ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް ދޮޅު އަހަރު ވެސް ނުވަނީސް، ދަރަނި 21 ބިލިއަނުން އިތުރުވެ ޖުމްލަ ދަރަނި 146 ބިލިއަނަށް އަރާފައިވާކަމަށް ހުޅުމާލެ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ޝަމްހީދު މިފަދައިން ވިދާޅުވީ އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ބައެއް މެމްބަރުން އައްޑޫއަށް ކުރައްވާ ދަތުރުގައި، މަރަދޫ ބަނދަރުގައި ރޭ ބޭއްވި ޖަލްސާގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވެސް ހިމެނިވަޑައިގަންނަވާ ޝަމްހީދު ވަނީ މީގެ ކުރިން ވެސް ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅޭގޮތުން ކަންބޮޑުވުންފާޅުކޮށްފައެވެ. އަދި ސަރުކާރުން ދަރަނިތައް އަދާކުރާ ގޮތާއި، ހަރަދުތައް މެނޭޖު ކުރާ ގޮތާއި މެދު ސުވާލު އުފައްދަވާފައި ވެއެވެ.
ރޭގެ ޖަލްސާގައި ޝަމްހީދު ވިދާޅުވި ގޮތުގައި 2023 ވަނަ އަހަރު އެމްޑީޕީ ސަރުކާރުން ދަރަނި ދެއްކުމަށް ހޭދަކުރީ 2.1 ބިލިއަން ރުފިޔާއެވެ. އަދި މި ސަރުކާރުން ދަރަނީގެ ގޮތުގައި ދައްކާފައިވާ އަދަދަކީ 2.6 ބިލިއަން ރުފިޔާ އެވެ. މިއާއި އެކު މި އަހަރަށް ކަނޑައަޅާފައިވާ އަދަދަކީ 3.6 ބިލިއަންކަން ފާހަގަކުރައްވައި ޝަމްހީދު ވިދާޅުވީ މިއީ އެމްޑީޕީގެ ސަރުކާރާއި ދާދި އެއް އަދަދުތައް ކަމަށެވެ.
ވެރިކަމަށް 18 މަސް ފުރުުމުގެ ކުރިޔަށް ރާއްޖޭގެ ޖުމްލަ ދަރަނި 140 ބިލިއަނަށް އަރާފައިވާއިރު، މިއަދާއި ހަމައަށް ދަރަންޏަށް 21 ބިލިއަން ރުފިޔާ އިތުރުވެގެން އައި ގޮތާއި މެދު ޝަމްހީދު ސުވާލު އުފެއްދެވި އެވެ. ޝަމްހީދު ވިދާޅުވީ ދަރަންޏަށް ދައްކާފައި ވަނީ 5 ބިލިއަން ނަމަ، މި އަދަދުތައް އެހެން އަންނަންވީ ސަބަބެއް ނެތްކަމަށެވެ.
އެހެންވީމަ ދަރަންޏޭ ކިޔައިގެން ދައްކަމުން މިދަނީ އެއްވެސް ތާކުންތާކު ޖެހޭ ވާހަކަތަކެއް ނޫން..
މީގެއިތުރުން ޝަމްހީދު ވިދާޅުވީ ވެރިކަމަށް އައުމަށް ކެމްޕެއިން ކުރީ، އަރަބިން ކައިގެން ތިބި ނަމަ ދިވެހިން ވެސް އުޅޭނީ އެފަދަ ތަނަވަސް ދިރިއުޅުމެއްގައިކަމަށް ބުނެ ކަމަށެވެ. އެހެން ނަމަވެސް ހާލަތު ތަފާތުވެ މިއަދު ރައީސުލްޖުމްހޫރިއްޔާއާއި ފޭކު ޝޭހުންނާއި، ޕްރިންސް ބައްދަލު ކުރަމުންދާއިރު އެކަން ރޭކާ ނުލާކަމަށް ޝަމްހީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ މެމްބަރުންނަށް ދިމާވާ އެކި ދަތިތައް ފާހަގަކުރައްވައި ޝަމްހީދު ވިދާޅުވީ ޕީއެންސީގެ ޕާލިމަންޓު ގުރޫޕުގެ ކަމަކީ އަބަދުވެސް އެބޭފުޅުންނަށް ޖާގަ ނުދީ ނިޒާމީ ނުކުތާތައް ނެގުން ކަމަށެވެ. އަދި މަޖިލީހުގައި އެމްޑީޕީއަށް ވާހަކަ ދެއްކުމަށް މަދު ވަގުތުކޮޅެއް ލިބޭއިރު ކޮމިޓީތަކުގައި ވެސް ބިލުތަކާއި މެދު އަމަލު ކުރަމުން ދަނީ އެބޭފުޅުންގެ އެއްވެސް ކަންބޮޑުވުމަކަށް ރިއާޔަތް ކުރުމެއް ނެތި ކަމަށެވެ.

