ ވެރިކަމެއްގެ ސިޔާސަތުތައް ތަންފީޒުކުރާ ބައެއް ގޮތުގައި ސިފަވެގެން ދެއެވެ. ރައްޔިތުންގެ އިންސާފާއި ގުޅުން ހުރި ގިނަ މައްސަލަތަކެއް ބެލުމުގެ ބާރާއި އިހުތިޔާރު ދީ، އެތައް ހަރަދެއް ފުލުހުންނަށް ކުރާއިރު، އެކަށީގެންވާ ހިދުމަތް ފުލުހުންގެ މުއައްސަސާގެ ފަރާތުން ރައްޔިތުންނަށް ލިބެންޖެހެއެވެ. ވަކި މީހަކު ތަފާތު ނުކޮށް އިންސާފު ގައިމްކޮށްދެވެންވާންވާނެއެވެ.
ފުލުހުންނަށް ރައްޔިތުންގެ އިތުބާރު ކުޑަވަމުން ދިއުމަކީ ގައުމެއްގެ ދާހިލީ ސަލާމަތަށް އޮންނާނެ ވަރަށް ބޮޑު ނުރައްކަލެއްކަމަށް ފާޙަގަކޮށް ހޯމް މިނިސްޓަރު އަލީ އިހުސާނާއި ”އަހާ“ ފޯރަމްގައި ރައްޔިތަކު ސުވާލުކޮށްފައިވެއެވެ. އެގޮތުން ފުލުހުންގެ ހިދުމަތަށް އިތުބާރު ހިފެހެއްޓުމަށް ކުރަމުން އަންނަ މަސައްކަތަކީ ކޮބައިތޯ ވަނީ ސުވާލުކޮށްފައެވެ.
ޖަވާބުގައި މިނިސްޓަރު އިހުސާން ވިދާޅުވީ ދައުލަތުގެ ބަޖެޓުން އެންމެ ގިނަ ފައިސާ ހަރަދުކުރަނީ ފުލުހުންގެ މުއައްސަސާއަށްކަމަށެވެ. މިއީ އެންމެންގެ ފައިސާއިން ހަރަދުކޮށްގެން، ވަރަށް މުހިންމު ހިދުމަތެއް ހޯދަން ހިންގާ މުއައްސަސާއެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ރާއްޖެއަށް ތައާރަފުވެގެން އައި ޑިމޮކްރަސީއާއިއެކު ވަރަށް ބޮޑަށް މިހެން ހުރި މުއައްސަސާތަކާއި، އިދާރާތަކުގެ އަގު ނަގާލާފައިވާކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
އިދިކޮޅުގައި ތިބޭއިރު ކޮންމެ ބަޔަކުވެސް ސިޔާސީ ބޭނުމަށް ދިމާކޮށްލަނީ ފުލުހުންނާއިކަމަށާއި، ނަމަވެސް ހަމަ އެ ފަރާތްތަކުން ވެރިކަމަށް އައުމުން ފުލުހުން ބަރާބަރުވާކަމަށް ފާހަގަކޮށް މިނިސްޓަރު އިހުސާން ވިދާޅުވީ، ވެރިކަން ލިބުމުން ފުލުހުންގެ ރަނގަޅު ކުރަން ޖެހޭކަމެއްވެސް ނޯންނަކަމަށެވެ.
މީގެ އިތުރުން ޕްރޮފެޝަނަލްކަމާއިއެކު ފުލުހުންނަށް ބައެއް ހިދުމަތްތައްތައް ނުދެވުމުންވެސް އިތުބާރު ގެއްލެން ދިމާވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ސަރުކާރުން ވެރިކަމާއި ހަވާލުވީއިރު، ތަމްރީނު ނުދޭ 1،000 އެއްހާ ފުލުހުން ތިބިކަމަށާއި، ނަމަވެސް ތަމްރީނު ޕްރޮގްރާމް ހިންގާ މިހާރު މި އަދަދު ވަނީ 300 އަށް ދަށް ކުރެވިފައިކަމަށް މިނިސްޓަރު އިހުސާން ފާހަގަކުރެއްވިއެވެ. އަމާޒަކީ ތަމްރީނުވެ ތިބި، ޕްރޮފެޝަނަލް ފުލުހުން ރައްޔިތުންނަށް ހިދުމަތް ދޭން ނެރުންކަމަށާއި، އެ އަމާޒަށް ވާސިލްވެވެމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ފުލުހުންގެ މުއައްސަސާއަށް އޮތް އިތުބާރު ރަނގަޅުކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، ތަހުގީގުތައް އަވަސް ކުރުން ހިމެނެއެވެ. އަދި މަސައްކަތުގެ ފެންވަރު ރަނގަޅު ކުރަން ޖެހޭކަމަށާއި، ފުލުހުންގެ ހިދުމަތް ދެމުން ގެންދާކަން ރައްޔިތުންނަށް ގަބޫލު ކުރެވޭ ވަރަށް މި ހިދުމަތް ދޭން ޖެހޭކަމަށްވެސް ވިދާޅުވިއެވެ. އެއީ ފުލުހުންގެ ފަރާތުން ރައްޔިތު މީހާއަށް ލިބިދޭން ޖެހޭ ރައްކާތެރިކަން ރައްޔިތު މީހާއަށް ކަށަވަރުވުންކަމަށް އިހުސާން ވިދާޅުވިއެވެ. އަދި ވިދާޅުވީ މިކަން ހާސިލްކުރުމަށްޓަކައި މިހާރު ފުލުހުންގެ މުއައްސަސާ އިތުރަށް ފުޅާކޮށް، ރާއްޖޭގެ ހުރިހާ ރަށެއްގައި ހިންގުމުގެ މަސައްކަތް ކުރެވެމުންދާކަމަށެވެ.
މިނިސްޓަރުގެ ވާހަކައިގައިވެސް އެ ފާހަގަކުރެއްވި ގޮތަށް، އެތައް ހަރަދެއްކޮށް ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ޒިންމާ މަތިކޮށްފައިވާ ބަޔަކަށް ފުލުހުންވީއިރު، ފުލުހުންގެ މުއައްސަސާގެ މަގްސަފު ހާސިލްވޭތޯ ބެލުން މުހިންމެވެ. ވިދާޅުވާ ވާހަކައަކަށްވުމުގެ ބަދަލުގައި އެ ވިދާޅުވީ ކަންކަން ރަނގަޅު ކުރެވިއްޖެ ހާލަތެއްގައި، ފުލުހުންނަށް ރައްޔިތުން ކުރާ އިތުބާރު އިޔާދަވެގެންދާނެއެވެ. ފުލުހުންގެ ޒިންމާ އޮތް ބޮޑެތި މައްސަލަތައް ރާއްޖޭގައި ގިނަ ވެގެން ދިޔައިރު، މިއިން މައްސަލއަކަށް އިންސާފު ހޯދައިދެވި، ރައްޔިތުންގެ ތައރީފު ފުލުހުންނަށް އަމާޒުވީ މައްސަލައެއް ވަރަށް މަދެވެ. ހުރިހާ ކަމެއްގައި ރައްޔިތުން ހިތް ރުހޭ ގޮތަށް ފުލުހުންނަށް މަސައްކަތްތައް ބައްޓަން ނުކުރެވިދާނެކަމަށްވެސް ގަބޫލު ކުރަމެވެެ.
އެހެން ނަމަވެސް ދިމާވާ ކޮންމެ މައްސަލައެއްގައި ހައްގު ހޯދުމަށް އާންމުން މަގުތަކަށް ނުކުންނަން ޖެހުމަކީ ބޮޑު މައްސަލައެކެވެ. ހައްލު ނުކޮށް އަޅުގަނޑުމެންގެ ގައުމުގެ މުސްތަގުބަލު އުޖާލާ ނުވާނެ ވަރުގެ މައްސަލައެކެވެ. ހައްގުތައް ކަށަވަރުވެ، އުފާވެރި ރައްޔިތުންތަކެއް އުޅޭ މުޖުތަމައުއަކަށް ވާސިލްވާން އެންމެ ފުރަތަމަ ކުރަންޖެހޭ މައްސަލަތަކީ ފުލުހުންގެ މުއައްސަސާއަށް އޮތް އިތުބާރު ހޯދުމެވެ.

