މިރޭ ފަލަސްތީނު ކޯލާ ލޯންޗުކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ނިންމާފައިވާކަން އެމްއެޗްއާރް ޓްރޭޑިންގް އިން ހާމަކޮށްފިއެވެ.
އަނިޔާވެރި ޒަޔަނިސްޓް އިޒްރޭލުން ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުން ގެންދާ ޖެނޮސައިޑާ ގުޅިގެން ނަން މަޝްހޫރު ބައެއް ވިޔަފާރި ބްރޭންޑުތައް ބޮއިކޮޓްކުރުމުގެ ފުޅާ ކެމްޕޭނެއް މުޅި ދުނިޔޭގައި ފުޅާވަމުން ގޮސް ޒަޔަނިސްޓް އިޒްރޭލާއި، އިޒްރޭލާ ގުޅުން އޮންނަ ވިޔަފާރި ކުންފުނިތަކުގެ އުފެއްދުންތައް ވަނީ ބޮއިކޮޓް ކުރަން ފަށާފައެވެ. އެހެންކަމުން އެކަމަށް ހައްލު ހޯދުމަށް ”ފަލަސްތީނު ކޯލާ“ގެ ނަމުގައި ބުއިމެއް ވަނީ ތައާރަފްކޮށްފައެވެ.
ފަލަސްތީނު ކޯލާ ވިއްކައިގެން ލިބޭ ހުރިހާ ފައިދާއެއް ހަދިޔާ ކުރަނީ އެ ގައުމަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އެޖެންސީތަކަށެވެ. މި ޕްރޮޑަކްޓު ރާއްޖޭގެ ބާޒާރަށް ނެރުމަށް ތައްޔާރުވަމުން ދަނީ، އެމްއެޗްއާރު ކުންފުންޏެވެ. އެ ކުންފުނިން ބުނެފައިވާގޮތުން މިރޭ 20:30 ގައި އޯކިޑް މަގުގައި ހުންނަ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ޕްރަޑަކްޓު ލޯންޗުކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދާނެކަމަށެވެ. އެހެންކަމުން އެންމެހާ ފަރާތްތަކުންވެސް މި ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް އެދިފައިވާއިރު ކެޝުއަލް ޑްރެސް ކޯޑެއްގައި ވަޑައިގަތުމަށްވެސް އެދިފައިވާކަން ފާހަގަކުރެވެއެވެ.

