ކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭކަން ދެނެގަނެވޭ ހިސާބުން އެޅޭ ފުރަތަމަ ފިޔަވަޅަކީ، ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ކުއްޖާ ހުރި މާހައުލަކީ ރައްކާތެރި މާހައުލެއްކަން ކަށަވަރުކުރުމާއި، އަދި އެކުއްޖާ އިތުރު އަނިޔާއަކަށް ނުލިބޭނެކަން ކަށަވަރުކުރުންކަމަށް މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްއިން ބުނެފިއެވެ.
އެ ވުޒާރާގެ ސީނިއަރ ލީގަލް ކައުންސިލާ އަލްއުސްތާޒާ ޢައިޝަތު އިފާދާ ވިދާޅުވި ގޮތުގައި ކުއްޖެއްގެ މައްސަލައެއް ރިޕޯޓު ކުރެވޭ ހިސާބުން އެކުއްޖާގެ ރައްކާތެރިކަމަށް އެޅޭ ފިޔަވަޅުތަކުގެ ތެރޭގައި، ކުއްޖާ ހުރި މާހައުލަކީ ކުއްޖާއަށް ރައްކާތެރި މާހައުލަކަށް ނުވާނަމަ، އެތަނަކުން އެކުއްޖާ ވަކިކޮށް އާއިލާގެ ތެރެއިން ރައްކާތެރިކަން ކަށަވަރުކުރެވޭނެ ފަރާތަކާއި އެކުއްޖާ ހަވާލުރުވޭނެކަމަށެވެ.
އެހެންނަމަވެސް، އާއިލާގެ ތެރެއިން އެކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދެވޭނެ އެއްވެސް ހާލަތެއް ނެތްނަމަ، މަސްލަހަތަށް ބެލުމަށްފަހު، ދައުލަތުގެ ބެލުމުގެ ދަށަށް އެކުއްޖާ ގެންނާނެކަމަށާއި، ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖާ ނަގާނީ އެންމެ ފަހު މަރުހަލާގައި ކުއްޖާގެ މަސްލަހަތަށް ބަލާ އިތުރު އެއްވެސް ގޮތެއް ނެތުމުންކަމަށް ފާހަގަކުރެއްވިއެވެ.
ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނަގާނީ ކޯޓުން ރައްކާތެރިކަމުގެ އަމުރެއް ހޯދުމަށްފަހުގައިކަމަށާއި، ރައްކާތެރިކަމުގެ އަމުރަކަށް އެދި ހުށަހެޅުމުން އެ އަމުރުގެ ތެރެއިން މައިންބަފައިންގެ ހައްޤުތައް ބަދަލުވެގެން ދަނީ ދަޢުލަތުގެ ބެލުމުގެ ދަށަށްކަމަށްވެސް ވިދާޅުވިއެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށަށް އެކުއްޖާ ގެނައުމަށް ފަހު، އާއިލާއާއި ރީއިންޓަގްރޭޓް ކުރާކަމަށްވަނީނަމަ، އާއިލާއާއި އެއްކޮށް މަސައްކަތް ކުރެވިގެން އާއިލާ ބާރުވެރި ކުރުވައިގެން އާއިލާއަށް އެކުއްޖާ އަނބުރާ ދާނެ މަގެއް ހޯދައިދިނުމަށްވެސް މަސައްކަތްކުރައްވާކަމަށް އިފާދާ ވަނީ ވިދާޅުވެފައެވެ.
އެހެންނަމަވެސް، އެކުއްޖާގެ އާއިލާއާއި ރީއިންޓެގްރޭޓް ނުކުރެވޭ ހާލަތްތަކުގައި ފޯސްޓަރިންގެ ނިޒާމުގެ ތެރެއިންވެސް އެކުއްޖާއަށް އާއިލީ ލޯތްބާއި އަޅާލުން ލިބޭނެ ފަދަ ވެއްޓަކަށް އެކުއްޖާ ގެންގޮސްދިނުންމަށް މަސައްކަތްކުރައްވާކަމަށް ފާހަގަކުރެއްވިއެވެ.

