ބެޑްރިޑަން ޕްރޮގްރާމަށް ހެޔޮ ބަދަލުތަކެއް ގެނެސް ގެއަށް ޒިޔާރަތްކޮށް ބަލިމީހުންނަށް ހިދުމަތް ފޯރުކޮށްދޭން ފަށާފައިވާ ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީ އާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
ސަންގު ޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމްގައި ސޯޝަލް މިނިސްޓްރީގެ ޗައިލްޑް ޕްރޮޓެކްޝަން ކޯޑިނޭޓަރ، އާސިފް ހަނީފް ވިދާޅުވީ ”ބެޑްރިޑަން“ ޕްރޮގްރާމަކީ ހެލްތު މިނިސްޓްރީއާއިއެކު 2014 ވަނަ އަހަރުން ފެށިގެންވެސް ކުރިއަށް ގެންދަމުން އަންނަ ޕްރޮގްރާމެއް ކަމަށެވެ. އާސިފް ވިދާޅުވީ މި ޕްރޮގްރާމްގައި މައިގަނޑު އޮންނަނީ ދެކަމެއް ކަމަށާއި، ފުރަތަމަ ކަމަކީ ހެލްތު މިނިސްޓްރީން އެމީހުންނަށް ބޭނުންވާ ސިއްހީ ފަރުވާ އެމީހުންނަށް ފޯރުކޮށްދިނުމާއި އެމީހުންނަށް ބޭނުންވާ އިޖުތިމާއީ ކަންކަން މިނިސްޓްރީން ފޯރުކޮށް ދިނުން ކަމަށެވެ.
މީގެއިތުރަށް ބަލިމީހާއާއި، އެމީހުން ބަލަހައްޓަން ތިބޭ މީހުންގެ ދުޅަހެޔޮކަމަށްވެސް ބަލާނެ ކަމަށް އާސިފް ވިދާޅުވިއެވެ. 2014 ވަނަ އަހަރުން ފެށިގެން ކުރަމުން އައިނަމަވެސް މި ޕްރޮގްރާމަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް އާސިފް ވިދާޅުވިއެވެ. އެގޮތުން މިކަމާއި ގުޅިގެން މައްސަލައެއް ހުށައެޅުމުން މިނިސްޓްރީ އާއި އަދި ހެލްތުން މީހަކު އެ ގެއަކަށް ޒިޔާރާތް ކުރާ ކަމަށް އާސިފް ވިދާޅުވިއެވެ. އެއަށް ފަހު ޕްރޮގްރާމަށް އެލިޖިބަލް ފަރާތެއްތޯ ބެލުމަށްފަހު ”ރޫޓިންގ ވިޒިޓް“ތައް ފެށިގެން ދާކަމަށް އާސިފް ވިދާޅުވިއެވެ.
”އެހެންވީމާ ހެލްތު މިނިސްޓްރީން ޒިޔާރާތް ކުރައްވާނ ެމަހަކު އެއް ފަހަރު އިންގޭތޯ. ދާން މަތީގައި ބާއްވައިގެން އެބޭފުޅުންނަށް އެ ދޭން ބޭނުންވާ ސިއްހީ ފަރުވާ ދިނުމަށްޓަކައި. ދެން އަޅުގަނޑުމެން އެބަ ޒިޔާރާތްކުރަން ދެމަހުން އެއްމަހުން ކަހަލަ ގޮތަކަށް އާއިލާގެ ހާލަތު ކިހިނެތްތޯ. އެތަނަކީ ދާންމަތިވެފައިވާ ފަރާތަކަށް އެކަށީގެންވާ މާހައުލެއްތޯ. އެކަންކަމާއި ގުޅިގެން އާއިލާގެ ފަރާތްތަކަށް އަޅުގަނޑުމެންނަށް ދެވޭނީ ކޮން ސަޕޯޓެއްތޯ. މިސާލަކަށް ބަލިމީހާ ބަލަހައްޓާ އިރު ބާއްވާ އެނދަކީ ހަލާކުވެފައިހުރި އެނދެއް ނަމަ މިނިޒާމުގެ ތެރެއިންވެސް މަސައްކަތްކޮށްގެން އެ ހިދުމަތްތައް އެބަ ފޯރުކޮށްދެން“
މިނިސްޓްރީގެ މައިގަނޑު މަސްއޫލިޔައްތަކީ މި ޕްރޮގްރާމްގައި އާއިލާއަށް ނުވަތަ އެ ބޭނުންވާ ފަރާތްތަކަށް ނަފްސާނީ ނުވަތަ އިޖުތިމާއީ އެހީތެރިކަން ދިނުން ކަމަށް އާސިފް ވިދާޅުވިއެވެ. އާސިފް ވިދާޅުވީ ދާންމަތިވެފައިވާ ފަރާތްތަކަށް ކޮންމެ ފަހަރަކު ހޮސްޕޓަލަށް ގެންގޮސް ފަރުވާ ހޯދުމަކީ އުނދަގޫ ކަމެއް ކަމަށެެވެ. އެހެންކަމުން މިކަމުގައިވެސް ހެލްތު މިނިސްޓްރީން އާއްމު ހިދުމަތްތަކެއް ގެއަށް ގޮސްވެސް ފޯރުކޮށްދޭ ކަމަށެވެ.

