ލ. ގަމުގައި އުޅުނު ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ ބާންދު ޝާހުމިޔާގެ ބޮލަށް ޙަމަލާދީ އޭނާ މަރާލި ކަމުގެ ދައުވާ އުފުލާފައިވާ އެރަށު ރެޑްފިޝް، އަލީ ހަމްޒާގެ މައްޗަށް ކަނޑައެޅި އަދަބާ ގުޅިގެން ހިތްހަމަނުޖެހިގެން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށް ނުކުތާތައް ހުށަހަޅައިފިއެވެ.
މި މައްސަލައިގައި އޭނާގެ މައްޗަށް އުފުލީ ހަތިޔާރު ބޭނުންކޮށްގެން، ގަސްތުގައި މީހަކު މެރުމުގެ ދައުވާއެވެ. އެގޮތުން އެ ދައުވާގައި ބުނެފައިވަނީ އޭނާ ޖޫން 9 2015 ވަނަ ދުވަހުގެ 22:00 އެހާކަންހާއިރު، ބާންދު ޝަހުމިޔާ ކިޔާ މީހަކަށް ހަމަލާ ދިން ކަމަށެވެ. އޭނާ އެކަން ކުރީ ޑަންލޮޕް ބޮއެގެން މަސްތުގެ ހާލަތުގައި ހުރެއެވެ.
ދައުލަތުން ކުރި ދައުވާގައި ބުނެފައިވަނީ ލ. ގަން ރަންދާނުގެ ފެންޑާގައި ބާންދު ޝަހުމިޔާ ނިދާފައި އޮއްވައި، ދިގު މިނުގައި ތިން ފޫޓު ހުންނަ ލަކުޑި ފަތިބުރިއަކުން އޭނާގެ މޫނުގައި ހަމްޒާ ޖެހި ކަމަށެވެ. އަދި އޭގެ ސަބަބުން ބާންދު ޝަހުމިޔާ މަރުވެފައިވާ ކަމަށް ދައުލަތުން ހުށަހެޅި ދައުވާގައި ވަނީ ބަޔާންކޮށްފައެވެ.
މި މައްސަލައިގެ ޝަރީއަތް ކުރިއަށްދިޔަގޮތަށް ބަލާއިރު، ބާންދު ޝަހުމިޔާ މަރާލިކަމަށް ތަހުގީގު މަރުހަލާގައި ހަމްޒާ ވަނީ އިއުތިރާފުވެފައެވެ. އަދި އެކަން އޭނާ ކުރި ގޮތުގެ ތަފްސީލާއި ސަބަބު ވެސް އޭރު ކިޔައިދިނެވެ.
އެހެންނަމަވެސް ކޯޓު މަރުހަލާގައި ހަމްޒާ ވަނީ ކުށަށް އިންކާރުކޮށްފައެވެ.
އޭނާ ދައުވާއަށް އިންކާރު ކުރިނަމަވެސް މި ދައުވާ ދަށު ކޯޓުގައި ކުރިއަށް ގޮސް، އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ވަނީ ޙުކުމްކޮށްފައެވެ. ނަމަވެސް އޭނާގެ މައްޗަށް ސާބިތުވީ ގަސްތުމަރުގެ ދައުވާއެއް ނޫނެވެ. އަދި އޭނާއަށް ހުކުމް ކުރުމުން ކްރިމިނަލް ކޯޓުގައި ހަޑިހުތުރު ބަހުން ވާހަކަ ދައްކާފައިވާތީ ކޯޓު ހުރުމަތް ކެނޑުމުގެ އަދަބެއްގެ ގޮތުން 15 ދުވަހުގެ ޖަލު ހުކުމެއް ވެސް އޭނާގެ މައްޗަށް އެދުވަހު އިއްވި އެވެ.
އޭނާގެ މައްޗަށް މި މައްސަލައިގައި އުފުލާފައިވާ ގަސްތުމަރުގެ ދައުވާ ސާބިތުނުވިނަމަވެސް އޭނާގެ މައްޗަށް ގަސްދަކާ ނުލައި މީހަކު މެރިކަން ސާބިތުވާކަމަށް ގާޒީ ނިންމެވިއެވެ.
އެއީ ދައުލަތުން މި މައްސަލައިގައި އުފުލާފައިވަނީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާކަމުގައިވީނަމަވެސް، އަލީ ހަމްޒާގެ އަމަލުގައި ދެކޮޅުވެރިކަމެއް އޮތްތޯ ބަލާއިރު އޭނާ ދީފައިވާ އިއުތިރާފް ބަޔާނުން ބާންދް ޝަހުމިޔާއާ މެދު ދެކޮޅުވެރިކަމެއް އޮތްކަން އެނގެން ނެތަތީއާ ގަތްލް އަމްދުގެ ރުކުންތައް އޭނާގެ އަމަލުގައި ފުރިހަމަ ނުވާކަމަށް ބުނެ، އެ މައްސަލައިގައި ކޯޓުން ޙުކުމްކުރީ އޭނާގެ މައްޗަށް ގަސްތުމަރު ސާބިތުނުވާކަމަށެވެ. އެގޮތުން އޭނާ ބޭނުންކޮށްފައިވާ ހަތިޔާރަކީ ލަކުޑި ފަތިބުރިއެއް ކަމަށާއި، އެއީ އޭގެ ޒާތުގައި މީހަކު މަރާލެވޭ ޒާތުގެ ހަތިޔާރެއް ނޫންކަމަށް ގާޒީ ވިދާޅުވިއެވެ.
އެހެންވެ އޭނާ މަރުގެ އަދަބުން ސަލާމަތްވީއެވެ. އަދި އޭނާގެ މައްޗަށް ކޯޓުން ޙުކުމްކުރީ 10 އަހަރަށް ޖަލަށް ލުމަށާއި، މަރުގެ ދިޔައިގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ދެއްކުމަށެވެ.
އެހެންކަމުން އޭނާގެ މައްޗަށް ކުށް ސާބިތުކޮށް އަދަބު ކަނޑައެޅި ގޮތް ގޯސްކަމަށް ބުނެ ދައުލަތުން މި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރީއެވެ. ދައުލަތުން ދެކޭ ގޮތުގައި އޭނާ ޙަމަލާ ދިން ގޮތާއި، ދިން ޙަމަލާއަށް ބަލާއިރު، އެއީ ހަތިޔާރެއްގެ ގޮތުގައި މި މައްސަލައިގައި ބެލެވޭނެ ޖާގައެބައޮތެވެ. އެގޮތުން ބިދޭސީ މީހާ ނިދާފައި އޮއްވައި، ބޮލުގެ މަރުވަޅާ ދިމާއަށް 3 ފަހަރު ޙަމަލާދީ ބޮޑު އަނިޔާއެއް ދީފައިވާތީ ގަސްތުމަރު ސާބިތުވާނެކަމަށް ދައުލަތުން ދެކެއެވެ.
ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިސަލް, ފަނޑިޔާރު އަލްއުސްތާޛު ޙުސައިން މަޒީދު އަދި ފަނޑިޔާރު އަލްއުސްތާޛު ޙަސަން ޝަފީޢުއެވެ.
ހައިކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައި ދައުލަތުން އިސްތިއުނާފީ ނުކުތާ ހުށަހެޅުމުން ހަމްޒާގެ ވަކީލުންވެސް ވަނީ އެ ނުކުތާތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ފަނޑިޔާރުން ކުރެއްވި ބައެއް ސުވާލުތަކަށް ދެފަރާތުންވެސް ތަފްސީލީ ގޮތެއްގައި ޖަވާބުދިނުމެވެ.

