ނުކުޅެދުންތެރިކަން ހުންނަ ކުދިން ތަމްސީލު ކުރާނެ މެމްބަރަކު ކުޅިވަރާ ބެހޭ ޤައުމީ މަޖިލީހުގައި ހިމަނުއްވާނެކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެފަދައިން ވިދާޅުވީ ކުޅިވަރު ޤާނޫނަށް ގެނެސްފައިވާ އިސްލާޙުތައް ތަފްސީލުކޮށްދެއްވައި ހޯމަ ދުވަހު ނޫސްވެރިންނާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
ރައީސް ވިދާޅުވީ، މިއީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްވެސް ކުޅިވަރުގެ ދާއިރާގައި ބައިވެރިވުން އިތުރު ކުރުމަށް ކުރެވޭ މުހިއްމު މަސައްކަތެއް ކަމަށެވެ. އަދި މި އިސްލާޙާއެކު އެ ފަރާތްތައް ތަމްސީލު ކުރާނެ މެމްބަރަކު ކުޅިވަރާ ބެހޭ ޤައުމީ މަޖިލީހުގައި ހިމެނިގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. މިއީ އެފަދަ ކުދިން ބާރުވެރި ކުރުވުމަށް އެޅިގެންދާނެ މުހިއްމު ފިޔަވަޅެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.
މީގެ އިތުރުން، ޖިންސީ ގޮތުން އޮންނަ ތަފާތުކުރުން ނައްތާލުމަށްވެސް މި ޤާނޫނުގެ ތެރެއިން މަގުފަހިވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މިހާރުވެސް ޖިންސީ ތަފާތު ކުރުން ނައްތާލުމަށް ރާއްޖެއިން ކުރިއެރުންތަކެއް ހޯދާފައިވާއިރު، މި އިސްލާޙާއެކު އެކަން ޤާނޫނީ ގޮތުންވެސް އިތުރަށް ބާރުގަދަ ކުރެވިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
މުއައްސަސާތަކާއި ގުޅިގެން ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ، އެފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، އަބުރުވެރި، އުފާވެރި ދިރިއުޅުމެއް އުޅުމުގެ ފުރުޞަތު ފަހި ކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

