ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅިވަރުގެ ޤާނޫނަށް ގެނައި އިސްލާޙާއެކު ހަރުދަނާ ގިނަ ބަދަލުތަކެއް އަންނާނެ: ރައީސް

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޅިވަރުގެ ޤާނޫނަށް ގެނައި އިސްލާޙާއެކު ކުޅިވަރުގެ ދާއިރާއިން ހަރުދަނާ ގިނަ ބަދަލުތަކެއް އަންނާނެކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެފަދައިން ވިދާޅުވީ ކުޅިވަރުގެ ޤާނޫނަށް 1 ވަނަ އިސްލާޙު ގެނައުމުގެ ބިލު ތަސްދީޤު ކުރެއްވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރަރައީސް ވިދާޅުވީ، މި ޤާނޫނަށް އިސްލާޙު ގެނައުމަކީ ކުޅިވަރުގެ ދާއިރާގެ އެތައް ބަޔަކު އެދެމުން ދިޔަ ކަމެއް ކަމަށެވެ.

އެންމެ މައިގަނޑު އެއް ކަމެއްގެ ގޮތުން މި އިސްލާޙުގެ ދަށުން ކުޅިވަރުގެ ދާއިރާ ލާމަރުކަޒީ ކުރެވިގެންދާ ކަމަށާއި،  އަތޮޅު ތެރޭގައިވެސް ޤައުމީ ޓީމުތަކަށް ކުޅިވަރު ކުޅޭ ކުޅުންތެރިން ހޮވުމަށް އިތުރަށް ފަސޭހަވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، މި ޤާނޫނާއެކު ސަރަޙައްދީ ކުޅިވަރު އެސޯސިއޭޝަންތައް އުފެދިގެންދާނެ ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން އަތޮޅުތަކުގެ ފެންވަރުގައިވެސް ގިނަ ކުޅުންތެރިންނަށް ފުރުސަތު ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު، ކުޅިވަރުގެ ޤައުމީ ފަންޑެއްވެސް މި ޤާނޫނާއެކު އުފެދިގެންދާނެ ކަމަށާއި، އެ ފަންޑުގެ ބޭނުން ހިފާނީ ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށްކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރު ތަރައްޤީ ކުރުމަށް މި ފަންޑުން ހޭދަ ކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

މި އިސްލާޙާއެކު މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީއަށް ޤާނޫނީ ބާރުވެރިކަން ދެވި، ޤާނޫނީ ޝަހުސަކަށް ހެދިގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިއީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްވެސް ކުޅިވަރުގެ ދާއިރާގައި ބައިވެރިވުން އިތުރު ކުރުމަށް ކުރެވޭ މުހިއްމު މަސައްކަތެއް ކަމަށެވެ. އަދި މި އިސްލާޙާއެކު އެ ފަރާތްތައް ތަމްސީލު ކުރާނެ މެމްބަރަކު ކުޅިވަރާ ބެހޭ ޤައުމީ މަޖިލީހުގައި ހިމެނިގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ޖިންސީ ގޮތުން އޮންނަ ތަފާތުކުރުން ނައްތާލުމަށްވެސް މި ޤާނޫނުގެ ތެރެއިން މަގުފަހިވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މި އިސްލާޙާއެކު ކުޅިވަރުގެ ދާއިރާއިން ދިމާވާ ކަންކަމުގެ އާބިޓްރޭޝަން ރާއްޖޭގައިވެސް ޤާއިމުކޮށް، ސްޕޯޓްސް އާބިޓްރޭޝަންވެސް ރާއްޖޭގައި ޤާއިމުކުރެވިގެންދާނެ ކަމަށެވެ.

މީގެ އިތުރުންވެސް ކުޅިވަރުގެ ދާއިރާއިން ހަރުދަނާ ގިނަ ބަދަލުތަކެއް މި ޤާނޫނާއެކު އަންނާނެކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ކުޅިވަރު ޤާނޫނަކީ ދިވެހިރާއްޖޭގެ ކުޅިވަރު ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކާއި މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އަދި ކުޅިވަރު ކްލަބް ޖަމްޢިއްޔާތައް ކުރިއަރުވައި، ޒަމާނީ ފެންވަރުގައި ދިވެހިރާއްޖޭގައި ޤައުމީ ކުޅިވަރު މަޖިލީހާއި މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް ޤާއިމުކޮށް ރެގިއުލޭޓްކޮށް، ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ފެޑެރޭޝަންތައް އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއަށް ލިބިދޭ ބާރުތައް ބަޔާންކުރާ ޤާނޫނެވެ. މި ޤާނޫނު ވުޖޫދަށް އައިސްފައިވަނީ 2015 ވަނަ އަހަރުއެވެ. މިއީ އޭގެ ފަހުން ޤާނޫނަށް އަންނަ ފުރަތަމަ އިސްލާޙެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: