ވަގަށް ވޭޕާއި ސިނގިރޭޓު އެތެރެ ކުރާ މައްސަލައިގައި ބޮޑެތި ޖުރިމަނާތައް ހިމަނާފައިވީ ނަމަވެސް އެ ލިބޭނެކަމަށް ގަބޫލު ނުކުރެވޭކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް ބުނި ނަމަވެސް ގާނޫނަށް އިތުރު ބަދަލުތަކެއް ގެނައުމުގެ ވިސްނުމެއް މިވަގުތު ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ ދުންފަތް ވިއްކުން ހަރުކަށިކޮށް ”ޖެނެރޭޝަނަލް ބޭން“ އެއް ގެނައުމަށް ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރުމަށް އޮތް ރަސްމިއްޔާތުގައި ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ގާނޫނު ގެނައުމުގެ ކުރިންނާއި ފަހުން ވެސް ވަގަށް ސިނގިރޭޓު އޮޅުވާލައިގެން އެތެރެ ކުރާ މައްސަލަ ބޮޑެވެ. އަދި ފަހަކަށް އައިސް އެކަންކަން އިތުރުވެފައިވާއިރު ކަސްޓަމްސްގެ މައްޗަށް ކުރެވޭ ތުހުމަތުތައް އެބަހުއްޓެވެ.
މި ބިލުގެ މަސައްކަތް މަޖިލީހުގެ ކަމާއި ގުޅޭ ކޮމިޓީގައި ކުރިޔަށް ގެންދިޔައިރު ކަމާއި ބެހޭ އެކި އިދާރާތަކާއި ބައްދަލު ކުރި އެވެ. އެގޮތުން ކަސްޓަމަސް ކޮމިޓީގައި ބުނެފައި ވަނީ ރާއްޖެ އަށް ވޭޕް އެތެރެ ކުރި މައްސަލަތަކުގައި ވަކިވަކި ފަރުދުންގެ މައްޗަށް އައިސްފައިވާ ޖޫރިމަނާގެ އަދަދު 40 މިލިއަން ރުފިޔާއަށް ވެސް އަރާ ކަމަށެވެ. އެ އިދާރާއިން ބުނި ގޮތުގައި މިއީ އެ މީހުންގެ އަތުން އެހާ ބައިވަރު ފައިސާ ދައުލަތަށް ލިބިދާނެ ކަމަށް ބުއްދި ގަބޫލު ނުކުރެވެ އެވެ.
އެކަން ފާހަގަކޮށް ”ސަންގު“ އިން ސުވާލު ކުރީ ޖުރިމަނާތައް ތަންފީޒު ކުރުމަށް، ގާނޫނަށް އިތުރު ބަދަލުތަކެއް ގެންނަން ޖެހޭތޯ އެވެ.
ހަރުކަށި އިތުރު އިސްލާހެއް ގެންނަން ޖެހޭކަމަށް ނުފެންނަކަމަށް ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިހާރު ހުރި ގާނޫނުތައް ތަންފީޒު ކުރުމަށް ސަމާލުކަން ދީގެން މަސައްކަތް ކުރެވޭނެ ކަމަށެވެ. އަދި ދައުލަތަށް ދޭން ހުރި ބޮޑެތި ޖުރިމަނާތައް ހުރިއިރު، ފާހަގަކުރެވޭ އެފަދަ މައްސަލަތައް ވަކިވަކިން ބަލައި ފައިސާ ދެއްކުމަށް އަންގައި ކުރަން ޖެހޭ މަސައްކަތް ކުރެވޭނެކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގާނޫނާއި ގަވައިދުތަކުގެ ބޭނުމެއް އޮންނަކަމަށާއި، ދައްކަން ޖެހޭ ފައިސާއެއް ޖުރިމަނާއެއް ވާނަމަ އެއަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ.
މި ކަންކަމަކީ އަޅުގަނޑުމެން އެޑްރެސް ކުރާނެ ކަންކަން.. އަޅުގަނޑަށް ޔަގީން މިހާރު ހެދިފައި ހުރި ގާނޫނުގެ ތެރެއިން، ގާނޫނީ ނިޒާމުގެ ތެރެއިން މި ކަންކަން ހައްލު ކުރެވޭނެ..
ދުންފަތުގެ އިސްތިއުމާލު ކުރުން މުޖްތަމައުގެ ތެރޭގައި ވަރަށް ބޮޑަށް ފެތުރިފައިވާކަމަށް ރައީސް މިއަދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މިހާރު އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ކުރިޔަށް ވުރެ ބޮޑު ސަމާލުކެއް ދޭނެ ކަމަށެވެ.
ވަގަށް ސިނގިރޭޓު އެތެރެ ކުރުމުގައި ޔުނިފޯމް އެޅި މުވައްސަސާތަކުގެ ބައިވެރިވުން އޮތުމާއި، އަދި އެހެން މުދަލެއްކަމަށް ބުނެ އޮޅުވާލައިގެން ދުންފަތް އެތެރެ ކުރާ މައްސަލަ މިފަހުން ބޮޑުވެފައި ވާތީ އެކަމަށް ވެސް ”ސަންގު“ އިން ވަނީ ސުވާލުކޮށްފަ އެވެ. އަދި އެ ދާއިރާގެ ތެރޭގައި ހަރުކަށި އުސޫލެއް ގެންގުޅުއްވާނެތޯ ސުވާލު ކުރުމުން ރައީސް ވިދާޅުވީ އަޅަންޖެހޭ ފިޔަވަޅުތައް ވަކިވަކީން ތަފްސީލުކޮށް ބަޔާންކޮށްފައިވާނެ ކަމަށެވެ.
މިސާލެއްގެ ގޮތުގައި ރައީސް ވިދާޅުވީ ހަމައެކަނި ތަންފީޒު ކުރުން ހިމެނޭ، ތިން މާއްދާ ގާނޫނުގައި ހިމަނާފައި އޮތުމެވެ.
އެ ތިން މާއްދާ މި ދަނީ ގެންގުޅޭކަން ފެނިއްޖެއްޔާ.. އެތެރެ ކުރުމާއި.. އެތަކެތި އެ މީހުން އަތުން އަތުލުމުގައި ކަންކަން ކުރަންޖެހޭ ގޮތް.. މިކަމުގެ ވަރަށް ޑީޓެއިލް އެބަހުރި.. އަދި އެތަކެތި ނައްތާލުމުގެ އިޖުރާއަތުތައް.. އެހެންވީމަ ތި ވިދާޅުވި ގޮތަށް ވަގަށް އެތެރެ ކުރާ މީހުންނާއި މެދު އަމަލު ކުރާނެ ގޮތް ވެސް އެބައޮތް..
ރައީސް މުއިއޒު ވިދާޅުވީ ވަގަށް އެތެރެ ކުރާ ތަކެއްޗާއި މެދު އަމަލު ކުރަން ޖެހޭ ގޮތް ގާނޫނުގައި ބަޔާން ކުރާކަމަށެވެ. އެއީ އެތަކެތި އަތުލައިގަންނަ ހިސާބުން ފެށިގެން، ނައްތާލުމާއި ހަމައަށް އަމަލު ކުރަން ޖެހޭ އިޖުރާއަތުތައްކަން ވެސް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

