ކައުންސިލްތައް ހިމެނޭގޮތަށް ކުރިއަށް އޮތް 2 އަހަރު ދުވަހު ނިންމާގޮތަށް 184 ޕްރޮޖެކްޓެއް ޕްލޭންކޮށް ހަވާލުކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ސިޓީން ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯކްސްއިން ބުނެފިއެވެ.
ސަންގުޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމްގައި ސިޓީސް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް، މުހައްމަދު ސަރާހް ވިދާޅުވީ 2025 އަދި 2026 ވަނަ އަހަރުގައި ރައީސް އޮފީހުން މިނިސްޓްރީ އާއި ހަވާލުކޮށްފައިވާ ގާތްގަނޑަކަށް 184 ޕްރޮޖެކްޓެއް އޮތް ކަމަށެވެ. އެ ޕްރޮޖެކްޓުތައް ޕްލޭން ކުރެވިފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށް ކަމަށް ސަރާހް ވަނީ ވިދާޅުވެފައެވެ.
ސަރާހް ވިދާޅުވީ މީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅުތައް ކަމަށެވެ. އޭގެތެރޭައި 105 ކައުންސިލް އިދާރާއެއް ގާއިމްކުރުން ހިމެނޭ ކަމަށް ވިދާޅުވިއެވެ. ސަރާހް ވިދާޅުވީ ކައުންސިލް އިދާރާތަކުގެ މަސައްކަތްތަކަކީ ވަރަށް ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދާ މަސައްކަޔެއް ކަމަށެވެ.
”ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅެއް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށްތަކުގެ ތެރެއިން ކުޑަކުދިންގެ ޕާކެއް ގާއިމްކުރެވިފައި ނުވާ ރަށްރަށުގައި ކުޑަކުދިންގެ ޕާކުތައް ތަރައްގީ ކުރުންވެސް މީގެ ތެރޭގައި އެބަ ހިމެނޭ. އަދި ހަމަ މީގެތެރޭގައި އެކި ރަށްރަށުގައި މަސް މާރުކޭޓުތަކާއި ލޯކަލް މާރުކެޓުތަކާއި އަދި ބައެއް ރަށްރަށުގައި ހިނަވާގެ މަރާމާތު ކުރުމާއި ބިނާ ކުރުންވެސް މީގެތެރޭގައި ހިމެނޭ. މީގެއިތުރުންވެސް ބައެއް ޕްރޮޖެކްޓުތައް ހުރިކަން ފާޙަގަކޮށްލާނަން. މިވެސް ރައީސުލްޖުމްހޫރިއްޔާ ވެފައިވާ ވައުދުފުޅެއް، ޕަބްލިކް ވޯކްސްގެ ހިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި، އެ ހިދުމަތް ތައާރަފް ނުކުރެވި ހުރި އަތޮޅުތަކުގައި އެހިދުމަތް ތައާރަފް ކުރުން“
ސަރާޙް ވިދާޅުވީ އެ ހިދުމަތްވެސް 15 އަތޮޅެއްގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. ކައުންސިލްތަކުގެ މަަސައްކަތް ކުރިއަށް ގެންދަނީ 2 ޕޭސްއަކަށް ބަހާލައިގެން ކަމަށް ސަރާޙް ވިދާޅުވިއެވެ. އެއީ ފުރަތަމަ ފޭސް އަކީ 55 ކައުންސިލް އިދާރާ ގާއިމްކުރުމުގެ މަސައްކަތް ކަމަށާއި ދެވަނަ ފޭސްއަކީ 50 ކައުންސިލެއް ހެދުމުގެ މައްސައްކަތް ކަމަށް ސަރާހް ވިދާޅުވިއެވެ.
މުޅިން އަލަށް އިމާރާރް ކުރުމަށް ނިންމާފައިވާ 105 ޕްރޮޖެކްޓެއް އޮތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން 55 ކައުންސިލްގެ މަސައްކަތް މިހާރުވެސް ފަށާފައިވާ ކަމަށް ސަރާހް ފާހަގަކުރެއްވިއެވެ. އަދި މަސައްކަތް ވީހާވެސް ރަނގަޅުކުރުމަށްޓަކައި ކައުންސިލްތަކަށްވެސް މަޝްވަރާކުރަމުން ދާކަމަށް ސަރާހް ވަނީ ފާހަގަކޮށްފައެވެ.

