ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔުމްނު ވެއްޓުން: 2 ހަފްތާ ތެރޭ ކޮމިޝަނުގެ ރިޕޯޓު ރައީސްއަށް، ވާނީ ކިހިނެއް؟

ޔުމްނު ވެއްޓުނު ހާދިސާ؛ ކޮމިޝަނުގެ މަސައްކަތް އެދެވޭ ގޮތެއްގައި ކުރިއަށް ދޭތަ؟--- ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

18 އޭޕްރީލް 2025 ވަނަ ދުވަހު، ހެންވޭރު ސަރަޙައްދުގެ ގެއެއްގެ ފުރާޅުމަތީގައި އަންހެން ޒުވާނަކު ވެއްޓިފައިވާ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުނެވެ. މި ހާދިސާއާ ގުޅޭ ތަފްސީލުތައް ހާމަކުރުމުގެ ކުރިން، ފުލުހުންގެ އިސްވެރިން ނޫސްވެރިންނާއިއެކު ސިއްރު ބައްދަލުވުމެއް ބޭއްވިއެވެ. މި ބައްދަލުވުމުގައި ހާމަކުރެވުނު މަޢުލޫމާތުތަކުގެ ތެރޭގައި، އެ އަންހެން ޒުވާނާއަކީ 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ކަމަށާއި، އޭނާއާއެކު ރައުދު އަޙްމަދު ޒިލާލް ކިޔާ ފިރިހެން ޒުވާނަކުވެސް ހުރިކަން ފުލުހުން ހާމަކުރިއެވެ.

ފުލުހުން މި މައްސަލައާ ގުޅޭ މަޢުލޫމާތު ހާމަކުރަމުން ދިޔަ ނަމަވެސް، ގިނަ ސުވާލުތަކެއް އުފެދެމުން ދިޔައެވެ. މީގެ ސަބަބުން، ރައްޔިތުންގެ މެދުގައި އެކި ވާހަކަތަކާއި ތުހުމަތުތައް ފެތުރެން ފެށިއެވެ. މީގެ ތެރޭގައި ފުލުހުންގެ އިދާރާއަށް ވެސް ބޮޑެތި ތުހުމަތުތަކެއް ކުރެވުނެވެ. ޔުމްނު އެތަނުގައި ދޫކޮށްލާފައި ރައުދު ފިލައިގެން ދިޔަކަމަށާއި، ޔުމްނާއަށް ބަޔަކު އަނިޔާކޮށްފައިވާ ކަމަށް ބުނެ ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އިތުރުވެގެން ދިޔައެވެ. ހަމައެހެންމެ ޔުމްނު ރޭޕް ކުރި ކަމަށް ބުނެވެސް މީސް މީޑިއާގެ އެކިއެކި މަންސަތަކުގައި ވާހަކަތައް ފެތުރެމުން ދިޔައެވެ.

މި ހާދިސާއާ ގުޅިގެން، ފުލުހުންނާއި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިބި ފަރާތްތަކަށް ފާޑުކިޔުންތައް އަމާޒުވެ، ބައެއް މިނިސްޓަރުންގެ އިސްތިޢުފާއަށް ގޮވާލުންތައް އިތުރުވެގެން ދިޔައެވެ. މި މައްސަލައަކީ ޤައުމީ ފެންވަރުގައި ސަމާލުކަން ލިބުނު، ނާޒުކު އަދި ސީރިއަސް މައްސަލައަކަށް ވެގެން ދިޔައެވެ.

ޔުމްނު ފުންމާލީ އަމިއްލައަށްތޯ ނުވަތަ މި މައްސަލައިގައި މީހެއްގެ ބައިވެރިވުމެއް ވޭތޯ އަދި ސާބިތު ނުވޭ—- ފޮޓޯ: ސަންގު

ފުލުހުންގެ ތަހުގީގާއި، ދިން މައުލޫމާތު:

ކުރިން ވެސް ފާހަގަކުރި ގޮތަށް 22 އޭޕްރިލްގައި ފުލުހުން ވަނީ މި މައްސަލައިގައި ސިއްރު ބައްދަލުވުމެއް ބާއްވާފައެވެ. މިކަމުގެ މައުލޫމާތުތައް އެ ސިއްރު ބައްދަލުވުމުގައި ހިއްސާކޮށްފައިވަނީ ނޫސްވެރިންނަށް އެއްވެސް މަންޒަރެއް އަދި ވީޑިއޯއެއްވެސް ރިކޯޑު ނުކުރެވޭ ގޮތަށެވެ. މި ބައްދަލުވުމުގައި ފުލުހުން ފާޙަގަކުރީ ޔުމްނު ވެއްޓުނު މައްސަލައިގައި އިތުރު މީހެއްގެ ބައިވެރިވުމެއް ނެތް ކަމަށާއި އޭނާ ފުރާޅުމައްޗަށް ވެއްޓިފައިވަނީ މީހަކުކޮށްޕައިލައިގެން ނޫންކަން ފުލުހުންގެ ތަހުގީގަށް ޔަގީންވެފައިވާ ކަމަށެވެ. ފުލުހުން ދިން މައުލޫމަތުން މައްސަލައިގައި އިތުރު ސުވާލުތަކެއް އަދި ފޫނުބެދޭ އެތައް ވާޙަކަ ތަކެއް ހުރިކަމަށް އެތައް ބަޔަކުއައީ ބުނަމުންނެވެ.

އެގޮތުން ފުލުހުންގެ މަުލޫމާތުން ޔުމްނު އަދި ރައުދު ހަރަކާތްތެރިވި އިމާރާތުގެ ފަންގިފިލާތަކުގެ މައުލޫމާތާއި އަދި ސީސީޓީވީ ފުޓޭޖުތައް ދެއްކުމުގައި ބަދަލުތަކެއް ގެނެސްފައިވާ ކަމުގެ ތުހުމަތު ކުރެވުނެވެ. ސިއްރު ބައްދަލުވުމުގައި އެމީހުން 3 ގެއަކަށް ދިޔަ ކަމަށް ބުނި ނަމަވެސް ހާދިސާ ހިނގިގޭ (ހ. ފެންޓެނޯއީ) ފިޔަވާ އެހެން އިމާރާތްތައް ބަލަން ޖެހޭ ހާލަތެއް ނެތް ކަމަށް އެރޭ ފުލުހުން ވަނީ ބުނެފައެވެ. އެހެންކަމުން ކުރިން ދިޔަ 2 ގޭގެ ނަން ފުލުހުން ފުރަތަމަ ހާމައެއް ނުކުރެއެވެ.

އޭރު އެކަމުގައި ހިމެނޭ މީހުން މަސްތުވާތަކެތި ބޭނުންކުރިކަމަށް ތަހުގީގަށް އެނގިފައިވާކަމަށް ބުނިނަމަވެސް އެކަން ކަށަވަރު ކުރުމަށް ޓެސްޓުވެސް ހަދާފައި ނުވާކަމަށާއި ހަމައެކަނި ޓެސްޓު ހެދީ ޔުމްނު އަދި ރައުދުގެ ކަމަށް ފުލުހުން އެރޭ މައުލޫމާތު ދިނެއެވެ. އަދި ރައުދު ކެނަބިސްއަށް ޕޮޒިޓިވް ކަމަށް ވަނީ ބުނެފައެވެ.

މި މައުލޫމާތުތަކަށް ފަހު ނޫސްވެރިން އެ ހާދިސާ ކަވަރު ކުރުމާއިއެކު އެ މައްސަލަ ވަރަށް ބޮޑަށް ބޮޑުވެގެން ދިޔައެވެ. އެ މައްސަލައިގައި އެކި ގޮތްގޮތަށް އެކި ވާހަކަތައް ދެކެވެމުން ދިޔައެވެ. ސޯޝަލް މީޑިއާގައި އެ ވާހަކަތައް ގަދަވެ ފުލުހުންގެ ތަހުގީގާއި މެދު ސުވާލު އުފައްދަން ފަށައި މައްސަލައިގެ އަޑު ދިޔައީ މުޅި ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ވަރަށް ބޮޑަށް ގަދަވެގެންނެވެ. އެކަމާއި ގުޅިގެން އަނެއްކާވެސް ފުލުހުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވިއެވެ.

ސިއްރު ބައްދަލުވުން ބޭއްވިތާ މާގިނަ ދުވަހެއް ނުވެ 24 އޭޕްރިލްގައި ވަނީ އަލުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ފުލުހުންގެ ކޮމިޝަނަރު ހިމެނޭގޮތަށް މަތީ ފަންތީގެ އޮފިސަރުން ވަނީ ބައިވެރިވެ ނޫސްވެރިންނަށް މަުލޫމާތު ދެއްވާފައެވެ. އެ ބައްދަލުވުމުގައި ނޫސްވެރިންގެ ގިނަ ސުވާލުތަކެއް އަމާޒުކުރެވުމާއިއެކު ވަރަށް ގިނަ ސުވާލުތަކެއް ޖަވާބު ތިލަވެގެން އައެވެ. އެހެންނަމަވެސް ސިއްރު ބައްދަލުވުމުގައި ދެއްކެވި ވާހަކަތައް ދެވަނަ ބައްދަލުވުމުގައި ބަދަލުވެފައިވާ ކަން ނޫސްވެރިންވެސް ފާހަގަކުރިއެވެ. އެ ދުވަހުގެ ސިއްރު ބައްދަލުވުމުގައި ނުދައްކާ އެތައް މަންޒަރުތަކެއް ފުލުހުން އާއްމުރައްޔިތުންނަށް ބްރޯޑްކާސްޓުކޮށްލިއެވެ. ފުޓޭޖު ދައްކާފައިވާއިރު މި ފުޓޭޖުން ދައްކާގޮތުގައި، ޔުމްނު ފުއްމާލިކަމަށް ލަފާކުރެވޭ ވަގުތުގެ ފަހުންވެސް، އެހެން ފްލޯއެއްގައި އޭނާއާއެކު ހުރި ރައުދު ވަނީ ޔުމްނުއަށް ގޮވަމުން، ހޯދަން މަސައްކަތްކޮށްފައެވެ.

މީގެއިތުރަށް އެ މީހުން ޕާޓީ ކުރިކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި 2 ގޭގެ ނަން ހާމަކޮށްފައިވާއިރު މާންދޫގެއަކީ ޓްރާންސްޕޯޓް މިނިސްޓަރ އަމީން ދިރިއުޅުއްވާ ގެއެވެ. އެހެންކަމަށް މިނިސްޓަރ އަމީން މިކަމުގައި ފުލުހުންގެ ތަހުގީގަށް ނުފޫޒު ފޯރުވާ ކަމަށާއި އަދި ހޯމް މިނިސްޓަރ އަލީ އިހުސާންވެސް މިކަމުގައި ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރެވުނެވެ.

ފުލުހުން ދިން މައުލޫމާތުތަކުގައި ފުރިހަމާ ނުވާ އެތައް މައުލޫމާލެއް ހުރިކަމުގެ ތުހުމަތު —- ފޮޓޯ: ސަންގު

މީގެއިތުރުން ފުލުހުންގެ ޕްރެސްގައި މި މައްސަލައިގައި ޔުމްނުގެ އިތުރަށް 8 މީހަކު ހިމެނޭ ކަމަށްބުނެ އެ މީހުންގެ ވަނަވަރު ވަނީ އާއްމުކޮށްފައެވެ. އަދި އެ އެންމެންގެ ފޯނު ހިފަހައްޓައި ޕާސްޕޯޓުވެސް ހިފަހައްޓައިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މައްސަލައިގައި ތުހުމަތު ކުރެވޭ މީހުގެ ތެރޭގައި:

  • ރައުދު އަހުމަދު ޒިލާލް، 21، ގ. އެރިޔަދޫ
  • އައިޝަތު ލަޔާލީ އިގުބާލް، 22، ގ. ނޯތުބްރީޒް
  • އިޒްދިޔާން މުހައްމަދު މައުމޫން، 28، މއ. މާންދޫގެދެކުނުގެ
  • ޔޫސުފް އަހްމަދު އަކްރަމް، 22، މއ. މާންދޫގެދެކުނުގެ
  • ޔޫސުފް ޔައްސާރު އަބްދުއްގަފޫރު، 28، ހ. މީނާޒް
  • އާމިނަތު ޖުނައިދާ ޖަމްޝީދު، 24، މ. ތިލަފަޅު
  • ހުސައިން ހަމީސް އަލީ، 28، އަލި/ނ. ވެލިދޫ
  • އިޖާޒު ޖާއިޒު، 24، މާތޮޑާއަވަށް އޭޕްރީލް/ގދ. ފަރެސްމާތޮޑާ

ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމަށް ޒުވާނުން މަގުމައްޗަށް ނިކުމެ މުޒާހަރާ ކުރަމުން ދިޔައިރު ހެޔޮއެދޭ ފަރާތްތަކުގެ އެހީގައި ޔުމްނު ރަޝީދު ރާއްޖެއިން ބޭރަށް ފަރުވާއަށް ގެންދިޔައެވެ. އޭގެ ފަހުން އާއިލާއިން ހާދިސާއާ ގުޅޭގޮތުން އާއިލާގެ ފަރާތުން އާންމުކުރި ވީޑިއޯއަށް ބަލާއިރު ޔުމްނު ވެއްޓުނު ކަމަށް ބުނާ ފެންޓެނޯއީ ގޭ ތެރޭގައި ހާދިސާ ހިނދި ވަގުތު 4 މީހަކު އުޅުނު ކަމަށް ޔުމްނުއާ ހަވާލާދީ އާއިލާއިން ބުންޏެވެ. ނަމަވެސް ޔައްސާރުގެ ނަން ފިޔަވާ އިތުރުނަމެއް އާއިލާއިން ހާމަކޮށްފައެއް ނުވެއެވެ.

ޔުމްނު ވެއްޓުނު މައްސަލައިގައި ހިމެނޭ އެންމެންގެ ވަނަވަރު ފުލުހުން އާއްމުކުރުން —- ފޮޓޯ: ސަންގު

ކޮންމެކއަކަސް ފުލުހުން ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހިއްސާކުރި މައުލޫމާތުތަކުގައި މައްސަލައިގައި ތުހުމަތުކުރެވޭ އެންމެހާ ފަރާތްތަކުގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢު ވިދާޅުވިއެވެ. އަދި އެ ބައްދަލުވުމުގައި ފުލުހުން ވަނީ އެ މައްސަލައިގައި ތުހުމަތުކުރެވޭ ރައުދު ހައްޔަރުކުރުމަށް ކޯޓު އަމުރަކަށް އެދުނުކަމަށް ބުނެފައެވެ. ފުލުހުން ވަނީ އެ ގުރޫޕުގައި ހިމެނޭކަމަށް ބުނާ އެންމެންގެ މައުލޫމާތުތައް ވެސް އާއްމުކޮށްފައެވެ.

ޒުވާނުން އަޑުއުފުލުން:

މި މައްސަލަ ބޮޑުވެ ޒުވާނުން މަގުމައްޗަށް ނިކުމެ ޔުމްނުގެ ހައްގުގައި ވަނީ އަޑު އުފުލާފައެވެ. ސިލްސިލާކޮށް ކޮންމެ ރެޔަކު މަގުތަކުގައި ޒުވާނުން ދިޔައީ ހަރަކާތްތެރި ވަމުންނެވެ. ޒުވާނުން، މި މައްސަލައަށް ހައްލެއް ލިބެންދެން މަގުމަތީގެ ހަރަކާތްތައް ކުރިއަށް ގެންދާނެކަމުގެ އިންޒާރު ދީފައިވެއެވެ. މުޒާހަރާތަކުގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެފައިވާކަން ފާހަގަކުރެވެއެވެ.

މި ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކުން ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން، ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން އަދި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުގެ އިސްތިއުފާއަށްގޮވާލަމުން ދިޔައެވެ. އަދި މައްސަލައިގައި މައިގަނޑު ތުހުމަތުކުރެވޭ ރައުދު ހައްޔަރުކުރުމުގައި ލަސްވި ކަމުގެ ފާޑުކިޔުންތައްވެސް އަމާޒުކުރެވުނެވެ. މި މައްސަލައިގައި އިތުރު ތަހުގީގުތައް ކުރިއަށްދާއިރު، އިހުތިޖާޖުކުރާ ފަރާތްތަކުން ވަނީ މައްސަލައިގެ ތަހުގީގު އަވަސްކޮށް، މައްސަލައިގައި ޝާމިލުވާ އެންމެހާ ފަރާތްތަކަށް ޝަރުއީ ހަމަތަކުގެ މަތިން އަދަބު ދިނުމަށް ގޮވާލާފައެވެ. އަދި މި މައްސަލަ ހޫނުވެ ޔޫތު އެޑްވައިޒަރީ ބޯޑުގައި ތިއްބެވި މީހުންގެ އިސްތިއުފާއަށް ވެސް ގޮވިއެވެ.

ޒުވާނުން އަޑުއުފުލަމުން ދިޔައިރު އެމީހުންގެ ޑިމާންޑްތަކެއް ހުރިކަމަށް އައީ ބުނަމުންނެވެ. އެގޮތުން އެ ޑިމާންޑްތަކުގައި ވަނީ:

  • މިނިސްޓަރ އަމީން އަދި މިނިސްޓަރ އިހުސާން އިސްތިއުފާ ދިނުން
  • ފުލުހުންގެ ތަހުގީގުތައް ހަމަހަމަ އުސޫލުގެ މަތިން ކުރިއަށް ގެންދިއުން
  • ދެފުއް ފެންނަ ގޮތަކަށް މައްސަލަ ކުރިއަށް ގެންދިއުން
  • ފުރިހަމަ ނޫން މައުލޫމާތު ފަތުރާފައިވާތީ ރައްޔިތުން، ޒުވާނުން އަދި އާއިލާގެ ކިބައިން މާފަށް އެދުން
  • މިނިވަން ތަހުގީގެއް ކުރިއަށް ގެންދަން ބޭނުންވާ ކަމަށް ވަނީ ބުނެފައެވެ
  • ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ ކިބައިން މާފަށް އެދުން

މިކަމާއި ގުޅިގެން ޔޫތު އެޑްވައިޒަރީ ބޯޑުގެ ގިނަ މެމްބަރުންތަކެއް އިސްތިއުފާ ދިނެވެ. އަދި ހަމަ އެއާއިއެކު ސަރުކާރުން ވެސް ފިޔަވަޅުތަކެއް އެޅިއެވެ. އެގޮތުން އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ޔޫތު އެޑްވައިޒަރީ ބޯޑުން ވަކި ކުރިއެވެ. އަދި ފުލުހުންގެ ކޮމިޝަނަރުވެސް އިސްތިއުފާ ދެއްވީ ޒުވާނުންގެ ހަރަކާތުގެ ތެރެއިންނެވެ.

ޔުމްނު ވެއްޓުނު މައްސަލައިގައި ޒުވާނުން ގެންދިޔައީ ވަރުގަދަ ރެލީތަކެއް ސިއްސިލާކޮށް ކުރިއަށް ގެންދަމުން —- ފޮޓޯ: ސަންގު

ރައުދުގެ ބަންދާއި މެދު ގޮތެއް ކަނޑައެޅުން:

ރައުދުގެ ބަންދުގެ ކަންކަން ކުރިއަށް ދިޔަގޮތުން އެންމެ ފުރަތަމަ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހީ 5 ދުވަހަށެވެ. އެއަށްފަހު، އަނެއްކާވެސް 20 ދުވަހަށް ބަންދުގެ މުއްދަތު އިތުރުކުރިއެވެ. އެއާއެކު، އޭނާގެ ވަކީލުން ބަންދާ ގުޅޭ އަމުރު ބާތިލުކޮށްދޭން ހައިކޯޓަށް މައްސަލައެއް ހުށަހެޅިއެވެ.

ވަކީލުން ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ބަޔާންކޮށްފައި އޮތީ ބަންދު އަމުރު ނެރުމުގައި ގޯސްތަކެއް ހެދިފައިވާ ކަމަށެވެ. އެ ވާހަކައަށް ބާރު ލިބިގެން ދިޔައީ ހައިކޯޓަށް މައްސަލަ ހުށަހަޅައި، މައްސަލަ ތާވަލުކޮށްފައި އޮއްވައި ފުލުހުން ކުއްލި ގޮތަކަށް ރައުދު ބަންދުން ދޫކޮށްލުމާ ގުޅިގެންނެވެ. އަދި ބަންދުން ދޫކޮށްލުމަށްފަހު ”ފްރެޝް އަމުރަކާއެކު“ އަނެއްކާވެސް ރައުދު ހަމަ އެ ދުވަހު ހައްޔަރުކުރީއެވެ. މި މައްސަލައިގެ ތަހުގީގު ނިންމައި ފުލުހުންގެ ފަރާތުން ދައުވާކޮށްދޭން އެދި މައްސަލަ ޕީޖީ އޮފީހަށް ހުށަހެޅިއިރު މައިގަނޑު 2 ކުށެއްގެ ތުހުމަތާ ގުޅޭ މައްސަލަތައް ހިމެނެއެވެ. އެއީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ މީހަކަށް އެހީތެރިވެ ނުދިނުމާއި، މަސްތުވާތަކެތި ބޭނުން ކުރުމެވެ.

މައްސަލަ ޕީޖީ އޮފީހަށް ފޮނުވުމުން ޕީޖީ އޮފީހުން މައްސަލައިގެ ލިއެކިއުންތައް ދިރާސާ ކުރުމަށްފަހު، ފުލުހުންނަށް އިރުޝާދު ދިނީ ބަންދުން ދޫކޮށްލުމަށެވެ. އަދި ރައުދުގެ މައްޗަށް ދައުވާ ކުރުމާމެދު 15 ދުވަސް ތެރޭގައި ގޮތެއް ނިންމާނެކަން ޕީޖީ އޮފީހުން ހާމަކުރިއެވެ.

ރައުދު އަހުމަދު ޒިލާލް ބަންދު ކުރި އަމުރުގެ އިސްތިއުނާފު ހައިކޯޓުން ބަލައިގެންފި—- ފޮޓޯ: ސަންގު

ސަރުކާރުން އެޅި ފިޔަވަޅުތައް:

މި މައްސަލައިގައި ސަރުކާރުގެ އެކި މިނިސްޓަރުންނަށް ވެސް އެކި ކަންކަމުގައި ތުހުމަތުތައް ކުރެވިފައިވެއެވެ އަދި ނުފޫޒުފޯރުވި ކަމާއި އެފަދަ ކަންކަމަށް ވަރަށް ބޮޑަށް ތުހުމަތުތައް ވަނީ އަމާޒުކޮށްފައެވެ. އަދި އޭގެ އިތުރަށް މިނިސްޓަރ އަމީންގެ ގޭގައި ޕާޓީ ކުރިކަމަށާއި އޭގައި ސަރުކާރުގެ އެކި މަގާމުތަކުގައި ތިބި މީހުން ހިމެނޭ ކަމަށް ވަނީ ބުނެފައެވެ. މި މައްސަލައިގައި ޔޫތު އެޑްވައިޒަރީ ބޯޑުގެ ރައީސް ދާވޫދު އަހުމަދު އިސްތިއުފާ ދިނުމާއިއެކު އޭނާ ވަނީ މަގާމުން ވަކިކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަ ސެކްރެޓެރީ ފޯ ސްޓްރެޓެޖިކް ކޮމިއުނިކޭޝަން މަގާމުގައި ހުންނެވި އިޒްދިޔާން މުހައްމަދު މައުމޫންވެސް މަގާމުން ވަކިކުރެއްވިއެވެ. އަދި އެ މައްސަލަ ބެލުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން، ރިޔާސީ ގަރާރަކުން ވަނީ އެމައްސަލަ ބެލުމަށް ކޮމިޝަނެއް އެކުލަވާލައިފައެވެ. އެންމެ ފުރަތަމަ އެ ކޮމިޝަން އެކުލަވާލީ 3 މީހުން ހިމެނޭގޮތަށް ނަމަވެސް ކޮމިޝަނުގައި އެކުލެވޭ މުހައްމަދު ހަބީބް އިސްތިއުފާ ދެއްވީއެވެ. ހަބީބް އިސްތިއުފާދެއްވީ ރައުދު އަހުމަދު ޒިލާލް އާއި ގުޅުމެއް އޮންނާތީއެވެ.

އެކޮމިޝަން އުފެއްދެވި އިރު ޑޮކްޓަރ މުޙައްމަދު މުނައްވަރު، ގ. ހަސަންކާރިގެ އަދި ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު، ވ. އަލްމާން އަދި ހަބީބް ތިއްބެވިއެވެ. އެހެންނަމަވެސް ހަބީބް އިސްތިއުފާ ދެއްވުމާއި ގުޅިގެން ރިޔާސީ ކޮމިޝަނަށް ބަދަލުތަކެއް ގެނެސް ޑޮކްޓަރ މުޙައްމަދު މުނައްވަރު، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު، ޑޮކްޓަރ މޫސާ މުރާދު، އަލްފާޟިލާ ޖަބީން މުޙައްމަދު އަދި އަލްފާޟިލާ އާމިނަތު އީނާސް ވަނީ ހިމަނާފައެވެ. ކޮމިޝަންގެ ރިޔާސަތު ބަލަހައްޓަވާނީ ޑޮކްޓަރ މުޙައްމަދު މުނައްވަރެވެ.

ރައީސް ރިޔާސީ ކޮމިޝަން އުފެއްދެވީ ރައީސުލްޖުމްހޫރިއްުޔާގެ އޮފީހުން ބުނި ގޮތުގައި އިންސާފުވެރި ތަހުގީގެއް ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ހިންގުމަށެވެ. އަދި އެ ކޮމިޝަނަށް ވަރަށް ބޮޑެތި ބާރުތަކެއް ރައީސް ވަނީ ދެއްވާފައެވެ. ކޮމިޝަނަށް ލިބިދޭ ބާރުތަކުގެ ތެރޭގައި ހިމެނެނީ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ، ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރު ބޭނުންކުރުމެވެ. މިއާއި އެކު ހައްޔަރު އަމުރާއި، ޖިނާއީ ތަހުގީގުތަކާއި ގުޅޭ އެންމެހައި ކޯޓު އަމުރުތަކަށް ކޯޓުގައި އެދުމުގެ ބާރު ވަނީ ލިބިދީފަ އެވެ. މި ކޮމިޝަން އުފައްދާ ސަބަބެއްކަމަށް ގަރާރުގައި ބުނީ ޔުމްނު ވެއްޓުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، އެ ހާދިސާގެ ހަގީގަތް ހޯދައި، ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިކަން ބެލުމެވެ. އަދި އެ މައްސަލައާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާ ގޮތުގެ ތަހުގީގު އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކީ ކުރުމެވެ.

މީގެއިތުރަށް މި މައްސަލައިގެ ތެރެއިން ފުލުހުންނަށް ގިނަ ފާޑުކިއުންތަކެއް އަމާޒުވެފައިވާ އަދި ތަހުގީގާ މެދު ފުލުހުންނާ ދޭތެރޭ އާންމުންގެ ނުރުހުން ބޮޑުވެފައި އޮއްވާ ޕޮލިސް ކޮމިޝަނަރުގެ މަގާމުން އަލީ ޝުޖާއު އިސްތިއުފާ ދެއްވިއެވެ. އަދި އެކަން ރައީސް ވަނީ ގަބޫލުފުޅު ކުރައްވާފައެވެ. އެހެންކަމުން އެކްޓިން ޕޮލިސް ކޮމިޝަނަރުގެ މަސްއޫލިއްޔަތު ޑެޕިއުޓީ ކަމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ފަރުހާދު ފިކުރީއާއި ހަވާލު ކުރިތާ މާ ގިނަ އިރުތަކެއް ނުވެ އެ ނިންމުން ބަދަލުކޮށް، ފުލުހުންގެ އިދާރާ ހިންގުން ވަގުތީ ގޮތުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީންއާ ހަވާލުކުރިއެވެ. ޝުޖާއު އިސްތިއުފާ ދެއްވުމުން ފުލުހުންގެ އިދާރާ ހިންގުން ހޯމް މިނިސްޓަަރު އަލީ އިހްސާން ފުރަތަމަ ހަވާލުކުރެއްވީ ޑީސީޕީ ފަރުހާދުއާ އެވެ. އަދި އެކަން ހާމަކޮށް ޕޯސްޓެއް ވެސް ކުރެއްވި އެވެ. އެކަމަކު އޭގެ ގަޑިއިރެއް ނުވަނީސް އިހުސާން އަނެއްކާވެސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ނިންމުން ބަދަލުކޮށް، ޑީސީޕީ ނަވީންއާ ފުލުހުންގެ އިދާރާ ހިންގުން ވަގުތީ ގޮތުން ހަވާލު ކުރެއްވުމަށް މިހާރު ނިންމަވާފައިވާ ކަމަށެވެ. ސަބަބެއްކަމަށް ވިދާޅުވީ ފުލުހުންގެ މިވަގުތު އެންމެ އިސްކަމެއް ދީގެން ކުރާ މަސައްކަތަކީ ޔުމްނު ވެއްޓުނު މައްސަލާގެ ތަހުގީގު ކަމަށްވުމުންނާއި އެ ތަހުގީގުގައި އިސްކޮށް ހުންނެވީ ނަވީން ކަމަށްވާތީ އެވެ.

ސަރުކާރުގެ ފިޔަވަޅުތަކުގެ ތެރެއިން މައްސަލަ ބެލުމަށް ރިޔާސީ ކޮމިޝަނެއް — ފޮޓޯ: ސަންގު

ރިޔާސީ ކޮމިޝަނުގެ ޕްރެސް:

މި ކޮމިޝަންގެ ރައީސްއަކަށް ހުންނެވި ޑރ. މުހައްމަދު މުނައްވަރު ވިދާޅުވީ ޔުމްނު ވެއްޓުނު މައްސަލަ ބަލަން ކޮމިޝަން އުފެއްދި ނަމަވެސް، އެ ކޮމިޝަނުގެ މަގުސަދު ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާތަނަށް ސާފުކޮށް ދެއްވާފައިނުވާ ކަމަށެވެ. ކޮމިޝަންގެ މަގުސަދު ސާފުކޮށް ނޭނގޭ ކަމަށް ވިދާޅުވިޔަސް، މެންޑޭޓް ވަރަށް ސާފު ކަމަށް މުނައްވަރު ވިދާޅުވި އެވެ. އަދި ކޮމިޝަންގެ މެންޑޭޓްގައި އޮތީ ހާދިސާ ހިނގި ސަބަބު ތަހުގީގުކޮށްފި ތޯ ނުވަތަ ނޫންތޯ ބެލުން ކަމަށާއި އެކަން ކޮށްފައި ނެތްނަމަ ކޮމިޝަނުން ތަހުގީގު ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔުމްނުގެ މައްސަލައިގެ ތަހުގީގު ފުލުހުން ވެސް ކުރަމުންދާ ކަމަށާއި އެހެންކަމުން ދައުލަތުގެ ދެ މުއައްސަސާއަކުން ”ޑުބްލިކޭޓް“ކޮށް މަސައްކަތްކޮށްގެން ނުވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް މުނައްވަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ކޮމިޝަނުން އެންމެ ފުރަތަމަ ކުރާނެ ކަމަކީ ފުލުހުން ކޮށްފައިވާ ތަހުގީގު ބެލުމެވެ. އަދި ފުލުހުންގެ ތަހުގީގާ މެދު ދެން ވާނެ ގޮތާ މެދު ވެސް ސުވާލު އޮތްކަން އޭނާ ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ޖުމްލް ގޮތެއްގައި މަސައްކަތް އެންމެ އަވަހަށް ނިންމުމަކީ އަމާޒުކަމުގައި މުބައްވަރު ވަނީ ވިދާޅުވެފައެވެ.

ރިޔާސީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން — ފޮޓޯ: ސަންގު

ޔުމްނުގެ އާއިލާއިން ބޭއްވި ޕްރެސް:

ޔުމްނު ވެއްޓުނު ހާދިސާ ހިނގި ވަގުތު ހ ފެންޓެނޯއީގައި ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު ހާޒިރުވެ ހުރިކަމުގެ މައުލޫމާތު އޭނާގެ ފަރާތުން ލިބިފައިވާކަމަށް އާއިލާއިން ބުނީ، ޔުމްނުއަށް ފަރުވާ ދިނުމަށް މެލޭޝިއާއަށް ގެންގޮސްފައިވާ ވަގުތެއްގައެވެ. އާއިލާގެ ފަރާތުން ނެރުނު ޕްރެސް ވީޑިއޯގައި ބުނެފައިވާގޮތުން ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާއިން އޭނާ ވެއްޓުނު ފަހުން 20 ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާކަމަށެވެ. ނަމަވެސް ސަރުކާރުގެ އެއްވެސް މުއައްސަސާއެއް ނުވަތަ ފުލުހުންގެ މުއައްސަސާއިންވެސް އެކަށީގެންވާ ގޮތަށް ތަހުގީގުތަކެއް ކޮށްފައިނުވާކަމަށް އާއިލާއިން ވަނީ ބުނެފައެވެ. އާާއިލާއިން ބުނެފައިވާގޮތުން އޭރު މީޑިއާތަކަށް މައުލޫމާތު ދޭން ނިންމާފައިވަނީ ޔުމްނުގެ ހާލަތު ރަނގަޅު ވެގެންދާން ފަށާފައި ވުމުން ޔުމްނުގެ ފަރާތުން ލިބިފައިވާ ބައެއް މައުލޫމާތުތައް ހިއްސާކުރުމުގެ ގޮތުންކަމަށް އޭރު އާއިލާއިން ބުނެފައިވެއެވެ.

އެގޮތުން ފެންޓެނޯއީއަކީ އެ ދުވަހު އެކަނި އޭނާ ވަތް ގެއެއްކަމުގެ އިތުރުން ކެމެރާއެއްވެސް ނުހުންނަކަމަށް ފުލުހުން ބުނެފައިވާއިރު އެ ވާހަކަތައް ދޮގުކޮށް އެގެއަށް މީގެ ކުރިންވެސް ގޮސްފައިވާ ވާހަކަ ޔުމްނު ބުނެފައިވާކަމަށް މައުލޫމާތު ދީފައިވެއެވެ. އާއިލާއިން ބުނެފައިވާގޮތުން ޔުމްނު އެގެއަށް ގޮސްފައިވަނީ އެ މައްސަލައިގައި ފޮޓޯ އާންމުކޮށްފައިވާ ޔޫސުފް ޔައްސާރުގެ ދައުވަތަކަށެވެ. އެގޮތުން ފެންޓެނޯއީ ހުންނަތަނާއި އިތުރު ގެއަކަށްވެސް ގޮސްފައިވަނީ އޭނާގެ ދައުވަތަށްކަމަށް ބުނެފައިވާކަމަށް ފާހަގަކުރިއެވެ. އަދި އެގޭ ފުރާޅުން ވެއްޓުނު ހާދިސާއަކީ އަމިއްލައަށް ކުރި ކަމެއްގެ ސަބަބުން ދިމާވި ކަމެއް ނޫންކަމަށް ޔުމްނު ބުނެފައިވާކަމަށާއި ހާދިސާ ހިނގިތަނުގައި ޔައްސާރުގެ އިތުރުންވެސް ހަތަރު މީހަކު ހިމެނޭކަމަށް ބުނެފައިވާކަމަށް ހިއްސާކުރިއެވެ.

ޔުމްނުގެ އާއިލާއިން ބުނީ ފެންޓެނޯއީގައި އިތުރު ބަޔަކު އުޅުނުކަމަށް — ފޮޓޯ: ސަންގު

ހޯމް މިނިސްޓަރުގެ ބަސް:

މި މައްސަލައާއި ގުޅިގެން މިކަމުގައި ޝާމިލްވާ ހުރިހާ ފަރާތްތަކުންވެސް ބަސް ބުނެފައިވާއިރު ދާދިފަހުން ހޯމް މިނިސްޓަރު އަލީ އިހުސާންވެސް ވަނީ މި މައްސަލައާއި ގުޅިގެން ވާހަކަފުޅު ދައްކާފައެވެ. އިހުސާން ވިދާޅުވީ ފުލުހުންގެ ތަހުގީގުތައް ކުރިއަށްދަނީ ހިތު ލަފަޔަކަށް ނޫން ކަމަށާއި ހެއްކާއި ގަރީނާތަކުގެ މައްޗަށްކަމަށެވެ. އަހާ ފޯރަމްގައި އާންމުންގެ މީހަކު ވަނީ މިނިސްޓަރު އިހުސާނާއި މި މައްސަލައާއި ގުޅިގެން ސުވާލުކޮށްފައެވެ. އެގޮތުން މި މައްސަލައިގައި އެންމެ ބޮޑު ތުހުމަތުތަކެއް ކުރެވޭ ރައުދު ޒިލާލް، މައްސަލަ ފެންމަތިވުމާއިއެކު ހައްޔަރު ނުކުރީ ކީއްވެގެންތޯ ސުވާލުކޮށްފައިވެއވެެ.

މިނިސްޓަރު އިހުސާން ވިދާޅުވީ މިއީ މިހާރުވެސް ބަލަމުންދާ މައްސަލައެއްކަމަށާއި، މި މައްސަލައިގައި އެންމެ ފުރަތަމަ ފުލުހުން ރެސްޕޮންޑް ކުރި ކަމަކީ ވެއްޓިފައި އޮތް ފުރާނަ ހުރި ކުއްޖާއަށްކަމަށެވެ. އެގޮތުން ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުން ފާހަގަކުރެއްވިއެވެ. ދެން ފުލުހުން ތަހުގީގު ފެށީ ކަން ހިނގައި ދިޔަ ގޮތް ބެލުމަށްކަމަށް ވިދާޅުވިއެވެ. ރައުދު ފާހަގަވީ އެ މަސައްކަތުގެ ތެރެއިން ސީސީޓީވީ ފުޓޭޖުންކަމަށާއި، އެއާއިއެކު އޭނާ މަސްތުވާތަކެއްޗަށްވެސް ޓެސްޓުކޮށްފައިވާނެކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ އޭރު ތަހުގީގު ފެށީ މަސްތުވާތަކެތީގެ މައްސަލައަށްކަމަށެވެ. ހައްޔަރުކުރީ ފަހުން އިތުރު މައުލޫމާތުތަކެއް ލިބުމުންކަމަށް ވިދާޅުވިއެވެ. އެހެންކަމުން ފުލުހުންގެ ތަހުގީގުގައި މައްސަލައެއް ނެތްކަމަށް މިނިސްޓަރ އިހުސާން ގަބޫލުކުރައްވާ ކަން ހާމަވެގެންދެއެވެ.

ފުލުހުންގެ ތަހުގީގު ގެންދިޔައީ ރަނގަޅަށް ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި — ފޮޓޯ: ސަންގު

ނޫސްވެރިޔާގެ ޙިޔާލު:

މި މުޅި މައްސަލައަށް ނަޒަރު ހިންގާލާއިރު އެކިފަރާތްތަކުން މި ކަމުގައި ވަނީ ބަސް ބުނެފައެވެ. މުޅި މައްސަލައިގައި އެންމެ ބޮޑު އިހުމާލެއް ވެފައި ވަނީ ފުލުހުންނެއެވެ. ފުލުހުންގެ ތަހުގީގުގައި ކަންކަން ކިތަންމެ ރަނގަޅަށް ދިޔަ ކަމަށް ބުނި ނަމަވެސް، މައުލޫމާތު ފޯރުކޮށްދިނުމުގައި ވަރަށް ބޮޑަށް ވަނީ އިހުމާލުވެފައެވެ. މައްސަލަ އެންމެބޮޑަށް ހޫނުވެ، މިކަމުގައި ފުލުހުންނަށް އެތައް އިއްގިއްޔެއް ދިއްކުރަން މަޖުބޫރު ކުރުވި އެއް ސަބަބަކީ މައުލޫމާތު ފޯރުކޮށްދިނުމުގައި ފުލުހުން އަމަލުތައް ކުރިގޮތެއެވެ. އަދި ހާދިސާއެއް ހިނގާތަނެއް އެންމެ ފުރަތަމަ ސީލް ކުރުމަކީ ފުލުހުން އަބަދުވެސް އަމަލުކުރާ އިޖުރާތައް ވުމާއެކު އަދި އެ ހާދިސާގައި އެވަގުތު ވަކި ގޮތަކަށް މައްސަލަ ނުނިމޭއިރު، އާއްމުންނަށާއި އަދި މީޑިއާއަށް އެތަނަށް ވަދެ ހާދިސާ ހިނގި ސަރަހައްދު ހުޅުވާލައިފައި ބޭއްވުމަކީ މައްސަލައެއްގައި އަމަލުކުރަން އެންމެ ރަނގަޅު އުސޫލުތޯ ސުވާލު އުފެދެއެވެ. މައްްސަލައިގައި ކަންކަން ކޮންމެ ކޮޅަކަށް ބުރަވި ނަމަވެސް ތަހުގީގެއް ހިންގުމުގައި ފުރިހަމައަށް ހުރިހާ ކަމެއް ކުރިއަށް ގެންދިޔަކަމާމެދު ސުވާކު އުފެއްދުމުގެ ޖާގަދިނީ ފުލުހުންގެ މަސައްކަތްތެކެވެ. އެހެންކަމުން މުޅި މައްސަލައިގައި ކަން ހިނގައިދިޔަ ގޮތް މިއަށްވުރެ ފަސޭހަކަމާއެކު އަދި ކަންބޮޑުވުންތަކުން އެއްފަރާތްވެގެން ގެންދެވޭނެ ކަމަށް ދެކެމެވެ.

މި މައްސަލައިގައި އެންމެފަހުގެ ތަފްސީލްތައް ހޯދުމަށް ސަންގުން ވާނީ ކޮމިޝަނުގެ ރައީސް މުނައްވަރަށް އެތައް ފަހަރެއްގެ މަތިން ގުޅާފައެވެ. އެހެންނަމަވެސް ފޯނަށް ޖަވާބެއް ދީފައި ނުވާތީ މިކަމުގައި ކޮމިޝަނުން ރައުދުއާއި ސުވާލުކޮށްފައިވާ ކަމަށް ބުނެފައިވާއިރު، އެކަމާއި ގުޅިގެން ހުރި އެންމެ ފަހުގް މައުލޫމާތު ތަކަކީ ކޮބައިކަން ސާފުވެފައެއް ނުވެއެވެ. އަދި ކޮމިޝަނުގެ މަސައްކަތްތައް ހަލުވި ކަމާއެކު ނިންމާނެ ކަމަށް ވިދާޅުވެފައިވާއިރު ތަހުގީގު ނިމޭނެ ދުވަހެއް ސާފު ނުވާއިރު، ކޮމިޝަނުގެ ހިންގާ ގަވައިދުގެ 21 ވަނަ މާއްދާގައި ކަންކުރަން އޮންނަ ގޮތަށް އުސޫލާއި އިޖުރާއަތުތައް ކަނޑައެޅިތޯ ސާފުވެފައެއް ނުވެއެވެ.

އެހެންނަމަވެސް ޖޫން 1 ގައި ރިޔާސީ ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެ ކޮމިޝަނާ ހަވާލުކޮށްފައިވާ މަސައްކަތް މިހާރު ނިމެން ގާތްވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ ހަފުތާއެއް ތެރޭ، ކޮމިޝަނުން އެ މައްސަލައިގައި ތައްޔާރުކުރާ ރިޕޯޓު ރައީސް ޑރ. މުޙައްމަދު މުއިއްޒާ ހިއްސާ ކުރެވޭނެކަމަށް މެންބަރުން އުންމީދުކުރާ ކަމަށް ބުނެފައިވެއެވެ. ސުވާލަކީ ކޮމިޝަންގެ ރިޕޯޓާއިއެކު އަނިޔާގެ ޝިކާރައަކަށްވި ޒުވާނާއަށް އިންސާފް ލިބޭނެތޯއެވެ؟ ރިޔާސީ ކޮމިޝަންގެ ރިޔާސީ ރިޕޯޓާއިއެކި ވާނީ ކިހިނެއްތޯއެވެ؟

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: