މި އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް 1121 ޓްރެފިކް އެކްސިޑެންޓުގެ މައްސަލަ ރެކޯޑުކުރެވިފައިވާކަމަށް ފުލުހުންގެ މުއައްސަސާއިން ބުނެފިއެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން މިހާތަނަށް އެންމެ ގިނައިން ރެކޯޑުކުރެވިފައިވަނީ ޓްރެފިކް އެކްސިޑެންޓުތަކުގެ މައްސަލަތަކެވެ. އަދި ދެވަނައަށް އެންމެ ގިނައީ ވައްކަމުގެ މައްސަލަތައްކަމަށްވާއިރު އެ ބާވަތުގެ 1118 މައްސަލަ ފާހަގަކުރެވިފައިވާކަން ހާމަކޮށްފައިވެއެވެ.
މި މުއްދަތުގެ ތެރޭގައި މުދާ ގެއްލިގެން ހުށައަޅާފައިވާ 379 މައްސަލައެއް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާއިރު ފޭރުމުގެ 92 މައްސަލައެއްވެސް ހުށައެޅިފައިވެއެވެ. މި މުއްދަތުގެ ތެރޭގައި ޖިންސީ ކުށްތަކުގެ 88 މައްސަލައެއްވެސް ފުލުހުންނަށް ހުށައެޅިފައިވެއެވެ.
އޭޕްރިލް މަހުގެ ނިޔަލަށް މާރާމާރީގެ 226 މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާއިރު ގެވެށި އަނިޔާގެ 92 މައްސަލައެއްވެސް ފާހަގަކޮށްފައިވެއެވެ. މި މުއްދަތުގެ ތެރޭގައި މަސްތުވާތަކެއްޗާއި ގުޅުންހުރި 652 މައްސަލައެއް އެ މުއައްސަސާއަށް ރެކޯޑުކުރެވިފައިވާއިރު ހިޔާނާތުގެ 145 މައްސަލައިގެ އިތުރުން މުދަލަށް ގެއްލުންދިނުމުގެ 225 މައްސަލައާއި ލިޔެކިއުންތައް ނަކަލްކޮށް އޮޅުވާލުމުގެ 27 މައްސަލައެއްވެސް ރިޕޯޓުކޮށްފައިވެއެވެ.

